ފޭދޫ ބޮޑުމަގުގައި ތާރުއަޅައި ނިންމައި ކައުންސިލާއި ހަވަލުކުރާތާ އެއްމަސް ދުވަހުގެތެރޭގައި ފޭދޫ މަގުގެ ދެފަޅީގައި ބައްތި ޖަހައި ނިންމާނެކަމަށް ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) ވިދާޅުވެއްޖެއެވެ.
ފޭދޫގެ ތަރައްޤީގެ ކަންކަމާއި ގުޅިގެން ވާނުވާ ނޭގި އުޅެނިކޮށް ފޭދޫގެ ޒުވާނުންތަކެއް އިސްނަގައިގެން މިއަދު މެންދުރު ފޭދޫ އޮފީހުގައި ކައުންސިލަރ މިރުޒާދުއާއި އެކު ބޭއްވި ބަދަލުވުމެއްގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިރާ ވިދާޅުވީ ފޭދޫ ބޮޑު މަގުގެ ދެ ފަޅީގައި ބައްތި ޖެހުމަށް ނިންމާފައިވާ ކަމަށެވެ.
"ކައުންސިލުން ނިންމާފައި އޮންނާނީ ހިތަދޫ އާއި މަރަދޫ އަދި ފޭދޫގެ ބޮޑު މަގުގެ ދެފަޅީގައި ބައްތި ޖަހަން، އެކަމަށް ފައިސާވެސް އެބަހުރި ކައުންސިލްގައި. މަގުހަދައި ނިމުމުން ފޭދޫ ބޮޑުމަގުގެ ދެފަޅީގައި ބައްތި ޖަހާނެ"
މިރާ ވިދާޅުވީ ފޭދޫ ބޮޑުމަގުގެ ބައްތި އެއްފަޅީގައި ޖަހަން ފެށުމުން އެކަން ހުއްޓުވީ އޭނާ އަމިއްލައަށް ކަމަށާއި އެގޮތަށް ހެދީ މަގުގެ ދެފަޅީގައި ބައްތި ޖެހުމަށް ނިންމައި ބަޖެޓް އޮތުމުން ކަމަށެވެ.
ބައްދަލުވުމުގައި ބައިވެރިން ވަނީ ފޭދޫގެ ތަރައްޤީއާއި ގުޅުން ހުރި 5 ކަމެއް ހުށަހަޅާފައެވެ. އެގޮތުން ފޭދޫ ބަނދަރުގެ ސަރަހައްދުގައި ތާރު އެޅުމާއި، ފޭދޫ ވޮލީ ކޯޓުގެ ވަށައިގެން ޖަހާފައި ހުރި ދާގަނޑުތައް ހަލާކުވެ ނަގާފައިވުމުން އޭގެ ބަދަލުގައި ދާ ޖެހުވުމާއި، ފޭދޫގެ ގަބުރުސްތާނު އަލިކުރުމަށް ބައްތި ޖެހުމާއި، ފޭދޫ ބޯޅަ ދަނޑުގައި ބައްތި ޖެހުން ހިމެނެއެވެ.
މި ބައްދަލުވުމުގައި މިރާ ވިދާޅުވީ ފޭދޫ ބަނދަރު ސަރައްދުގައި ތާރު ނޭޅިގެން އުޅޭ ސަބަބެއް ނޭގޭ ކަމަށެވެ.
"ބަނދަރު އަދި ކައުންސިލާއި ހަވާލު ނުކުރޭ، އެހެންވެ ތެދަށް ބުނަންޏާ އަހަންނަކަށް ނޭގޭ ބަނދަރު ސަރަހައްދުގައި ތާރު ނޭޅިގެން އުޅޭ ސަބަބެއް، އެކަމަކު ފޭދޫ ރައްޔިތުން ބޭނުންވީމާ އަޅުގަނޑު ދެން އޮންނަ ކައުންސިލް ބައްދަލުވުމަކަށް ތިކަން ހުށަހަޅާނަން"
ބައްދަލުވުމުގެ ބައިވެރިން ބުނީ ބަނދަރު ސަރަހްދުގައި ތާރު ނޭޅިގެން އުޅެނީ ކައުންސިލުން އެކަމާއި ނޫޅޭތީކަމަށެވެ. ނަމަވެސް މިރާ އެކަން ދޮގުކުރެއެވެ.
މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ފޭދޫ ހައުސިން ޔުނިޓްތައް މީހުނަށް ނުދެވިވާ މައްސަލައާއި ބެހޭގޮތުންވެސް މިރާއަށް ސުވާލު ހުށަހެޅުނެވެ. ގިނައަދަދެއްގެ ބަަޔަކު ބައިވެރިވި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް އޮމާން ކޮށެވެ.