ރާއްޖޭގެ އެކި ހިސާބުތަކުގައި މަތީ ތަޢުލީމަށް ކިޔަވައިދެމުންދާ ވިލާ ކޮލެޖުގެ އާ ކެމްޕަހެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ ކެމްޕަސް ހުޅުއްވައިދެއްވީ އެ ކޮލެޖުގެ ރެކްޓަރ، ޑރ. އަހްމަދު އަންވަރް އެވެ.
ވިލާ ކޮލެޖުން މިއަދު ހުޅުވި އާ ކެމްޕަސް ޤާއިމްކޮށްފައި ވަނީ ހުޅުމާލޭގެ ރަބަރުގަސްމަގުގަ އެވެ. އެ ކެމްޕަހުގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް މި އަހަރުގެ ޖެނުއަރީ އިންޓޭކް އަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ކެމްޕަހުގައި މިހާރު ހުޅުވާލެވިފައިވާ ކޯސްތަކުގެ ތެރޭގައި ސެޓިފިކެޓް 3 އިން ބިޒްނަސް ސްޓަޑީޒް، ސެޓިފިކެޓް 4 އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސެޓިފިކެޓް 4 އިން އެކައުންޓިން، ސެޓިފިކެޓް 4 އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ބެޗްލަރ އޮފް އާޓްްސް (އޮނާޒް) ބިޒްނަސް މެނޭޖްމަންޓް ވިތު މާކެޓިންގ ހިމެނެއެވެ.
މިއަދު ހުޅުމާލޭގައި ހުޅުވި މި ކެމްޕަހާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވިލާ ކޮލެޖުގެ ޖުމްލަ ހަތް ކެމްޕަސް ހުންނާނެ އެވެ.