Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އަލީ ހުސައިންގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ނޮވެލްޓީ ޗާޕްޚާނާގެ ވެރިޔާ އަދި ތާރީހީ ލިޔުންތެރިޔާ އަލީ ހުސެއިން އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އަލީ ހުސައިންއަކީ އެތައް ދާއިރާތަކަކުން ދިވެހިންނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ބުދަ ދުވަހު ރައީސް ކުރެއްވި ތައުޒިޔާގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

އަލީ ހުސައިން އަވަހާރަވެފައިވަނީ ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އަލީ ހުސެއިންނަކީ ދިވެހި ބަހާއި ތާރީހަށް ގިނަ ގުނަ ހިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޗާފު ކުރުމުގެ ހިދްމަތް މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންދާ އިރު ފަހަކަށް އައިސް އަލީ ހުސެއިން ވަނީ ގިނަ އަދަދެއްގެ ފޮތްތަކެއް ޕަބްލިޝް ކުރައްވާފައެވެ.

އަލީ ހުސެއިންގެ ހިދްމަތުގެ އަގު ސަރުކާރުން ވަޒަންކޮށް ޗާޕުގެ މަސައްކަތް ތަރައްޤީ ކުރުމުގެ ދާއިރާއިން އާއްމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް 2003 ވަނަ އަހަރު ދީފަ އެވެ. އަދި ހިތްވަރު ދިނުމުގެ އިނާމާއި މިނިވަން 25ގެ އިނާމުވެސް އަލީ ހުސެއިންއަށް ވަނީ ސަރުކާރުން އަރުވާފައެވެ.