Last Updated: June 10, 09:21
Wednesday, June 10, 2026
ޚަބަރު

އެމްޕީއެލްގައި ކުރާނެ މަސައްކަތެއް ނެތް އެތައް މުވައްޒަފުންނެއް އެބަތިބި: ޝާޑު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ކުރާނެ އެއްވެސް މަސައްކަތެއް ނެތް އެތައް މުވައްޒަފުންނަށް ވަޒީފާގައި ތިބިކަމަށް ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ (ޝާޑު) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަލަ ސުުރުހީ"ގައި ވާހަކަ ދައްކަވަމުން ޝާޑު ވިދާޅުވީ ރިޔާސީ އިންތިހާބާއި ދިމާކޮށް ގިނަ އަދަދެއްގެ މީހުން އެކުންފުނީގެ ވަޒީފާތަކަށް ނަގާފައިވާ ކަމަށެވެ. އަދި އެކަން ވަޒީފާތަކަށް މީހުން ވައްދާފައިވާ ގޮތުގެ ސްޓެޓިސްޓިކަށް ބަލާލުމުން ރީއްޗަށް ފެންނަން ހުރި ކަމަށެވެ.

ޝާޑު ވިދާޅުވީ ކުންފުންޏަށް ނަގާފައިވާ ގިނަ މުވައްޒަފުން ކުރާނެ މަސައްކަތެއް ކުންފުނީގައި ނެތްކަމަށެވެ. އެހެންވެ އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޑިޕާޓްމަންޓު ހެޑު އަދި އެޗްއޯޑީން މެދުވެރިކޮށް މިބަލަނީ އެފަދަ މީހުންނަށް އަދާކުރެވޭނެ މަސައްކަތެއް އޮޮތްތޯ، އެގޮތަށް ބަލާފައި މަސައްކަތް ހަވާލު ކުރުމަށް މަސަައްކަތް ކުރަމުން މިދަނީ"

ޝާޑު ވިދާޅުވީ ކުންފުނީގެ އޮޕަރޭޝަނަށް މާގިނަ ކަންކަން އިތުރުވެފައި ނުވާކަމަށެވެ. އެގޮތުން ފާއިތުވި ތަނުގައި ކުންފުނީގެ ހިދްމަތުގެ ތެރެއަށް އަލަށް އިތުރުވެފައިވަނީ ހުޅުމާލެ/ މާލެ ބަސް ދަތުރު ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މުވައްޒަފުން ނޫން އިތުރު އެތައް ބަޔަކު ވަޒީފާ އަދާ ކުރަމުން އަންނަ ކަމަށެވެ.

"ކުންފުނީގެ ބޯޑު އޮފް ޑިރެކްޓަރުންނާއި، އެމްޑީ އަދި ސީއީއޯގެ އިތުރުން މެނޭޖުމަންޓުން ބަލާނީ ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތަށް ހިންގަން، އެގޮތުން ކުންފުނީގެ މުވައްޒަފުންގެ ފައިދާ ކުންފުންޏަށް އެންމެ ބޭނުން ހިފޭނެ ގޮތަށް ބަލައި ކުރިއަށްދާނީ، މަސައްކަތެއް ނެތި މުސާރަ ދޭ ގޮތަށް ކުންފުންޏެއް ނުހިންގޭނެ"

ޝާޑު ވިދާޅުވީ އިތުރަށް ވަޒީފާއަށް ނަގާފައިވާ މީހުން ކުއްލިއަކަށް ވަޒީފާއިން ވަކި ކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ. ނަމަވެސް އެޗްއޯޑީން މަސައްކަތް ބަލައި މަސައްކަތް ހަވާލުކުރެވެން ހުރި ވަރަކަށް ހަވާލު ކުރުމަށްފަހު ބާކީ ބަޔަކު ޖެހޭނީ ކުންފުނީގެ އޮންނަ އުސޫލުގެ ތެރެއިން ދޫކޮށްލަން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޕީއެލްއަށް ގިނަ އަދަދަކަށް މުވައްޒަފުން ވަނީ ވަޒީފާތަކަށް ނަގާފައެވެ.