Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ސަރުކާރުން ތަސައްރަފު ފުދޭ ކަންތައް ކުރުން މާ ރަނގަޅު: ޔާމީން

އެސްއޯއެފްއިން ޖަމާކުރި އެއްމިލިއަން ޑޮލަރުގެ މައްސަލާގައި ފުލުހަށް ހާޒިރު ކުރުމަކީ އެއްވެސް ބުރަދަނެއް ހުރި ކަމެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި، ސަރުކާރުން ތަސައްރަފު ފުދޭ ކަންކަން ކުރުން މާރަނގަޅުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީން މިފަދައިން ވިދާޅުވެފައިވަނީ އެސްއޯއެފްއިން ޖަމާކުރި 1 މިލިއަން ޑޮލަރުގެ މައްސަލާގެ ތަހްގީގަށް މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު ފުލުހުންގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާންގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރު އޭސީސީގައި ބެހެއްޓީ ދެފަރާތުން އެއްބަސްވުމެއް ހެދުމަށްފަހުކަމަށެވެ. އަދި އެފައިސާ އަކީ އެމްއެެމްޕީއާރުސީން ގެއްލުނު ފައިސާކަން އަދި ސާބިތު ކޮށްދެވިފައި ނުވާކަމަށާއި އެފައިސާ އޭސީސީގައި ބަހައްޓަން ނުވެސް ޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ އެކައުންޓުގައި ފައިސާ ހުރިއްޔާ އެއީ ކޮން ފައިސާއެއްތޯ، ޕޮލިސް އިން އެކަން ސާފުކުރާ ހިސާބަށް ގޮސްފައި ތުހުމަތުތަކެއް ކުރީމަ އެ ތުހުމަތުތަކުން ބަރީއަވުމަށްޓަކައި އަޅުގަނޑު ދޭން ބޭނުންވާ މައުލޫމާތު، ދޭން ބޭނުންވާ ޖަވާބު ދެވޭނެ"

ޔާމީން ވިދާޅުވީ އެމަނިކުފާން ފުލުހަށް ހާޒިރު ކުރުމަކީ އެއްވެސް ބުރަދަނެއް ހުރި ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާން ފުލުހަށް ހާޒިރު ކުރުމަކީ ސަރުކާރުގެ ތަސައްރަފު ނުފުދޭކަމުން ކަމެއް ކަމަށެވެ.

"ތަސައްރަފު ފުދިގެން ސަރުކާރުން ވެސް ކަންތައް ކުރިއްޔާ ރަނގަޅުވާނީ. އަޅުގަނޑުމެންގެ ސަރުކާރު ހިނގާ ދިޔައިރު މީހުންގެ މައްސަލަތަކުގައި ބޮޑެތި ޖަރީމާ ހިންގިއްޔަ ނޫނީ މީހުން ތަހުގީގަށް ހާޒިރުކޮށް މިކަހަލަ ކަންތަކެއް ނުކުރަން"

ޔާމީން ވިދާޅުވީ އެމަނިކުފާންގެ ވެރިކަމުގައި މިފަދަ ގޮތަކަށް މީހުން ފުލުހަށް ހާޒިރުކޮށް ނަހަދާކަމަށެވެ. އަދި އެމަނިކުފާން ފުލުހަށް ހާޒިރު ކުރުމުން ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ.