Last Updated: June 17, 06:17
Wednesday, June 17, 2026
ޚަބަރު

ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސް ސޯލިހު، ލަންކާގެ ސަފީރާއި ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ސްރީ ލަންކާ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

އެމަނިކުފާނު ލަންކާ އަށް ފުރާވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި ދަތުރުފުޅަކީ ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ލަންކާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނު ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ހުވާކުރެއްވުމުގެ ކުރިން ސްރީ ލަންކާ އަށް ވަޑައިގެންފަ އެވެ.

ރައީސް މިދިޔަ ބުރާސްފަތި ދުވަހު ލަންކާ އަށް ފުރާވަޑައިގެންނެވިއިރު، އެމަނިކުފާނު ވަނީ ލަންކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މޭޖަރ ޖެނެރަލް (ރިޓަޔާޑް) ތޮރަޑެނިޔާ އާއި ވެސް ބައްދަލުކުރައްވައިފަ އެވެ.

އެގޮތުން އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ލަންކާ އާއި ދެމެދު އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވަނީ ލަންކާ އަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އެއް ރަހުމަތްތެރިޔާ ކަމަށާއި، ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ވަނީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކުރެވުނުތާ 54 އަހަރު ފުރުނުއިރު، ލަންކާ އިން ރާއްޖެއާއި މެދު ބަހައްޓާ ގާތްކަން ވެސް ފާހަގަކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ސަފީރު ތޮރަޑެނިޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މަސައްކަތުގެ މައިދާނުގައި ލަންކާގެ ގިނަ ރައްޔިތުން މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވާކަން ފާހަގަކުރައްވައި، ރާއްޖޭގައި މިހާރުވެސް ލަންކާގެ ގިނަ ރައްޔިތުންނެއް މަސައްކަތް ކުރުމަކީ އޭގެ ހެއްކެއްކަން ފާހަގަކުރައްވާފައެވެ.