ޗީފް އޮފް ޑިފެންސް އަބްދުﷲ ޝަމާލް، ސިފައިންގޭގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ސިފައިންނާއި ބައްދަލުކުރައްވައިފިއެވެ.
ރޭ ބޭއްވި މި ބައްދަލުވުމުގައި ޗީފް ޝަމާލް ވަނީ ދުވަސްވީ ޚިދުމަތްތެރިންނާ ބައްދަލުކޮށް ކަންބޮޑުވުންތަކާ ޚިޔާލުތައް ހޯއްދަވާފައެވެ. ޝަމާލް ވަނީ ސިފައިންގެ އަސްކަރީ އަޚުލާގާއި ފަންނީ ޤާބިލުކަންމަތީ ދެމިތިއްބެވުމަށް މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު އިރުޝާދު ދެއްވާފައެވެ.
ޝަމާލް މަގާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ރައީސް ޔާމީން ކަނޑައަޅުއްވާފައި ހުންނެވި ޗީފް، ޖެނެރަލް ޝިޔާމް މަގާމުން ދުރުކުރުމަށް ފަހުގައެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ނިމުމުން ޝަމާލް ވަނީ ސިފައިންގެ ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް އެ މައްސަލަ މި ސަރުކާރު އައުމަށް ފަހު ބަލައި، އަލުން ވަޒީފާ ދިނުމަށް ވަނީ ހުކުމްކޮށްފައެވެ.