މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިއްޙީ ހާލުކޮޅާއި ބެހޭ މަޢުލޫމާތު، އެ ޕާޓީ އިން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ އަކިލޭޝް މިޝްރާ އާއި ހިއްސާކޮށްފި އެވެ.
އެމްޓީޑީ އިން ބުނީ އެ ޕާޓީ އިން މިއަދު އިންޑިއާ ސަފީރާއި ބައްދަލުކުރައްވައި، އަދީބުގެ ސިއްޙީ ހާލުކޮޅާއި ގުޅޭ މަޢުލޫމާތުގެ އިތުރުން އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި، އެ މައްސަލަތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތުވެސް ހިއްސާކޮށްފައިވާ ކަމަށެވެ.
އަދީބުގެ ސިއްޙީ ހާލުކޮޅާ ގުޅިގެން އެމްޓީޑީ އިން ވަނީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ވެސް ބައްދަލުކޮށްފަ އެވެ.
މިދިޔަ ހަފްތާގައި އަދީބު ގޭ ބަންދުގައި ހުންނަވަނިކޮށް ޖަލަށް އަނބުރާ ގެންގޮސްފައިވާއިރު، އަދީބުގެ އާއިލާ އިން އަންނަނީ އޭނާ ޖަލަށް ގެންގޮސްފައިވަނީ ގޭ ބަންދުގައި ހުންނެވުމަށް ދިން މުއްދަތު ހަމަ ނުވަނީސް ކަމަށް ބުނަމުންނެވެ. ނަމަވެސް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ނިމިގެން ދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ގޭބަންދުގައި ބެހެއްޓުމަށް ލަފާ އެރުވި މުއްދަތު ހަމަވެފައިވާ ކަމަށެވެ.