Last Updated: April 20, 18:15
Saturday, April 20, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ސަތާރަވަނަ ބައި)

އާއިން ބަލާހެން ހީވުމުން ފަރަހަނާޒްއިނީ އިސްއުފުލާލަންވެސް ނުކެރިފައެވެ. އެހެންހުރެފައިވެސް އާއިން ލާނެއްކަމެއް ކޮށްފާނެއޭ ހިތަށްއަރަނީއެވެ. ފަޓުލޫނު ބާލާފައި ތުވާލި އަނދެގެން ފާޚާނާއާ ދިމާއަށް ހިނގައިގެންފައިވެސް އާއިން ހުއްޓިލީ އޭނާގެ ހިތަށްވެރިވި ލާނެއް ޚިޔާލެއްގެ ސަބަބުންނެވެ. އާއިން މަޑުމަޑުން ގޮސް ފަރަހަނާޒްގެ ފުރަގަހުން ހުއްޓި ކުއްލިއަކަށް ފަރަހަނާޒްގެ މޫނުގައި ދެއަތުން ހިފަހައްޓާފައި އުފުލާލުމަށްފަހު އެމަޑު ތުންފަތުގައި ބޮސްދިނެވެ. އެފަދަ ކަމަކާމެދު ނުވެސް ވިސްނާއިން ފަރަހަނާޒަށް ލިބުނު ސިހުމުން ދެލޯބޮޑުވެގެން ދިޔައިރު، އާއިންގެ ތުންފަތުގެ ބީހުމުގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި ކަރަންޓްގެ އޮޔެވަރެއް ދުވެލިއެވެ. ހަށިގަނޑުގައިވާ ހުރިހާ ލޯލިތަކެއްކޮޅަށް ޖެހިގެން ދިޔައިރު، ހިނދުކޮޅަކަށް ނޭވާވެސް ހުއްޓުނުހެން އޭނާއަށް ހީވިއެވެ. އާއިން އޭނާ ބޭނުންވި ކަންތައް ވުމުން ލާނެއްގޮތަކަށް ހީލާފައި ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އޭރުވެސް، ބުދެއްފަދައިން ހަރަކާތް ހުސްވެފައި ފަރަހަނާޒަށް އިނދެވުނެވެ.
އާއިން ފެންވަރައިގެން ނުކުތުމުން ފަރަހަނާޒްވެސް ނިދާހެދުމެއް ހިފައިގެން ފާޚާނާއަށްވަނުމަށްޓަކައި ހިނގައިގަތެވެ.

" ތިހުރިގޮތަށްތަ ފާޚާނާއަށް ވަންނަނީ؟…ތިހެދުމާ ޝޯލްބާލާފަ ވަދެބަލަ!….އަހަރެން ނުބަލާނަމޭ…" ފަރަހަނާޒް ލަދުގަންނާނެކަން އެނގޭތީ އާއިން ގޯނާ ކޮށްލިއެވެ.

އާއިންގެ ވާހަކަތައް އިވިފައި ފަރަހަނާޒް ހުއްޓިލިއެވެ. އޭނާ ކިތަންމެ ލަގުގަތްނަމަވެސް އާއިންގެ ބަހަކާ ދެކޮޅުވާކަށް އޭނާއަކަށް ނުކެރޭނެއެވެ. އެހެންކަމުން އަނެއްފަރާތަށް އެނބުރިހުރެ، އޭނާ ޝޯލްބާލަން ފެށިއެވެ. އެމަންޒަރު ފެނިފައި އާއިންއަށް ބަލަންހުރެވުނީ ހައިރާންވެފައެވެ. އޭނާ ސަމާސާއަކަށް ބުނެލިބަހަކަށްވެސް ފަރަހަނާޒް ކިޔަމަންތެރިކަން އަދާކުރީތީއެވެ. ފަރަހަނާޒްގެ ބޮލުން ޝޯލްވަކިވުމާއެކު އެދޮން ކަނދުރާއާއި ކަޅުދިހުންކުލަ އަރާ އިސްތަށިގަނޑު ހާމަވެގެން ދިޔައެވެ. އެ ހަންއޮމާން ކަނދުރާގައި ބީހިލާހިތުން، އެމަންޒަރުބަލަން ދުރުގައި ހުރުންވީ އާއިންއަށް ދަތިކަމަކަށެވެ. ބޭއިޚްތިޔާރުގައި ފަރަހަނާޒްއާ ދިމާއަށް އޭނާ ހިނގައިގަތެވެ. ފަރަހަނާޒް ޝޯލް އެނދުމަތީގައި ބޭއްވުމަށްފަހު، ދެލޯމަރާލަމުން ހެދުން ބޭލުމަށް ތައްޔާރުވިއެވެ. އޭރު އޭނާގެ އަތްވެސް ތުރުތުރު އަޅައެވެ.

" ނާޒް…އޯކޭއޭ…ފާޚާނާއަށް ގޮސް ހެދުންބޭލިއަސް…." ފަރަހަނާޒްގެ ފުރަގަހުން ހުއްޓިލާފައި ކޮނޑުގައި ހިފަހައްޓާލަމުން އާއިން ބުނެލިއެވެ.

" އަހަރެންނަށް އެނގޭ އަހަރެން ބުނާ ކޮންމެގޮތެއްވެސް ނާޒް ހަދާނެކަން….އެކަމު އަހަރެން ބޭނުމެއްނޫން ނާޒްއަށް އެއްވެސްކަމެއް މަޖުބޫރުކުރާކަށް…" ފަރަހަނާޒްގެ ކޮނޑުގައި ދަތްދޮޅިޖައްސާލަމުން ލޯތްބާއެކު އާއިން ބުނެލިއެވެ.
އެވަގުތު އާއިންގެ ނޭވާގެ ހޫނުކަން އިހުސާސްކުރެވި، ފަރަހަނާޒްގެ ހިތުގެ ހަލަބޮލިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އާއިންގެ އަތުތެރޭގައި ބޮނޑިވެލަން އޭނާގެ ހިތްއެދެމުން ދިޔަނަމަވެސް އިސްވެ ހަރަކާތެއްވެސް ކުރަން ނުކެރިފައި އޭނާހުރީއެވެ.

" ދެންދޭ…އަވަސްކޮށްލައިގެން އާދޭ…." ފަރަހަނާޒްއާ ދުރަށްޖެހިލަމުން އާދައިގެ ގޮތަކަށް އާއިން ބުނެލިއެވެ. ފަރަހަނާޒް އަވަސް އަވަހަށް ތުވާލި ހިފައިގެން ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ.

އާއިން ނިދަން ތައްޔާރުވެގެން އެނދުގައި އޮންނަތާ އިރުކޮޅެއްފަހުން ފަރަހަނާޒް ފާޚާނާއިން ނުކުތެވެ. ނިދާހެދުންލައި އޭގެމަތިން ތުވާލި އޮޅައިގެން ފަރަހަނާޒް ހުރިގޮތް ފެނުމާއެކު އާއިންގެ ގާތަށް ހިނިއައެވެ. ކަކުލާ ހަމައަކަށް އަންނަ ކުރު އަދި އަތްކެނޑި ނިދާހެދުމާއެކީގައި އާއިންގެ ކުރިމައްޗަށް އަރަން އޭނާހުރީ ޖެހިލުންވެފައެވެ. ނަމަވެސް އެނޫންގޮތެއް ނެތުމުން ފަރަހަނާޒް މަޑުމަޑުން އައިސް އެނދުގައި އާއިންއާ ދުރުފަރާތުގައި އިށީނދެލިއެވެ. އާއިން ބަހެއްވެސް ނުބުނެ ފަރަހަނާޒްގެ ހަރަކާތްތަކަށް ބަލަން އޮތެވެ. ފަރަހަނާޒް އަވަސްހަރަކާތަކާއެކު އެނދުމަތީގައިވާ ކުއިލްޓުން އޭނާގެ ހާމައަށް އޮތްދެފައި ފޮރުވިއެވެ. އާއިން ދެންވެސް ބަހެއްނުބުނެ ފަރަހަނާޒް ހަދާގޮތެއް ބެލުމަށް އޮތެވެ. އާއިންގެ އެއްވެސް ގޯނާއެއް ނުވުމުން ފަރަހަނާޒް މަޑުމަޑުން އޮށޯވެ، ކުއިލްޓުން ހަށިގަނޑު ނިވާކޮށްލިއެވެ.

" ތުވާލިވެސް އޮޅައިގެންތަ އޮންނާނީ؟…ހަމަ އެހާ ހީކަރުވާތަ؟…އަހަރެން ހީފިލުވަދޭންތަ؟.." އެންމެފަހުން ހިމޭނުން ނޯވެވިގެން އާއިން ބުނެލިއެވެ.
ފަރަހަނާޒް އަވަސް އަވަހަށް ނޫނެކޭ ބުނެ ދެފަރާތަށް ބޯހޫރާލިއެވެ. އަދި އޭނާގެ ގައިގާ އޮޅައިގެން އޮތް ތުވާލި ނެގިއެވެ.

" ގެނޭ…އަހަރެން އަތަށް.." ތުވާއްޔަށް ހަދާނެގޮތެއް ނޭނގިގެން ފަރަހަނާޒް އޮތުމުން އާއިން އޭނާގެ އަތުން ތުވާލި އަތުލިއެވެ.

އާއިން ތުވާލި އަޅާފައި އައިއިރު، ކުއިލްޓް ތެރޭގައި ބޮނޑިވެގެން ފަރަހަނާޒް އޮތެވެ. ދެލޯމަރައިގެން އޮތް ފަރަހަނާޒްގެ މޫނަށް ބަލާލާފައި ހިނިތުންވެލަމުން އާއިން ގޮސް އެނދުގެ އަނެއްފަރާތުގައި އޮށޯތެވެ. އެނާޒްކު އަންހެން ކުއްޖާ ގެނެސް އަތުތެރޭގައި ބޮނޑިކޮށްލުމަށް އޭނާގެ ހިތްއެދިގޮވަމުން ދިޔަނަމަވެސް، އޭނާ ކެތްކޮށްލައިގެން އޮތެވެ. ފަރަހަނާޒް އޭނާއަށް މިލްކުވީތީ އޭނާގެ ހިތްވަނީ އުފަލުން ފޮޅިފައެވެ. އަނެއްކޮޅުން ފަރަހަނާޒްގެ ހިތްވެސް އެދިގޮވަނީ އާއިންގެ އަތުތެރޭގައި ވުމަށެވެ. އާއިންގެ ފޮނި ފޮނި ބަސްތަކާއި ލޯބިވެތި ގޯނާތަކުން ހިތްފުރާލުމަށެވެ.
****
މެންދަމުން އަލިވީފަހުން ޝައުންއަށް ހޭލެވުނީ ލައިގެން ގޮތް ހެދުމުގެ ސަބަބުން އުނދަގޫވެގެންނެވެ. ކަންނެތްކަމާއެކު ލޯހުޅުވާލަމުން އޭނާ ތެދުވިއެވެ. ލައިގެންހުރި ހެދުން ފެނުމުން އޭނާއަށް އިރާދަމުގެ މަންޒަރު ހަނދާނަށް އައެވެ. އެހިނދު ވޭނީ އާހެއްގެ އަޑު އޭނާގެ ހިތުންނުކުތެވެ. ޝައުން ލަސްހިނގުމެއްގައި ގޮސް އަލަމާރި ކައިރިއަށް ހުއްޓި ނިދާހެދުމެއް ނެގިއެވެ. އަދި އޭނާ ލައިގެންހުރި މެކްސީ ބާލާފައި ކޮނޑެއްގައި އަޅުވާލުމަށްފަހު އަލަމާރިއަށްލިއެވެ. ނިދާހެދުން ލައިގެން އައިސް އެނދުގައި އޮށޯވެ އަނެއްކާވެސް ނިދޭތޯ އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް ބަނޑުހައިކަން އިހުސާސްކުރެވޭތީ އޭނާއަށް ނިދޭގޮތެއް ނުވިއެވެ. އެހެންކަމުން ކޮފީއެއް ބޯލުމަށްޓަކައި އޭނާ ކޮޓަރިން ނުކުތެވެ. ކާބަޔަށް ވަދެފައި އޭނާއަށް ހުއްޓެވުނީ ކޮފީބޯން މޭޒުދޮށުގައިތިބި އިޒްޔަންއާ އުޝާ ފެނިފައެވެ. ވަގުތުން އޭނާގެ އަތްފައި ފިނިވީ ރޭގައި ހިނގާދިޔަ ކަންތައް ހަނދާންވެ ދޮންބެ ސުވާލެއް ކޮށްފާނެތީ ބިރުންނެވެ.

" އަނހާ! ޝައުން….ކިހިނެއްވީ؟…އަނެއްކާވެސް ބޮލުގަ ރިއްސަނީތަ؟.." އިޒްޔަން އެއްޗެއް ބުނުމުގެ ކުރިން އުޝާ އެހިއެވެ.

" ނޫން…މިހާރު ރަނގަޅު…ބަނޑުހައިވެގެން މިއައީ…" މަޑުމަޑުން ޝައުން ޖަވާބުދިނެވެ.

" އިށީނދޭ!…ކޮފީއެއް ހަދާދޭނަން…" ޝައުން ކޮފީހަދަން އުޅުމުން އުޝާ ބުނެލިއެވެ.

ޝައުން ޖެހިލުންވެހުރެ ގޮނޑިއެއްގައި އިށީނެވެ. އިޒްޔަން ޝައުންގެ މޫނަށް ފުންކޮށް ބަލާލިއެވެ. އެމޫނުން މާޔޫސްކަމާއި ހިތްދަތިކަން ފާޅުވާން ހުއްޓެވެ. މީގެކުރިން ދުވަހަކުވެސް އެފަދަ މާޔޫސްކަމެއް ޝައުންގެ މޫނުން އިޒްޔަންއަށް ފެނިފައެއް ނުވެއެވެ. އެއީ އަބަދުވެސް ހީލަހީލާ ހުންނަ އުފާވެރި ކުއްޖެކެވެ. އިރާދަމު ޝައުން ހިތްދަތިވެގެން ޝަކުވާކޮށް ރޮއެހެދި ހިތްދަތި މަންޒަރު އިޒްޔަންއަށް ސިފަވެ، އެކުއްޖާގެ ހާލާމެދު އެހިތް ހަމްދަރުދީއިން ފުރުނެވެ. ދުވަހަކުވެސް ހިތްދަތިކަމެއް ހިތާމައެއްނުދީ ގެންގުޅުނު އެމައުސޫމު ކުއްޖާ ރޭގައި ރުއީ ހަޤީޤަތުގައިވެސް އެހިތް ކުދިކުދިވެގެންނެވެ. އެހިތުގައި އާއިންއަށްޓަކައި އުފެދިފައި އެވަނީ އާދައިގެ ލޯތްބެއް ނޫނެވެ. އެޔަށްވުރެ މާ ގަދަފަދަ އަދި އެހާމެ ނުރައްކާތެރި ލޯތްބެކެވެ. އިޒްޔަން ކިތަންމެ ބޭނުންވީ ނަމަވެސް އޭނާއަށް އޭނާގެ އަމިއްލަ ކޮއްކޮގެ ހިތްހަމަޖެހުން ހޯދައިދެވޭކަށްނެތެވެ. އެކުއްޖާގެ ލޯބި ހޯދައިދޭން އޭނާއަށް ކުރެވޭނެ މަސައްކަތެއްވެސް ނެތެވެ.

" ޝައުންއަށް އެނގޭތަ…މިރޭ ހަތަރުދަމު ދޮންބެ ނުނިދާ…..ޝައުން ބަލިވެއުޅޭތީ….އެހެންވެ ދޮންބެދައްތައަށްވެސް ނުނިދުނީ…" ކޮފީ ތަށިހިފައިގެން އައިސް ޝައުންގެ ގާތުގައި ބަހައްޓަމުން އުޝާބުނެލިއެވެ.

އެވަގުތު ބޭއިޚްތުޔާރުގައި އޭނާއަށް އިޒްޔަންއާ ދިމާބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ވަގުތު ޝައުން އަވަހަށް އިސްޖަހާލީ ދޮންބެއަށް އޭނާގެހިތް ބޭޒާރުވީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނުވަރުންނެވެ. އުޝާ އެކި އެކި ވާހަކަދައްކަމުން ކޮފީބޮމުން ދިޔައިރު، ޝައުންއާއި އިޒްޔަން ވިސްނުމަކަށް ގެއްލިފައި ހަމަހިމޭންކަމުގައި ތިބެ ކޮފީބޮމުން ދިޔައެވެ.
****
އާދުވަހަކަށް އިރުއެރީ ހިތްތަކަށް ތަފާތު އަސަރުތައް ވެރިކުރުވަމުންނެވެ. ހެނދުނުގެ ނާސްތާކުރުމަށް ހޮޓެލްގެ ޚާއްސަ ރެސްޓޯރެންޓްގައި އާއިންމެންގެ ދެމަފިރިން ތިއްބެވެ. އެންމެ ހިނދުކޮޅަކަށްވެސް އާއިންގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. ހަމައެފަދައިން ފަރަހަނާޒްވެސް އިނީ ނުހަނު އުފަލުންނެވެ.

" އަދިވެސް ހާދަ އާވެފައޭ ތިއިންނަނީ…އަދިވެސް ހީވަނީ ބީރައްޓެއްސެ ގާތުގަ އިންނަހެން….އަނެއްކާ އަހަރެންނާ އިނދެވުނު މޮޔަހީވެފަތަ ތިއިނީ؟…" ފަރަހަނާޒް މަޑުމަޑުން އިނުމުން އާއިން ގޯނާކޮށްލިއެވެ.

" ނޫން…މިތަން ރީތިކަމުން ހަމަ ބަލާލަނީ…." ފަރަހަނާޒް އަވަހަށް ޖަވާބުދިނީ އާއިން ބުނި އެތިން ޖެހިލުންވެގެންނެވެ.

" އެހެންތަ؟…އަސްލުވެސް މިތަން ވަރަށް ރީތިދޯ….އަދި މުސްތަޤުބަލުގަ މިކަހަލަ ރީތި ކިތަންމެ ތަނަކަށް ނާޒް ގެންދާނަން..އިނޝާ ﷲ…އަހަރެންބޭނުމީ އަބަދުވެސް ނާޒް އުފަލުގަ ބަހައްޓަން…" ފަރަހަނާޒްގެ އަތުގައި ހިފާލަމުން އާއިން ސީރިއަސްކަމާއެކު ބުނެލިއެވެ. ޖަވާބުގައި ފަރަހަނާޒްވެސް ހިނިތުންވެލިއެވެ.

" އެންމެ ރަނގަޅު…ނާޒް ބުނެބަލަ…އަހަރެންނާ ކައިވެނިކުރަން އެއްބަސްވީ ކީއްވެ؟…އަހަރެން ކަމުދާތީތަ ނޫނީ ބައްޕަ ބުނެގެންތަ؟…" ކުއްލިއަކަށް އާއިން ކޮށްލި ސުވާލުން ފަރަހަނާޒްއަށް އާއިންއާ ދިމާ ބަލާލެވުނެވެ.

" ދެންބުނެބަލަ! ތިހެން ބަލަން އިނަކަސް ނޭނގޭނެއްނު…" ޖަވާބެއްނުދީ ފަރަހަނާޒް ބަލަންއިނުމުން އާއިން ބުނެލިއެވެ.

" އަހަރެން ކައިވެނިކުރީ އަމިއްލައަށް ބޭނުންވެގެން…އެއްވެސް މަޖުބޫރުކަމެއްނެތި…" ހަރުދަނާކަމާއެކު ފަރަހަނާޒް ބުނެލިއެވެ.

" މާނައަކީ އަހަރެން ކަމުގޮސްގެންނޭ ދޯ؟.." އާއިން ޔަޤީންކުރަން ބޭނުންވިއެވެ.

" ހޫމް…" ހިނިތުންވެލަމުން ފަރަހަނާޒް ޖަވާބުދިނެވެ.

" ވަރަށް އުފާވެއްޖެ…މިހާރު އެނގިއްޖެ ތިއިންނަނީ ފޫހިވެފަ ނޫންކަން…ހިތްހަމަޖެހިފަކަން…އެކަމު ތިހާ ބީރައްޓެހިކޮށް އިންނަނަމަ އެހެންމީހުންވެސް ގޯސްގޮތަކަށް ހީކޮށްފާނެ….އެމީހުން ހީކޮށްފާނެ އަހަރެން ނާޒް ކިޑްނެޕްކޮށްގެން އުޅެނީކަމަށް…" އާއިން ހީލަމުން ސަމާސާކޮށްލިއެވެ.
އާއިންގެ ކޮންމެ ސަމާސާއަކުން ފަރަހަނާޒްގެ ހިތަށް އުފާވެރިކަން ގެނުވައެވެ.
****
ތޫބާއިނީ އަރްވިންގެ ގޭގައިއެވެ. ތޫބަގެ ކައިރީގައި އޭނާގެ ފޯނަށް ނަޒަރުހުއްޓާލައިގެން އިން އަމީލާގެ ދެލޯ ކަރުނުން ވިދަވިދާ ހުއްޓެވެ.

" އަހަރެންގެ ދަރިފުޅު ހާދަ ރީއްޗޭ…މާޝާ ﷲ…ދެކުދިންވެސް އެތިބީ ކިހާ އުފަލުން….އެކުދިންގެ ކައިވެނީގާ ބަރަކާތްލައްވާށި!…" އާއިންގެ ކައިވެނީގެ ފޮޓޯތަކަށް ބަލަންއިނދެ އަމީލާ ހެޔޮދުޢާކުރިއެވެ.

" މަންމާ…ދެން ތިވަރަށް ފޮޓޯބަލަނިކޮށް އެސްފީނާ ޖެހިދާނެ…" ސޯފާގެ އަނެއްކޮޅުގައި ލެޕްޓޮޕަށް އުނގަށްލައިގެން އިން އަރްވިން ބުނެލިއެވެ.

" ތިހެން ނުބުނޭ…އިރާދަކުރެއްވިއްޔާ އަހަރެންގެ ދަރިފުޅު އަބަދުވެސް ހުންނާނީ އުފަލުގަ..އެކަމަކު އަހަރެންމީ ކިހާ ނަސީބުދެރަ މަންމައެއް….އަމިއްލަ ދަރިފުޅުގެ ކައިވެނީގެ އުފަލުގަވެސް ބައިވެރިއެއް ނުވެވުނު…" ދެރަވެލާފައި އަމީލާ ބުނިގޮތުން ތޫބާވެސް ދެރަވިއެވެ.

" މަންމާ…އަހަރެންވެސް މިހުރީނު…އަހަރެންގެ ކައިވެނީގަ މަންމަ ނަލަހެދިގެން ބޭނުންވަރަކަށް ފޮޓޯނަގަންވީ…" ލެޕްޓޮޕުން ނަޒަރު އެއްފަރާތް ކުރަމުން އަމީލާއާ ދިމާ ބަލާލާފައި އަރްވިން ބުނެލިއެވެ.

" އާނ….މަންމަ އެދުވަހަކަށް މި އިންތިޒާރު ކުރަނީ؟.." ކަރުނަ ފުހެލާފައި ހިނިތުންވެލަމުން އަމީލާ ބުންޏެވެ.

" މަންމާ….ދެން ތޫގާތު ބުނެބަލަ އަހަރެންނާ އިންނާށޭ…އަހަރެން އާދޭސްކޮށްވެސް އެއްބަހެއް ނުވިޔޭ…އަހަރެންނާ މަންމަ ބަލަން ޖެހިދާނެތީޔޯ އެހުންނަނީ ކައިވެނި ނުކުރަން…" ވައްކަޅިއަކުން ތޫބާއަށް ބަލާލަމުން އަރްވިން ބުނެލިއެވެ. އެވަގުތު ތޫބާ ކަންބޮޑުވެފައި އަރްވިންއަށް ބަލާލިއެވެ.

" މިއީ އަދި ހާދަލާނެއް ދަރިއެކޭ…މަންމައަށް އެނގޭ ތޫބާ އެފަދަ އެއްޗެއް ނުބުނާނެކަން….މަންމަ މި އިންތިޒާރު ކުރަނީ ދަރިފުޅު ކިޔަވާ ނިމިގެން މިގެޔަށް އެއްކޮށް އަންނާނެ ދުވަހަކަށް…އެދުވަހަކުން މަންމަ ވަރަށް އުފާވާނެ…" ތޫބާގެ ކޮނޑުގައި އަތް ބާއްވާލަމުން ލޯތްބާއެކު އަމީލާ ބުނެލިއެވެ.

" ހާދަ ދެރައޭ….އަހަރެންނާމެދު ވިސްނާ ހަމައެކަނުވެސް ނެތް…" އަޑަށް ހިތާމަވެރިކަން ވެރިކުރުވަމުން އަރްވިން ބުނެލިގޮތުން ތޫބާއާއި އަމީލާއަށްވެސް ހެވުނެވެ.
****
އާއިންގެ ހަޔާތަށް އުފާވެރިކަމުގެ ބަހާރު މޫސުން އައިސްފައިވާއިރު، ޝައުންގެ ހަޔާތްދިޔައީ ދުވަހެއް ދުވަހަކަށް ހަނަފަސްވެ ވީރާނާވަމުންނެވެ. ކިތަންމެ ކެތްކޮށްގެން ހުރިނަމަވެސް އެހިތުގައިވާ ރިހުން މޫނުން ފާޅުވަމުންދެއެވެ. ޝައުންގެ މިޒާޖަށް އައި ބަދަލުގެ އަސްލު އިޒްޔަންއަށް އެނގުނު ނަމަވެސް އެހެންމީހުންނަށް އެއިންކަމެއް ރޭކާނުލައެވެ.

އާއިންގެ ކައިވެނީގެ އުފަލުގައި އެންމެން ދަތުރެއް ދިއުމަށްރޭވިއެވެ. އާއިލާއާއި ރަހުމަތްތެރިންވެސް ދާތީ ޝައުންއަށްވެސް އެދަތުރުގައި ބައިވެރިވާން މަޖުބޫރުވިއެވެ. ދަތުރުދާން ހަމަޖެހުނީ ކުޑަބަނޑޮހަށެވެ. ރިސޯޓަކަށް ދިއުމަށް އުޅުމުން އާއިން އެކަން މަނާކުރީއެވެ. ދަތުރުގައި އެންމެ އިސްކޮށް އުޅުނީ މާޒްއެކެވެ. އިޒްޔަންވެސް މާޒްއާ އެހީތެރިވީނަމަވެސް އޭނާގެ މިޒާޖަށްވަނީ ބަދަލެއް އައިސްފައެވެ. ޝައުންގެ ސަބަބުން އޭނާގެ މޫޑުވަނީ ގޯސްވެފައެވެ. މިދަތުރުން ޝައުންއަށް ހިތްހަމަޖެހުމެއް ނުލިބޭނެކަން އޭނާ ރަނގަޅަށް ދަނެއެވެ. ނަމަވެސް އާއިންގެ އުފަލަށްޓަކައި އޭނާވެސް އެދަތުރުގައި ބައިވެރިވާން ބޭނުމެވެ. ފަރަހަނާޒްގެ އެދުމަށް ތޫބާވެސް ދަތުރުގައި ބައިވެރިވިއެވެ.

ޖެހިގެން އައިދުވަހުގެ އިރުއެރިއިރު އެންމެން ތިބީ ކުޑަބޮނޑުހުގެ ހިތްގައިމު ގޮނޑުދޮށުގައެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށްޓަކައި އެންމެން އަވަދިނެތި އުޅެމުން ދިޔައިރު، ޝައުންއިނީ ތަންކޮޅެއް ދުރުގައިހުރި އުނދޯއްޔެއް ގައެވެ. އޭނާގެ ނަޒަރު ރަންކުލައިގެ އުދަރެހަށް ހުއްޓިފައިވީނަމަވެސް އޭނާގެ ޚިޔާލުތައްވަނީ މާދުރުގައެވެ.

" ކީއްވެ މިތާ ތިއިނީ؟…" ކުއްލިއަކަށް އިޒްޔަންގެ އަޑުއިވިފައި ޝައުން ސިހުނެވެ.

" ކަމެއްނުވޭ….ދެންހަމައިނީ…" ދުރުބަލަން އިނދެ ޝައުން ޖަވާބުދިނެވެ.
" ކޮކީ…ދޮންބެގާތު ތެދަށް ވާހަކައެއް ބުނެފާނަންތަ؟.." ވަރަށް ސީރިއަސް ރާގެއްގައި އިޒްޔަން ސުވާލުކޮށްލުމުން ޝައުންގެ ހިތްތެޅިލިއެވެ.

" ހޫމް…އަހާބަލަ! " ހަމަ އެއިންގޮތަށް އިނދެ ޝައުން ޖަވާބުދިނެވެ.
" އާންއާ ކޮކީގެ މެދުގަ ކަމެއް ހިނގީތަ؟…" ޝައްކުގެ ނަޒަރަކުން ބަލާލަމުން އިޒްޔަން އަހާލިއެވެ.
އެވަގުތު ޝައުންއަށް ކަންބޮޑުވެފައި އިޒްޔަންއަށް ބަލާލެވުނެވެ. އެސުވާލަށް އޭނާދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ ކަމެއް ހިނގިއޭ ބުނެފިނަމަ ހިނގިކަންތައްވެސް ކިޔައިދޭން ޖެހޭނެއެވެ. ނޫނެކެވެ. އޭނާ އެއްވެސް މީހެއްގެ ގާތުގައި އެވާހަކައެއް ނުބުނާނެއެވެ.

" ނޫން..އެއްވެސް ކަމެއްނުވޭ…" ޝައުން އަވަސް އަވަހަށް ބުނެލިއެވެ.

" ދޮގެއް….ދޮންބެއަށް ހަމަޔަޤީން ތީދޮގެއްކަން…ކޮންމެވެސް ކަމެއް ނުހިނގާނަމަ ދެމީހުން ތިގޮތަކަށް ދުރުދުރުން ނޫޅޭނެ…" ވަރަށް ޔަޤީންކަމާއެކު އިޒްޔަން ބުނެލިއެވެ. އެދެމީހުންގެ މެދުގައި ގޯހެއް އުޅޭހެން އޭނާއަށް ހީވާތާ ދުވަސްތަކެއް ވެއްޖެއެވެ. އަދި ޝައުންގެ ފަރާތުން ފެނުނު ކަންތަކުގެ ސަބަބުން އޭނާއަށް އެކަން ޔަޤީންވެސް ވެއްޖެއެވެ. ކުރިން އެދެމީހުންގެ މެދުގައި އޮތް ވަރުގަދަގުޅުން ހަމަކުއްލިއަކަށް ހީނަރުވެގެން ދިޔައީ، ހިކިގަހެއް އަލިފާނުން އަނދާހުލިވާ އުސޫލުންނެވެ. ވީއިރު، ޝައުން އެބުނާ ވާހަކަ އޭނާ ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟

" ކޮންތާކަށް ތިދަނީ؟.." ކުއްލިއަކަށް ޝައުން ތެދުވުމުން އިޒްޔަން އަހާލިއެވެ.

" ސައިބޯން…ދޮންބެވެސް އާދޭ ސައިބޯން.." ބޭޒާރުވުމުގެ ކުރިން ޝައުން ބޭނުންވީ އެތަނުން ދާށެވެ.

އިޒްޔަންވެސް އިންކާރު ކުރުމެއްނެތި ދިޔަނަމަވެސް، އަދިވެސް އޭނާ ބޭނުންވާ ކަންތައް ޝައުންގެ ކިބައިން އޮޅުން ފިލުވާނެއެވެ.
ނާސްތާގެ ވަގުތުގައިވެސް އާއިންބެލީ ވީހާވެސް ބޮޑަށް ފަރަހަނާޒްއާ ގާތުގައި ހުރެވޭތޯއެވެ. އާއިން ފަހަރަކު އެއްޗެއް ފަރަހަނާޒްގެ ތައްޓަށް އަޅައިދީ ހެދިއެވެ. އަދި އެންމެނާ ސިއްރު ސިއްރުން ފަރަހަނާޒްގެ އަނގަޔަށް ކާއެއްޗެހި ލަވައިދީވެސް ހެދިއެވެ. އާއިން އުޅޭގޮތުން ފަރަހަނާޒް އިންނަނީ ހީލަހީލައެވެ.

އުފަލާއި މަޖަލުގައި ދަތުރު ކުރިޔަށް ދިޔައެވެ. އުޝާއާއި މާޒްއާ އައިރާ އަދި އިޒްވާން މޫދަށްއެރި ފެތުމުގެ ރޭހެއް ފެށިއެވެ. މޫދަށް އެރޭހިތްނެތްކަމަށް ބުނެ ޝައުން ބަހަނާ ދެއްކުމުން، އިޒްޔަންވެސް އިނީ ނޭރޭށެވެ. ނަމަވެސް އުޝާ ގޮވާވަރުން ނީނދެވިގެން އެންމެފަހުން އޭނާވެސް މޫދަށް އެރުނެވެ.
އެންމެން މޫދުގައި ސަކަރާތްޖަހާ މަންޒަރު ފެނުމުން އާއިންވެސް ފަރަހަނާޒްގެ އަތުގައި ހިފައިގެން މޫދަށް އެރުނެވެ. ބައްޕަމެންގެ ކުރިމަތީގައި ފާޅުގައި ގޯނާއެއްކުރަން ނުކެރުނު ނަމަވެސް ސިއްރު ސިއްރުން އޭނާ ފަރަހަނާޒްއަށް ގޯނާތައް ކުރަމުން ދިޔައެވެ. އެންމެންގެ ލޯތަކަށް އެކަން ސިއްރުވީނަމަވެސް ޝައުންއަށް އެހުރިހާ މަންޒަރެއް ވަރަށްސާފުކޮށް ފެންނަމުން ދިޔައެވެ. މީގެކުރިން އާއިން އެގޮތަށް ގޯނާކޮށް ސަކަރާތްޖަހައި އުޅުނުމީހަކީ ހަމައެކަނި ޝައުންއެވެ. މެލޭގައި އުޅުނުއިރު، ވޯޓާރޕާރކްއަކަށް ދިޔަނަމަވެސް އާއިން އުޅޭނީ އަބަދުވެސް ޝައުންއާއެކުގައެވެ. އެހެން އެންމެން ސަކަރާތުގައި އުޅުނުނަމަވެސް ޝައުން ދޫކޮށްފައި އޭނާ ނުދެއެވެ. ޝައުން ބިރުގެންފާނެތީއެވެ. ނުވަތަ ދެރަވެދާނެތީއެވެ. ނުވަތަ ޝައުންއަށް ގޮތެއްވެދާނެތީއެވެ. ނަމަވެސް މިއަދު ފަރަހަނާޒްއާއެކުގައި މަޖާކޮށް ސަކަރާތް ޖަހަމުން ދިޔައިރު، ޝައުން އެތާނެތްކަންވެސް އޭނާއަކަށް ނޭނގެއެވެ. އެކަނިވެ ދެރަވެފައި އިން ޝައުން މިއަދު އޭނާގެ ލޮލުގައި އަޅައެއް ނުގަތެވެ. ޝައުން ދެރަވެދާނެތީ މިއަދު އޭނާކަންބޮޑެއްވެސް ނުވެއެވެ. އެއަށްވުރެބޮޑަށް އޭނާހުރީ ނާޒް އޭނާގެ ގާތުގައިހުރީތީ އުފަލުންނެވެ. ނާޒް ނޫން މީހަކު އޭނާއަށް ނުވެސްފެންނަ ކަހަލައެވެ.

" ނުބައި އަންހެނާ….މިއަދު ކަލޭ ގެނބިގެން މަރުވާނެނަމަ ކޮންފަދަ…" ބޭއިޚްތިޔާރުގައި ޝައުންގެ ހިތުން ފަރަހަނާޒްއަށްޓަކައި ބަދުދުޢާއެއް ކުރެވުނެވެ.

" ތިހެން ދުރުގަ މަންޒަރުބަލަން ނީނދެ އާދޭ މޫދަށްއެރެން…" އާއިންމެންނަށް ނަޒަރު ހުއްޓާލައިގެން ފެންކަޅިވެފައިއިން ޝައުން ސިހުނީ އިޒްޔަންގެ އަޑުންނެވެ. ޝައުން އަވަސް އަވަހަށް އޭނާގެ ދެލޯފުހެލިއެވެ.

" ނޫން…ދޮންބެދޭ…އަހަރެން ނެތް އެރޭހިތެއް…" ޝައުން ދެކޮޅުހެދިއެވެ.

" މިހާރު ދޮންބެއަށް ޔަޤީންވެސް ވެއްޖެ ތިދެމީހުންގެ މެދުގަ ކަމެއް ހިނގައިފިކަން….ކޮކީ ބުނަން ބޭނުން ނޫނިއްޔާ ދެން ދޮންބެ އަހާނީ އާން ގާތު…އޭނާއަކަށް ނުކެރޭނެ ދޮންބެއަށް ދޮގުހަދާކަށް….މިއަދު ތިވެގެން އުޅޭގޮތެއް ސާފުކޮށްފަ ހުއްޓާލާނީ…" އިންޒާރެއްދޭފަދައަކުން އިޒްޔަން ބުނެލުމުން ޝައުން ބިރުގަތެވެ. އޭނާ ތުންފިއްތައިގެން އިންދައިވެސް ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ.
ނުނިމޭ