Last Updated: June 17, 08:08
Wednesday, June 17, 2026
ޚަބަރު

ދިއްދޫގައި ނެއިބަރހުޑް ސަޕޯޓްް އޮފިސަރުންގެ ޚިދުމަތް ތަޢާރަފްކުރަނީ

ހއ. ދިއްދޫގައި ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް ތަޢާރަފްކުރުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ދިއްދޫ ކައުންސިލް އިދާރާގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް ދިއްދޫގައި ތަޢާރަފްކޮށް މަސައްކަތްކުރާނެ ގޮތާއި، ދިއްދޫ އަކީ ކުށްމަދު އަމާން ރަށެއްގެ ގޮތުގައި ބޭއްވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އާންމުންގެ ފަރާތުން ލިބޭ މަޢުލޫމާތުގެ އަލީގައި ތަންފީޒު ކުރަންޖެހޭ ކަންކަމުގައި ކައުންސިލްގެ ދައުރެއް ވާނަމަ އެކަމުގެ އެއްބާރުލުން ލިބޭނެ ގޮތާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން ދިއްދޫ ކައުންސިލާއި ފުލުހުން ގުޅިގެން، ރަށުގައި އެއްގަމު ދަތުރު ފަތުރުކުރާ އުޅަނދު ރަނގަޅު ނިޒާމެއްގެ ތެރެއިން ޕާކުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

ފުލުހުންނާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތައް ކުރުމުގައި ދިއްދޫ ކައުންސިލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ކުށްމަދު އަމާން މާޙައުލެއް ރަށުގައި ޤާއިމް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ކައުންސިލްގެ ފަރާތުުން ޝުކުރު އަދާކޮށްފައިވެއެވެ.

މިބައްދަލު ކުރެއްވުމުގައި، ހއ. އަތޮޅު ކޮމާންޑަރާއި ދިއްދޫގައި މަސައްކަތްކުރާ ފުލުހުންނާއި، ދިއްދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ބައިވެރިވެލެއްވިއެވެ.