Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

ލިންކް ރޯޑުގައި ކާރެއް ކޮންޓްރޯލް ނުވެ ފުރޮޅާލައިފި

ލިންކް ރޯޑްގައި ހިނގި އެކްސިދެންޓްގައި ފޮރޮޅާލި ކާރެއް. ފޮޓޯ: އައްޑޫލައިވް

މީގެ ކުޑައިރުކޮޅެއް ކުރިން ލިންކް ރޯޑުން ފޭދޫން ހިތަދޫއަށް ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ފޮރޮޅާލައިފި އެވެ.

ލިންކް ރޯޑުގެ ކުނި ކޮށްޓާއި ހިތަދޫ ބަނދަރާއި ދެމެދުގައި ހިނގި މި ހާދިސާގައި ފޮރޮޅާލާފައިވަނީ ފޭދޫ، ތަރިޖެހިގޭ، އަހުމަދު އިރުފާން ދުއްވާފައި ދިޔަ ކާރެކެވެ.

ކާރު ދުއްވަން އިން އިރުފާނު ވަނީ މި ހާދިސާގައި އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވެފަ އެވެ. އެކްސިޑެންޓަށް ފަހު އެތަނުގައި ހުރެ ހާދިސާ ހިނގައި ދިޔަ ގޮތް އިރުފާން ވަނީ "އައްޑޫލައިވް" އާއި ހިއްސާކޮށްފައެވެ.

އިރުފާން ބުނީ އޭނާ ފޭދޫން ހިތަދު އަށް ދަތުރު ކުރަމުން ގޮސް އެހާ ހިސާބުން އެއްކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް އޯވާޓޭކް ކުރަން ހިފި ވަގުތު ކުއްލިއަކަށް ހުންގާނު އެނބުރިގެން މަގުގެ ކަނާތް ފަރާތު ތާރުގަނޑުން ފޭބުމާ އެކު އަނެއްކާ ވެސް ހިފާލުމުން ކާރު ގޮސް މަގުގެ ވާތްފަރާތު ތާރުގަނޑުން ނައްޓާލައި ފޮރޮޅާލީ ކަމަށެވެ.

އިރުފާން ބުނީ އޭނާ ކާރު ދުއްވަފައި ދިޔައީ 50 އާއި 60 ކިލޯ މިޓަރު ދެމެދު ސްޕީޑެއްގައި ކަމަށެވެ. މި ހާދިސާގައި އެއްކޮޅަށް ދިޔަ ސައިކަލް މަޑު ނުކޮށް ގޮސްފައިވާ ކަމަށް އިރުފާން ބުނެ އެވެ.

މިއެކްސިޑެންޓް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ރޭ މި ސަރަހައްދުގައި ބައިސިކަލަކާއި، ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ސިފައިންގެ މީހަކަށް އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އެބަދެ އެވެ.