ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް އެއް ތަނަކުން ލިބޭނެ ގޮތަކަށް gov.mvގެ ނަމުގައި ޕޯޓަލްއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކެޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އޮންލައިންކޮށް ވާކް ވިސާގެ ފީ ދެއްކޭ ޚިދުމަތް އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެގޮތުން ސަރުކާރުގެ ޚިދުމަތްތައް ހޯދުމަށްޓަކައި އެތައް ބަޔަކު ކޮންމެ ދުވަހަކު ކިއުގައި ޖެހިގެން ތިބޭކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ އޮންލައިން ޕޯޓަލްއެއް ޤާއިމްކުރުމުގެ މަސައްކަތް އެ މިނިސްޓްރީ އިން އިސްނަގައިގެން ކުރަމުންދާ ކަމަށެވެ.
މަލީހު ވިދާޅުވީ ގިނަ ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސަރުކާރުގެ ޚިދުމަތްތައް ހޯދުމަށް އެކިއެކި އިދާރާތަކުގައި ކިއުގައި ޖެހިގެން ހުރުން ކަމަށާއި، މީރާގައި އެކަނިވެސް ވާކް ވިސާ ދެއްކުމަށްޓަކައި ދުވާލެއްގެ މައްޗަށް 150 އާއި 200 އާއި ދެމެދުގެ އަދަދަކަށް މީހުން ކިއުގައި ޖެހޭ ކަމަށެވެ. އޭގެ ސަބަބުން ކުންފުނިތަކަށް ވަރަށް ބޮޑު ގެއްލުންތަކެއް ވާ ކަމަށާއި، މިއަދުން ފެށިގެން އޮންލައިންކޮށް ވިސާ ފީ ދެއްކޭނެ ނިޒާމެއް ހަމަޖެހިގެން ދިއުމަކީ އެކަމަށް ލިބޭނެ ވަރަށް ބޮޑު ޙައްލެއް ކަމަށްވެސް މަލީހު ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭ ވެބްސައިޓެއް އުފެއްދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަން ފާހަގަކުރައްވައި މަލީހު ވިދާޅުވީ، އެ މަސައްކަތް ވެސް ވަރަށް ބާރުމިނުގައި މިހާރު ކުރަމުން އަންނަ ކަމަށެވެ.