Last Updated: June 17, 08:08
Wednesday, June 17, 2026
ޚަބަރު

އޮންލައިންކޮށް ވާކް ވިސާ ދެއްކޭނެގޮތް ހަދައިފި

އޮންލައިންކޮށް ވާކް ވިސާ ދެއްކޭނެ ގޮތް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ.

މިއަދު މީރާގެ ޓެކްސް އެކެޑެމީގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އޮންލައިންކޮށް ވިސާ ދެއްކޭނެ ގޮތް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލް އެވެ. މި ނިޒާމަކީ ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ އެހީތެރިކަމާއެކު ޤާއިމްކޮށްފައިވާ ނިޒާމެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މީރާ އަކީ ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ ތަނެއްކަން ފާހަގަކުރައްވައި މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ޔަޒީދު މުހައްމަދު ވިދާޅުވީ އެތަނުން ވީހާވެސް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރާ ކަމަށެވެ.

އަދި މީރާ އިން މިހާރުވެސް އޮންލައިންކޮށް ޚިދުމަތްތައް ދެމުންގެންދާކަން ފާހަގަކުރައްވައި ޔަޒީދު ވިދާޅުވީ، މިއަދުން ފެށިގެން ވާކް ވިސާގެ ފީ ވެސް އޮންލައިންކޮށް ދެއްކޭނެ ކަމަށެވެ.