ސީލައިފް ކުންފުނިން ފްލެޓު ގަތުމަށް 203 މީހަކު ދެއްކި ފައިސާ ސަރުކާރަށް ނަގައިދިނުމަށް ހުށައެޅި މައްސަލަ މަދަނީ ކޯޓުން ބަލައިގެންފިއެވެ.
ސީލައިފްގެ އިތުރުން އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީ އާ ދެކޮޅަށް 203 މީހުން ހުށައެޅި މައްސަލައިގެ ވަކީލެއްގެ ގޮތުގައި އިސްކޮށް ހުންނަވަނީ މަރިޔަމް ޝުނާނާއެވެ. ޝުނާނާ ބުނެފައިވަނީ މިމައްސަލަ އަކީ ސަރުކާރުން ޒިންމާ ނަގަން ޖެހޭ މައްސަލައެއް ކަމަށެވެ.
ސީލައިފަށް 200 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކަށް ސަރުކާރުން ހުއްދަ ދިން އިރު، އެކުންފުނީގެ އެ މާލީ ގާބިލިއްޔަތުކަން ނެތް ކަން ސަރުކާރަށް އެނގޭ ކަމަށާއި ޓްރޭޑް މިނިސްޓްރީން ފޮރިން ޕާޓްނަރުންނަށް ރާއްޖެ ދިއުމަށް ހުއްދަ ދީފައިވާކަން އެނގެން އެބަ އޮތް ކަމަށް ޝުނާނާ ވިދާޅުވިއެވެ.
ފްލެޓު ހޯދުމަށް 203 ފަރާތަކުން ސީލައިފަށް ދެއްކި ފައިސާ ހޯދުމުގައި ނާކާމިޔާބު ވެފައިވަނީ އެޗްޑީސީ އާއި ސަރުކާރުގެ އިހުމާލު އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފްލެޓު ތަކުގެ އެޑްވާންސް ޕޭމެންޓާއި ބުކިން ފީ އަދި އެހެނިހެން ފައިސާގެ ބަދަލުގައި ދޭން ޖެހޭ 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް ޝުނާނާ ވަނީ ދައުވާ ކޮށްފައެވެ.