Last Updated: June 17, 06:17
Wednesday, June 17, 2026
ޚަބަރު

ޒިނޭ ކުރި އަންހެނަކު ރަޖަމް ކުރަން ނައިފަރު ކޯޓުން ޙުކުމްކޮށްފި

ޅ. ނައިފަރުގައި ޒިނޭކުރިކަން ސާބިތުވި އަންހެނަކު ރަޖަމް ކުރަން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފި އެވެ.

ކައިވެންޏެއް ކޮށްފައިވާ މި އަންހެން މީހާގެ މައްޗަށް މިއަދު މި ޙުކުމް ކޮށްފައި ވަނީ އެ ކޯޓުގެ ގާޒީ ޝެއިޚް މުހައްމަދު މޫސާ އެވެ. ނަމަވެސް މި ޙުކުމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ޤާނޫނުލް އުޤޫބާތުގެ 1205 ގައި ބުނެފައިވަނީ ޤުރުއާނުގައި ނުވަތަ އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އިސްލާމީ ޝަރީޢަތުގެ އަސްލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ ޤާނޫނާއި ކީރިތި ޤުރުއާނުގައި ކަނޑައަޅާފައިވާ ޙުކުމެއް އެމީހެއްގެ މައްޗަށް އިއްވަން ވާނެ ކަމަށެވެ.

މީގެ ތިން އަހަރު ކުރިން ގއ. ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުން ވެސް ވަނީ މީހަކު ރަޖަމު ކުރަން ޙުކުމްކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ، އެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލާ ޚިލާފަށް ކުރި ހުކުމެއް ކަމަށް ބުނެ އެ ޙުކުމް ބާތިލްކޮށްފަ އެވެ.

ޒިނޭ ކުރިކަން ސާބިތުވެ، ފަހުގެ ތާރީޚެއްގައި ވެސް ރާއްޖޭގައި މީހަކު ރަޖަމްކޮށްފައެއް ނުވެއެވެ.