Last Updated: June 17, 08:08
Wednesday, June 17, 2026
ޚަބަރު

ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގެންފި އެވެ.

އެމަނިކުފާނު ފުލުހަށް ހާޒިރުވެވަޑައިގެންފައި ވަނީ، އެ އިދާރާ އަށް ހާޒިރުވާން ފޮނުވި ޗިޓްގައި ބުނެފައިވާ ގަޑި ކަމުގައިވާ މިއަދު 13:30 އަށެވެ. އަދި އެމަނިކުފާނު ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގެންފައި ވަނީ ފުލުހުންގެ އެންގުމާއި އެއްގޮތަށް، އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ހ. ދޫވެހިން ނިކުމެވަޑައިގެން އެމްއެންޑީއެފްގެ ކާރެއްގަ އެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމާ ގުޅިގެން ޕީޕީއެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން މިހާރު ތިއްބެވީ ބޮޑުތަކުރުފާނު މަގުގައި ބީއެމްއެލްއާ ހިސާބުގައި މަޑުކޮށްލައިގެންނެވެ.

މީގެ ކުރިން މިދިޔަ މަހުގެ 15 ވަނަ ދުވަހު ވެސް ޔާމީން ފުލުހަށް ހާޒިރު ކުރިއެވެ. އެދުވަހު ހާޒިރު ކުރެވުނީ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ސާވިސްއިން ގެންދަނީ ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިހުރި ފައިސާތަކެއްގެ މައްސަލަ ބަލަމުން ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރު ތެރޭ އެކި ފަހަރު މަތިން ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، އެ ފައިސާގެ މުއާމަލާތްތައް ހިންގާފައިވާ ކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި ޝައްކުކުރެވޭ މުއާމަލާތްތައް ހުރުމުން އެކަން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެ ދުވަހު ޔާމީން ހާޒިރުކޮށް ސުވާލު ކުރުމުން އެމަނިކުފާނު ވަނީ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.