Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

މަގުތަކާ ގުޅޭ ގޮތުން މަޝްވަރާއަކަށް!

ރައީސް ޑރ. މުހައްމަދު ވަހީދު މި މަހުގެ 8 ވަނަ ދުވަހު އައްޑު އަށް ވަޑައިގެން ތާރު އަޅައިގެން ހެދުން އިފުތިތާހުކޮށް ދެއްވި މަގުތަކާ ގުޅޭ ގޮތުން މަޝްވަރާއަކަށް ދާން ނިންމާފައިވާ ކަމަށް އައްޑު ސިޓީ ކައުންސިލުން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ކައުންސިލް އިދާރާގައި އޮތް ނިއުސް ބްރީފިންގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ރައީސް ވަޑައިގެން ހެދުމަށް ނިންމި ބައެއް މަގުތަކަކީ މިވަގުތަށް ހަދަން "އެންމެ މުހިއްމު" މަގުތައް ނޫން ކަމަށެވެ.

އެހެންވެ މަގުތައް ސެލެޓްކޮށްފައިވާ ގޮތާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީ އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ އެކު މަޝްވަރާއަކަށް ދާން މިހާރު ހަމަޖެހިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް ހެދުމަށް ނިންމި މަގުތަކަށް ބަލާ އިރު، ގިނަ ބަޔަކު އެންމެ ގިނައިން ބޭނުން ކުރާ އަދި ލިންކް ރޯޑާ އެކު ހުރަސްކޮށް ހުރި މަގުތައް ހެދުން މުހިއްމު ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މަގުތައް ހަދަން ނިންމާފައި ހުރީ އެގޮތަށް ކަމަށް ވެސް ސޯބެ ބިދާޅުވި އެވެ.

"މިސާލަކަށް ހިތަދޫ ޝަރަފުއްދީން ސްކޫލް ހުރި މަގު އެންމެ ފުރަތަމަ އިސްކަމެއް ދީގެން ހެދުމުގެ ބަދަލުގައި އެ މަގަށް އަރަން ލިންކާ ދިމާލުން އޮތް މަގުތައް ހެދުން މާ މުހިއްމު،" ސޯބެ ވިދާޅުވި އެވެ. "އެހެންވެ އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ މަގުތައް ސެލެޓްކޮށްފައި ހުރީ އެންމެ ރަނގަޅަކަށް ކަމަށް. އެހެންވެ އިތުރަށް މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭނުން ވަނީ."

ކައުންސިލުން ބުނީ މިނިސްޓްރީ އާ މަޝްވަރާކޮށްގެން މަގުތަކުގެ ސެލެކްޝަނަށް ރަނގަޅު ބަދަލުތަކެއް ގެނެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

އަލަށް ހިތަދޫގައި ހަދަން ނިންމި މަގުތަކުގެ ތެރެއިން ޝަރަފުއްދީން މަގުގެ މަސައްކަތް މެދުކަނޑާލައި، މިހާރު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ ކައުންސިލް އިދާރާ ހުންނަ މެދެއާރި މަގެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށް ރައީސް އިފުތިތާހުކޮށް ދެއްވި މަގުތަކަކީ ހިތަދޫ އައިމަލި މަގު ޝަރަފުއްދީން މަގު، ރަށްދެބައި މަގު އަދި ހަވީރީ މަގުގެ އިތުރުން އަމީނީ މަގު، ލިލީ މަގު، ސަން ލައިޓް ހިނގުން (ދެ މަގު) އާއި މެދެއާރި މަގާއި ޢާޒީ މަގެވެ.