Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ސަލްމާން އިމްތިހާންތަކުގައި ފާސްވެފައިވާގޮތް އޭނާގެ ބައްޕަގެ ދުލުން

ބޮލީވުޑްގެ މަޝްހޫރު ފިލްމް އެކްޓަރު ސަލްމާން ޚާން ކިޔެވި ދުވަސްވަރު ފާސްވަމުން ދިޔައީ ލީކްވާ އިމްތިހާނު ކަރުދާސްތަކުގެ އެހީގައި ކަމަށް އޭނާގެ ބައްޕަ ސަލީމް ޚާން ބުނެފިއެވެ.

މަޝްހޫރު ޝޯވ" ދަ ކަޕިލް ޝަރްމާ ޝޯވ" ގައި ސަލްމާން ޚާން، އަރްބާޒް ޚާން، ސޮހެއިލް ޚާން އަދި އެ ތިންބެއިންގެ ބައްޕަ ސަލީމް ބައިވެރިވީ އެޕިސޯޑުގައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި އޭނާގެ ދަރިން ސްކޫލްގެ އިމްތިހާންތަކުގައި ފާސްވެފައިވާ ގޮތް އޭނާ ވަނީ ކިޔާދީފައެވެ.

ސަލީމްއަށް ލީކް އިމްތިހާން ކަރުދާހުގެ އެހީ އޭނާގެ ދަރިން ފާސްވުމަށް ހޯދާކަން އެނގުނު ގޮތުގެ ހާދިސާ ކިޔައިދެމުން އޭނާ ބުނެފައިވަނީ އެ ދުވަސްކޮޅު އެ ގެޔަށް ގަނޭޝްކިޔާ މީހަކު ވަރަށް ގިނައިން ދާ ކަމަށެވެ. ގަނޭޝް ދިޔުމުން އެންމެން ވެސް މާބޮޑަށް އޭނާއަށް އިހްތިރާމްކުރާ މަންޒަރު ފެނުމުން އެއީ ކާކުތޯ ސުވާލު އުފެދުނު ކަމަށެވެ.

" އަހަންނަށްވުރެ ބޮޑަށް ގޭ މީހުން އިހްތިރާމްކުރާ ގަނޭޝް މީ ކާކުތޯ އަހަރެން ހިތަށް އެރި" ސަލީމް ބުންޏެވެ.

ފަހުން އެ ގަނޭޝް އަކީ ލީކް އިމްތިހާން ކަރުދާސް ސަލްމާން މެންނަށް ގެނެސްދޭ މީހާކަން އެނގުނު ކަމަށް ވެސް ސަލީމް ބުންޏެވެ.

އެ ޝޯވގައި ސަލްމާން ޚާން ވެސް ވަނީ އެ ލީކް އިމްތިހާން ކަރުދާހުގެ އެހީގައި އޭނާ ބައެއް އިމްތިހާނު ތަކުން ފާސްވެފައިވާ ކަމަށް އެއްބަސްވެފައެވެ.