ސ. ގަމުން ސީދާ ލަންކާއަށް ދަތުރު ފެށުމަށް ސްރީލަންކަން އިން މަސައްކަތްކުރަމުން އަންނަ އިރު އެކަމާއި އެންމެ ދެކޮޅު ހަދަނީ މޯލްޑިވިއަނުންނެވެ. ރާއްޖޭގެ ގައުމީ އެއާލައިންގެ ގޮތުގައި އޮތް މޯލްޑިވިއަނުން މިކަމާ މިހާ "ބޮޑާހާކަނީ" ކީއްވެގެން ހެއްޔެވެ؟
މޯލްޑިވިއަންގެ ތާރީހުގައި އެކުންފުންޏަށް އެންމެ ބޮޑު ފާއިދާއެއް ހޯދައިދިނީ އައްޑޫ ރައްޔިތުންނެވެ. މޯލްޑިވިއަންގެ ބޯޓުތައް އެންމެ ގިނައިން ޖެއްސީ ގަމުގެ ވައިގެ ބަނދަރުގަ އެވެ. އަދި މިހާރު ވެސް ދުވާލަކު ހަތަރު ފަސް ބޯޓު ގަމުގެ ވައިގެ ބަނދަރަށް ޖައްސަ އެވެ.
ގަމާއި ލަންކާ އާއި ދެމެދު ނުވަތަ ގަމުން ސީދާ ބޯޓު ފަހަރުތައް ރާއްޖޭން ބޭރަށް ދެވޭނެ ކަމުގެ އިންތިޒާރުގައި އައްޑޫ ރައްޔިތުން ތިބޭތާ އެތަކެއް އަހަރުވެއްޖެ އެވެ. ދިވެހި ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ އެއާޕޯޓް މިގޮތަށް "ފަޅަށް" އޮވެގެން އައްޑޫއަކަށް ދިރުމެއް ނެތެވެ. އެހެންވެ އެކަމާއި މަސައްކަތް ކުރާތާ އެތަކެއް އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އަދި މިހާތަނަށް އެކަމުގައި ކުރިއެރުމެއް ލިބިފައި ނުވެ އެވެ.
ރިއާސީ އިންތިހާބުގެ ދުވަސްވަރަކީ އާއްމުކޮށް އެންމެ ގިނައިން އައްޑޫގެ އެއާޕޯޓްގެ ވާހަކަދެކެވޭ ދުވަސްވަރެވެ. މިއަހަރު ސެޕްޓެމްބަރު 7 ގައި ބާއްވާ އިންތިހާބާއި ދިމާކޮށް އަނެއްކާވެސް މި ވާހަކައިގެ އަޑު މި ވަނީ ގަދަވެފަ އެވެ. އެއާޕޯޓް ތަރައްޤީ ކުރުމަށް އިނގިރޭސިވިލާތުގެ ލަގާން އާއި ހަވާލުކޮށް މަސައްކަތަށް ބޭނުންވާ ބައެއް ސާމާން އައްޑު އަށް ގެނެވިފައިވާ އިރު އަންނަ މަހު ލަންކާ އަށް ސީދާ ފްލައިޓް ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް މިވާހަކަ ތަކުގެ ތެރެއިން ސްރީލަންކަން އަށް ޑޮމެސްޓިކް ދަތުރުތަކަށް ހުއްދަ ދެނީ ކަމަށް ބުނެ މޯލްޑިވިއަނުން ވަނީ ދެކޮޅަށް ތެދުވިފައެވެ. މިކަމަކީ ދުނިޔޭގެ މީހުން ކުރާކަމެއް ނޫންކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
ހަފްތާއަކު ދެ ދުވަހު ގަމަށް ސްރީލަންކަން ބާއްވަން ތައްޔާރުވެފައިވާއިރު ޑޮމެސްޓިކް ހުއްދަ ނުދޭން ޖެހޭ މައިގަނޑު ސަބަބަކީ މި ސިނާއަތު ބަނގުރޫޓްވެގެން ހިނގައި ދާނެތީ އެވެ. އެކަމާއި ވާހަކަ ދައްކަނީ ހަމައެކަނި މޯލްޑިވިއަނުންނެވެ. ރާއްޖޭގެ ދެވަނަ ވައިގެ ހިދްމަތްދޭ ކުންފުނި ފްލައި މީން މިކަމާ އަޅާލައި ވާހަކައެއް ނުދައްކަ އެވެ.
މިސަބަބާއި ހެދި މޯލްޑިވިއަންގެ ހަގީގީ ކަންބޮޑުވުމާއިމެދު ސުވާލު އުފެދެއެވެ. ސްރީލަންކަންގެ ބޯޓުތައް ހަފްތާއަކު ދެ ދުވަހު ބޭއްވުމުން އައްޑޫ އެންމެންގެ ދަތުރުތައް އެދެދުވަހަށް ބަދަލުކޮށްފާނެތީ ހެއްޔެވެ؟ ނޫނީ މޯލްޑިވިއަން އިން މީހުން ދަތުރުނުކޮށް ފްލައިމީ އާއި ސްރީލަންކަން އަށް ބަދލު ވެދާނެތީ އެވެ.
މިކަމުގައި މޯލްޑިވިއަން ކަންބޮޑުު ނުވެ ކޮމްޕެޓިޝަނާއި ކުރިމަތިލާންވީއެވެ. އައްޑޫ ރައްޔިތުންގެ އެދުމަކީ ގަމުން ލަންކާއަށް ދެވޭނެ މަގު ފަހިކުރުމެވެ. މިކަމުގައި ސަރުކާރުގެ އެއްބާރުލުން ނުހަނު ބޭނުމެވެ. އައްޑޫ ރައްޔިތުން މިގޮތަށް ބަންދުވެފައި ތިބޭތާ އެތަކެއް އަހަރު ވެއްޖެ އެވެ. މޯލްޑިވިއަން ފަދަ އެންމެ ކުންފުންޏަކާ ހެދި މިކަން ހަގީގަތަކަށް ނުވެ ގޮސްގެން ނުވާނެ އެވެ.
މިހާރުވެސް މޯލްޑިވިއަންގެ ހިދްމަތާއި އަޅާ ބަލާނަމަ ފްލައިމީގެ ހިދްމަތް ބޮޑުތަން ރަނގަޅެވެ. އަދި އަމުދުން ސްރީލަންކަންގެ ދަތުރުތައް ފަށައިފިނަމަ އަގު ބޮޑުކޮށް "ދަށް" ހިދްމަތުގައި ދަތުރުކުރާނެ ބަޔަކު ނުވާނެ އެވެ. އަވަހަށް ކަންބޮޑު ނުވެ ހިދުމަތް ރަނގަޅުކޮށް ކޮމްޕެޓިޝަނާ ކުރިމަތިލާށެވެ. ބަނގުރޫޓް ވާނީ އަމިއްލަ ނާގާބިލްކަމުންނެވެ.