Last Updated: June 8, 10:34
Monday, June 8, 2026
ދުނިޔެ

ނަފްސާނީ އަނިޔާއަކީ މިހާރު އަޔަލެންޑުގައި ކުށެއް

އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އަޔަލެންޑުގައި މުޒާހަރާ ކުރަނީ-

އަޔަލެންޑުގެ ގާނޫނު އިސްލާހުކޮށް ގެވެށި އަނިޔާގެ ތެރޭގައި ނަފްސާނީ ގޮތުން ކުރާ އަނިޔާއާއި ކުރާ ފުރައްސާރަ ހިމަނައި އަދަބު ލިބޭ ކުށެއްގެ ގޮތުގައި ހިމަނައިފިއެވެ.

އަޔަލެންޑުގެ 'ޑޮމެސްޓިކް ވަޔަލެންސް އެކްޓް 2018' ތަސްދީގުވެ، އާ އަހަރު ފެށުނު ދުވަހު އަމަލު ކުރަން ފަށާފައިވާއިރު، ދެމަފިރިން އަދި ލޯބީގެ ގޮތުން ގުޅިގެން ތިބޭ ދެމީހުންގެ މެދުގައި އެކެއްގެ ފަރާތުން އަނެކަކަށް ޖިސްމާނީ އަނިޔާގެ ބިރުދައްކައި، ނަފްސާނީ ގޮތުން ބަލިކަށި ކުރާފަދަ އަމަލެއް ކުރިކަން ސާބިތުވެއްޖެ ނަމަ ފަސް އަހަރު ދުވަހަށް ޖަލަށް ލުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންދެއެވެ.

މިގާނޫނަށް އަމަލު ކުރަން ފެށުމާއެކު އަޔަލެންޑު ވެފައިވަނީ ދުނިޔޭގެ މިފަދަ ގާނޫނަކަށް ތަބާވާ މަދު ގައުމުތަކުގެ ލިސްޓަށް އަރާފައެވެ. އަޔަލެންޑަކީ ނަފްސާނީ ގޮތުން އަނިޔާ އާންމު ގައުމެއް ކަމަށް ހަފިންގްޓަން ޕޯސްޓް އިން ރިޕޯޓުކޮށްފައިވެއެވެ. އެގައުމުގެ ކޮންމެ ފަސް އަންހެނުންގެ ތެރެއިން އެކަކީ ބައިވެރިޔާގެ ފަރާތުން ނަފްސާނީ، ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާގެ ކޮންމެވެސް މިންވަރެއް ތަހައްމަލް ކުރާ އަންހެނެއް ކަމަށް ދިރާސާތައް ދައްކައެވެ.

ގާނޫނަށް އަމަލު ކުރަން ފެށުމަކީ ގައުމުގެ އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ހީނަރުނުގެ ދެމެހެއްޓޭނެ ކަމެއް ކަމަށް ދެކޭ ކަމަށް އަޔަލެންޑުގެ ޖަސްޓިސް މިނިސްޓަރ ޗާލީ ފްލެނެގަން ބުނެފައިވެއެވެ.

މިގާނޫނުގެ ދަށުން މަޖުބޫރުން ކައިވެނި ކުރުން ވެސް ކުށެއްގެ ގޮތުގައި ބަލައިގަނެއެވެ. އަދި އެއްކޮށް ދިރިނޫޅުނަސް ލޯބިވެރިޔާގެ ފަރާތުން އަނިޔާ ލިބެމުންދާ ކަމަށްވާނަމަ ނުވަތަ ލިބުމުގެ ބިރު ހީވެއްޖެނަމަ ކޯޓު މެދުވެރިކޮށް އޭނާ ދުރުކުރުމުގެ ބާރު ލިބިދެއެވެ.

ގާނޫނަށް އަމަލު ކުރަން ފެށުމަކީ އަންހެނުންނަށް، ޚާއްސަކޮށް އަނިޔާ ލިބެމުންދާ އަންހެނުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވިމެންސް އެއިޑްގެ ޑިރެކްޓަރ މާގްރެޓް މާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި ބަދަލު ގެނައުމަށް އަންހެނުން ތެދުވެ، އެމީހުންނާއި ދަރިން އަނިޔާއިން ސަލާމަތް ކުރުމަށް އަތުގުޅާލުމަށް މާޓިން ގޮވާލާފައިވެއެވެ.