Last Updated: April 26, 20:24
Friday, April 26, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (އަށާރަވަނަބައި)

" މިހާރު ދޮންބެއަށް ޔަޤީންވެސް ވެއްޖެ ތިދެމީހުންގެ މެދުގަ ކަމެއް ހިނގައިފިކަން….ކޮކީ ބުނަން ބޭނުން ނޫނިއްޔާ ދެން ދޮންބެ އަހާނީ އާން ގާތު…އޭނާއަކަށް ނުކެރޭނެ ދޮންބެއަށް ދޮގުހަދާކަށް….މިއަދު ތިވެގެން އުޅޭގޮތެއް ސާފުކޮށްފަ ހުއްޓާލާނީ…" އިންޒާރެއްދޭފަދައަކުން އިޒްޔަން ބުނެލުމުން ޝައުން ބިރުގަތެވެ. އޭނާ ތުންފިއްތައިގެން އިންދައިވެސް ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ.

" ހޭ…ދޮންބެ އެހެންބުނީ ކޮކީ ދެރަކުރާކަށް ނޫނޭ….ހިނގާ އެކޮޅަށްދާން…މިތާ އިނދެ ރުއީމަ އެހެންމީހުން ސުވާލުކުރާނެ…" ޝައުން ރޯންފެށުމުން ކަންބޮޑުވެގެން އިޒްޔަން ބުނެލިއެވެ. އިޒްޔަން ޝައުން ގޮވައިގެން އެހެންމީހުނާ ދުރަށްގޮސް ޝައުން ރޯލަން ފުރުސަތުދިނެވެ.

" ބުނަން ބޭނުން ނެތިއްޔާ ދޮންބެއަށް އޯކޭ ނުބުންޏަސް…އެކަމު ތިގޮތަށް މޫޑީވެފަ ނުހުރެ އެންމެނާއެކު މަޖާކޮށްލާ ހަދާލަބަލަ! އޭރުން ތި ނުތަނަވަސްކަންވެސް ފިލާފާނެ…" ޝައުންއަށް ހިތްވަރު ދިނުމުގެ ގޮތުން އިޒްޔަން ބުނެލިއެވެ.

" ދޮންބޭ…ކަޒިންއެއް ދެކެ ލޯބިވުމަކީ ގޯސްކަމެއްތަ؟…" ކުއްލިއަކަށް ޝައުން ކޮށްލި ސުވާލުން އިޒްޔަންއަށް ބަލާލެވުނެވެ.

" ނޫނޭ..ލޯބިވުމަކީ ގޯހެއްނޫން….ކިހިނެއްވެ ތިހެން ތިއެހީ؟.." ޝައުޤުވެރިކަމާއެކު އިޒްޔަން އަހާލިއެވެ.

"އާން ބުނީ އެއީ ގޯސްކަމެކޭ…ކީއްވެ އާން އެހެން ބުނަންވީ؟…ކީއްވެ ދޮގުހަދަންވީ؟" ރޮމުން ރޮމުން ޝައުން ޝަކުވާކުރިއެވެ.

" ކޮކީ އާންދެކެ ލޯބިވޭތަ؟.." އެހާ ފާޅުކަންބޮޑު ގޮތެއްގައި ޝައުން ވާހަކަދެއްކުމުން ހައިރާންވެފައި އިޒްޔަންއަށް އަހާލެވުނެވެ.

" ހޫމް..ވަރަށް ލޯބިވޭ…" އިސްޖަހައިގެންހުރެ ޝައުން ބުނެލިއެވެ.

" އާންދެކެ ކޮކީ ލޯބިވާކަން އޭނާއަށް އެނގޭތަ؟.." ހައިރާންވެފައި އިޒްޔަން އަހާލިއެވެ.

" އާނ..އެނގޭ…އެކަމު އާން ބުނީ އަހަރެންމީ އޭނަގެ ކޮއްކޮއެކޭ އަދި އެއްވެސްމީހަކު އަހަރެމެންގެ ލޯބިބަލައެއް ނުގަންނާނޭ…..އެކަމު އެއީ ހުސްދޮގު…އެރޭ އޭނާ އަހަރެންނާއެކު…." ޝައުންއަށް ބުނެވެން އުޅުނު ވާހަކަ ރޭކާލުމުން އޭނާ އަވަހަށް ހުއްޓާލިއެވެ.

" ކީކޭ؟..ކިހިނެއްވީއޭ؟…ކޮންރއެއްގެ ވާހަކަ ތިދައްކަނީ؟ " އިތުރަށް އޮޅުންފިލުވަން އިޒްޔަން ބޭނުންވިއެވެ. އެރޭގެ ހަނދާންވެފައި ޝައުން އިތުރަށް ހިތުގައި ޖެހުނެވެ. އޭނާ ކިޔައިދޭން ބޭނުންވީ ނަމަވެސް ދޮންބެގާތު އެރޭވީ ކަންތައް ބުނާނީވެސް ކިހިނެއް ހެއްޔެވެ؟އަންހެން ކުއްޖަކަށްވެހުރެ އަމިއްލަ ބޭބެގެ ގާތުގައި އެފަދަ ވާހަކައެއް ބުނާނިވެސް ކިހިނެއް ހެއްޔެވެ؟

" ބުނެބަލަ! ކިހިނެއްތަވީ؟…ވީކަމެއް ބުނެދީބަލަ!" ކަންބޮޑުވެފައި ހުރެ އިޒްޔަން އަހާލިއެވެ.

" ދޮންބެ ޕްލީޒް ނާހަބަލަ! ނުކެރޭނެ ބުނާކަން…" ޝައުން ދެއަތުން މޫނުފޮރުވަމުން ގިސްލާރޯންފެށިގޮތުން އިޒްޔަންގެ ހިތުގައި ނުބައި ޝައްކެއް އުފެދުނެވެ.
ޝައުންއަށް ބުނަން ނުކެރޭވަރުގެ ކަމެއް އާއިންއާމެދުގައި ހިނގީކަން އެނގުމުން ހިތުގައި އާއިންއާމެދު ރުޅިވެރިކަމެއް ހިނގާލިއެވެ. އެހިނގިކަމަކީ ގައިމުވެސް ބޮޑުކަމެއްކަން ޔަޤީނެވެ. ނޫންނަމަ އެވަރަށް ޝައުން ރޯންވީ ކީއްވެގެން ހެއްޔެވެ؟

" އާން ކޮކީއަށް ކަމެއްކުރީތަ؟…ޕްލީޒް ބުނެބަލަ! އޭނާ ކީއްތަކުރީ؟…އޭނަ އެބިއުސްކުރީތަ؟" ކަންބޮޑުވެފައިހުރި ވަރުން އިޒްޔަން ފަތިފައްޗަށް ސުވާލުތައް ކުރަންފެށިއެވެ.

" ނޫން….އޭނަގެ ކުށެއްނެތް…އަހަރެންގެ ސަބަބުން އެހެންވީ…އޭނަ އަހަރެން އެބިއުސްއެއް ނުކުރޭ…އެކަމު…" ޝައުން އެހިސާބަށް ބުނެފައި ހުއްޓާލުމުން އިޒްޔަންގެ ހިތުގައި ސުވާލުތައް އިތުރުވިއެވެ.

" ދޮންބޭ….ޕްލީޒް އާންއަށް އެއްޗެއް ނުބުނާތި! އޭރުން އޭނަ އަހަރެންދެކެ ކުރިންއަށްވުރެ ބޮޑަށް ރުޅިއަންނާނެ….އޭނަ އަހަރެންނާ ދުރަށްދިޔައީ އެރޭގެފަހުން…އޭނަބުނީ އެއްވެސްމީހަކު ގާތު ނުބުނާށޭ…" އާދޭހާއެކު ޝައުން ބުންޏެވެ.

" ކޮންއިރަކުތަ ތިބުނާކަމެއް ހިނގީ؟.." ތަހުޤީޤު ކުރާމީހަކު ފަދައިން އިޒްޔަން ސުވާލުކުރިއެވެ.

" އެއީ އާންގެ ގްރެޖްއޭޝަންގެ ދުވަސްކޮޅެއްކުރިން…" ޝައުން އޮޅުން ފިލުވައިދިނެވެ.

" އެހެންވެދޯ އޭނާ އެހާ އަވަހަށް އައީ…އަދި އައިގޮތަށް މާލެގަވެސް މަޑުނުކޮށް ނާޒްމެން ރަށަށް ދިޔައީ….ގޯހެއް ހެދުނީމަ އެކަން އޮއްބަންވެގެންދޯ އެހާ އަވަހަށް ކައިވެނިވެސް އެކުރީ…ހުރި ނުލަފާކަން…ދޮންބެ ހިޔެއްނުކުރަން އާން އެހާ ގޯސްވެދާނެކަމަކަށް…" ރުޅިއައިސްފައި އިޒްޔަން ބުންޏެވެ.

" ނޫން ދޮންބޭ….ތިހީކުރާކަހަލަ ބޮޑުކަމެއްނުވޭ….ޕްލީޒް ދޮންބެ އާން ދެކެ ރުޅިނާދެބަލަ!…އަހަރެންގެ ސަބަބުން އެހެންވީ…" ޝައުން ބުނެލިއެވެ.

" ދޮންބެ ކިހިނެއް ގަބޫލުކުރާނީ ތިހެންބުނީމަ…އެރޭވީ ކިހާވަރެއްގެ ކަމެއްކަން ދޮންބެއަކަށް އެނގެނީކީނޫން…" ނުރުހުންވެފައި އިޒްޔަން ބުނެލިއެވެ.

އެންމެފަހުން އިޒްޔަންގެ ޝައްކު ދުރުކޮށްދިނުމަށްޓަކައި އެރޭކަންތައްވީ ގޮތުގެ ޚުލާސާއެއް ޝައުން ކިޔައިދިނެވެ. ޝައުންގެ ވާހަކަތައް އަޑުއަހާފައި އިޒްޔަންގެ ރުޅިމަޑުވީ އެކަމުގައި ބޮޑަށް ކުށްވެރިވަނީ ޝައުންކަމުގައި ވީތީއެވެ. ނަމަވެސް އާއިންގެ ފަރާތުން އެފަދަކަމެއް ވީތީ އިޒްޔަންއަށް އަދިވެސް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އެހެންކަމުން އޭނާގެ ހިތުގައި އާއިންއަށްޓަކައި ކޮންމެވެސް ވަރެއްގެ ކިލަނބުކަމެއްވެސް އުފެދުނެވެ.
އާއިންގެ ހިތުގައި ޝައުންއަށްޓަކައި އިޝްޤީ ލޯތްބެއް ނުއުފެދުނު ނަމަވެސް އެދެމީހުންގެ މެދުގައި އޮތީ އެހާފަސޭހައިން ކެނޑިގެންދާނޭފަދަ ގުޅުމެއް ނޫންކަން އަބަދުވެސް އޭނާ ދަނެއެވެ. ނަމަވެސް ހިތާމައަކީ ޝައުންގެ ހިތުގައި އާއިންނަށްޓަކައި އެވަރުގެ ވަރުގަދަ ލޯތްބެއް އުފެދުނުކަމެވެ. އެލޯތްބަކީ ދުނިޔެ ބަލައިނުގަންނާނެ ލޯތްބެއް ކަމުގައިބުނެ އާއިން އިންކާރު ކުރި ނަމަވެސް، އެދެމީހުންނަށްވެސް ނޭނގޭ ހަޤީޤަތެއް ޚުދު އިޒްޔަންއަށް އެނގެއެވެ. އެހަޤީޤަތް އެނގޭނަމަ އާއިންވެސް އެހެން ނުބުނާނެއެވެ. އަދި ޝައުންގެ ލޯތްބަށް އިންކާރުކޮށް ޝައުން ބާކީއެއްވެސް ނުކުރީހެވެ. ނަމަވެސް ދެން ކުރާނެ ކަމެއްނެތެވެ. ވަގުތު މިވަނީ ފާއިތުވެފައެވެ. އާއިން އެވަނީ އެހެންމީހެއްގެ މިލްކަކަށްވެފައެވެ. އެހިތުގައި މިވަގުތު ރަނިކަންކުރަނީވެސް ހަމައެކަނި ފަރަހަނާޒްއެވެ.

" ހިނގާ ދޮންބެއާއެކު މޫދަށްދާން….އެހެންނޫނީ ދޮންބެއަށް ޖެހޭނީ އާންއާ ވާހަކަދައްކަން…" އަމުރުވެރި ގޮތަކަށް އިޒްޔަން ބުނުމުން އެހެންގޮތެއް ނެތިގެން އޭނާ ދިޔައެވެ. އެންމެން ފޯރީގައި މޫދުގައި ސަކަރާތްޖަހަމުން ދިޔައިރު، އާއިންއާއި ފަރަހަނާޒްތިބީ ތަންކޮޅެއް އެކަހެރިކޮންނެވެ.

" ކޮބާ…އިޒޫ ދޮންބެއަށް ބޯޅައެއްލަބަލަ!…ދޮންބެއާ ދޮންތައާ އިޒޫއާ އެއްބައި… އެހެން އެންމެން އަނެއްބައި…" މާޒްއާ އުޝާއާއި އައިރާ އަދި ތޫބާއަށް އިޝާރަތް ކޮށްފައި އިޒްޔަން ބުނެލިއެވެ.
" އޯކޭ…މައްސަލައެއްނެތް…" އުޝާ ވަގުތުން ކުޅެން ތައްޔާރުވިއެވެ.
އެމީހުން ވަރަށް ފޯރީގައި މޫދުވޮލީ ކުޅެމުން ދިޔައިރު، އަޒީފާއާއި ޒާހިދާ މެންދުރު ކެއްކުމަށް ތައްޔާރުވަމުން ދިޔައެވެ. އާޒިމްއާއި އަމީން އަދި ހާދީވެސް އެމީހުނާ އަތްގާތްކޮށްދިނުމަށް އުޅެއެވެ.

" މިކަހަލަ ދަތުރެއް ކޮށްނުލާތާ ވަރަށް ދުވަސްވެއްޖެ…" އާޒިމްއަށް ބަލާލަމުން ހާދީ ބުނެލިއެވެ.

" އާނ އަހަރެންވެސް ވަރަށް ދުވަސްފަހުން ދަތުރަކު މިއައީ….އެންމެން އެއްތަންވެގެން ދަތުރުދާން ވަގުތެއް ނުލިބެނީ….އެކަމަކު ދޭތެރެ ދޭތެރެއިން މިގޮތަށް ދަތުރަކު އަންނަން ޖެހޭނެ…އެކުދިން ކިހާ އުފާވެފަ އެތިބެނީ" މޫދުގައި ތިބި ކުދިންނަށް ބަލާލަމުން އުފާވެފައި އާޒިމް ބުނެލިއެވެ.

އެންމެން ކުޅުމުގައި މަސްއޫލުވެގެން ތިބިއިރު، އާއިންހުރީ ފަރަހަނާޒްއާއެކީ އެކަހެރިކޮށް ވަގުތުކޮޅެއް ލިބުނީތީ އުފާވެފައެވެ. އެއްވެސް މީހަކު އެމީހުން އުޅޭ ނޫޅޭގޮތް ނުބަލާކަން އެނގޭތީ އާއިން ލޯބީގެ ކުދިކުދި ގޯނާތައް ފަރަހަނާޒަށް ކުރަމުން ދިޔައެވެ.

" ހިނގާބަލަ އެކޮޅަށްދާން….އަހަރެމެން މިތާތިބީމަ އެމީހުން ހީކުރާނީ ކީކޭ؟.." އެންމެނާ ވަކިން ތިބުމުން އެހެންމީހުން ވިސްނަފާނެ ގޮތަކާމެދު ފަރަހަނާޒް ކަންބޮޑުވިއެވެ.

" އެމީހުން ހީކުރާނީ އަހަރެމެން މިއުޅެނީ ހަނީމޫނަށް އައިސްގެން ރޮމޭންސް ކުރާށޭ…." އާއިން ވަރަށް ހަމަޖެހިލާފައި ޖަވާބުދިނެވެ.
" މަމިބުނީ ދޮގެއްތަ؟…." ފަރަހަނާޒް އިތުރަށް އެއްޗެއް ނުބުނުމުން އާއިން އަހާލިއެވެ.

" އެކަމު އެންމެން އެތިބީ އެކޮޅުގަ…ހިނގާބަލަ އެމީހުންގާތަށް…އެމީހުން އެހާމަޖާކުރާއިރު އަހަރެމެން މިތާތިބީމަ ކަމަކު ނުދާނެ…" ފަރަހަނާޒް އަނެއްކާވެސް ބުންޏެވެ.

" ހާދަ ދެރައޭ… ތީގެ މާނައަކީ އަހަރެންނަކީ ވަރަށް ބޯރިންގް މީހެކޭ ދޯ؟" އާއިން ދެރަވާކަމަށް ހެދެމުން ބުނެލިއެވެ. އާއިން އެހެން ބުނުމުން ފަރަހަނާޒް އިތުރަށް އެވާހަކައެއް ނުދެއްކިއެވެ.

" އޯކޭ….ހިނގާދާން އެމީހުނާ އެކީ ކުޅެލަން….ނާޒް ދެރަކުރާކަށް އަހަރެން ބޭނުމެއްނޫން…" އާއިން ބުނާގޮތަކާ ފަރަހަނާޒް ދެކޮޅު ނުހަދާނެކަން އެނގޭއިރުވެސް އޭނާ އިތުރަށް އެތާނގައި މަޑުކުރާކަށް ބޭނުމެއްނުވިއެވެ.

" ކޮބާ؟….އަހަރެމެން ބައިވެރިއެއް ނުކުރާނަންތަ؟…" ކުޅެންތިބިމީހުންގެ ގާތަށް އަންނަމުން އާއިން ގޮވާލިއެވެ. އެވަގުތު ޝައުންއަށް ބޭއިޚްތިޔާރުގައި އެދިމާ ބަލާލެވުނެވެ. ފަރަހަނާޒްގެ ގާތުގައި ހެވިފައިހުރި އާއިން ފެނުމުން އޭނާގެ ހިތަށް ގޮތެއްވިއެވެ. ނަމަވެސް އޭނާ އަވަސް އަވަހަށް ދުރުބަލަންފެށީ އިތުރަށް އެމަންޒަރު ބަލަން ބޭނުން ނުވާތީއެވެ.

" ނޫނޭ…އާދޭ…އާން އަހަރެމެންބައިދޯ…" އަވަސް އަވަހަށް އުޝާ ބުނެލިއެވެ.

" ނޫން…އާންބޭބެ އަހަރެމެން ބައި ދޯ ދޮންބޭ…" އިޒްވާން ބުނެލިއެެވެ.

" އޯކޭ…އާންބެ އިޒޫބައި އެހެންވީނަ ނާޒްދައްތަވެސް ތިބަޔަށް ދާންޖެހޭނީ…" އިޒްވާން ބޮޑާހާކާލުމުން އާއިން ބުނެލިއެވެ.

" ނޫން…ތީގޮތެއްނޫން….އޭރުން އެބަޔަށް ގިނަވާނީ…ދޮންބެ ތިބައިވިއްޔާ ދޮންބެ ދައްތަ އަންނަން ޖެހޭނީ މިބަޔަށް…" އައިރާ ކުޑަކުއްޖަކު ފަދައިން ބޮޑާހާކާލިއެވެ.

" އެންމެ ރަނގަޅު….ނާޒްދޭ އެކޮޅަށް…." އެންމެފަހުން އާއިން ބުނެލިއެވެ.

އަނެއްކާވެސް އެންމެން ފޯރިޔާއެކު ވޮލީކުޅެން ފެށިއެވެ. އާއިން އެހެންމީހުންނަށްވުރެވެސް ފޯރީގައި ކުޅެމުން ދިޔައިރު، ޝައުންހުރީ އާއިން އައީތީ ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ނޭނގިފައެވެ. ކުޅުމުގެ ތެރޭގައި ބައެއްފަހަރު އާއިން އައިސް އޭނާގެ ގައިގާ ޖެހިލާ ވަގުތު ޝައުންގެ ހިތަށް ތަފާތު އަސަރެއް ކުރުވައެވެ. އެއްފަރަހަކު ޝައުން އާއިންއަށް ބަލަން ހުއްޓައި މާޒް ވަރަށް ބާރަށް އެއްލިބޯޅައަކުން ޝައުންގެ މޫނުގައި ޖެހި ބޮލަން އެނބުރުންއެރިއެވެ. ވީތަދުން ޝައުންގެ އަނގައިން އާހެއްގެ އަޑުނުކުތްއިރު، ބަލަންތިބިމީހުންގެ މޫނަށްވެސް ހަމްދަރުދީގެ ކުލަވެރިވިއެވެ.

" ހޭ ޝައުން….ކިހިނެއްވީ؟.." ޝައުންއަށް ގޮތެއް ވެއްޖެކަން އެނގުމުން އިޒްޔަން އެދިމާއަށް ދިއުމުގެކުރިން އާއިންގޮސް ޝައުން ހިފެހެއްޓިއެވެ.

" އޯހ ސޮރީ…" ޝައުންއަށް ވީގޮތްފެނިފައި މާޒް އަވަސް އަވަހަށް ބުނެލިއެވެ.

" ޝައުން…ޝައުން…އޯކޭތަ؟.." ދެލޯމެރި ހަރަކާތް ހުއްޓިފައި އާއިންގެ އަތުތެރޭގައި އޮތް ޝައުންގެ މޫނުގައި މަޑުމަޑުން ޖަހާލަމުން އާއިން އަހާލިއެވެ.

" ކޮކީ…ލޯހުޅުވަބަލަ!" އިޒްޔަން އައިސް ކަންބޮޑުވެފައިހުރެ ޝައުންއަށް ގޮވަންފެށިއެވެ.

" މާބާރަށް ބޯޅައިން ޖެހުނީމަ ޚަބަރު ހުސްވީކަންނޭނގެ…އަވަހަށް ފަސްޓްއެއިޑްދޭން ފެންނަނީ" އިޒްޔަންއަށް ބަލާލަމުން ކަންބޮޑުވެފައި އާއިން ބުންޏެވެ. އާއިން ވަގުތު ބޭކާރު ނުކޮށް ޝައުން އޭނާގެ އަތްދަނޑި މައްޗަށް އުފުލާލައިގެން އެއްގަމަށް އެރިއެވެ.

އެއާއެކު ދެންތިބިމީހުންވެސް އާއިންގެ ފަހަތުން އެއްގަމަށް އެރިއެވެ.

" މަގޭ ދަރިފުޅަށް ކިހިނެއްވީ؟.." ޝައުން ގޮވައިގެން އެއްގަމަށްއެރި އާއިން ފެނިފައި އާޒިފާއަށް ރޮއެގަނެވުނެވެ.

" މަންމާ ހަމަޖެހިބަލަ!….މާބޮޑުކަމެއްނުވެޔޭ…ކުޅެނިކޮށް ބޯޅައިންޖެހިފަ ބޮލަށް އެނބުރުން އެރީއޭ…" އާޒިފާ ރޯއަޑަށް އެތަނަށް މީހުން އެއްވެދާނެތީ އިޒްޔަން އަވަހަށް ބުންޏެވެ.

އާއިން ޝައުން ގެންގޮސް ކުނަލެއްގެ މަތީގައި މަޑުމަޑުން ބޭއްވިއެވެ. އަދި ފަސްޓްއެއިޑް ދިނުމަށް އަވަސްވެގަތެވެ.

" އައިސް ބޮކްސްއިން އައިސްޕެކެއް ގެނެބަލަ!..އަވަހަށް…" ބޯޅައިން ޖެހުމުގެ ސަބަބުން ޝައުންގެ މޫނު ރަތްވެފައިވާތަން ފެނިފައި އާއިން ބުނެލިއެވެ.

އެންމެން ޝައުންގެ ވަށާލައިގެން ހޭހަން ކުރަމުންދިޔައިރު، ފަރަހަނާޒްވެސް އެމީހުންގެ ތެރޭގައި ކަންބޮޑުވެފައި އިނެވެ. އާއިން އިސްވެ ޝައުންއަށް އެހީވީތީ އާއިންގެ ރަނގަޅުކަންފެނި އޭނާ އުފާވިއެވެ. ޝައުންއާހެދި އާއިން އެހާވަރުން އުޅޭއިރު، އޭނާއަށް ކަމެއްވެއްޖެނަމަ އާއިންއަށް ވާނެގޮތް އޭނާއަށް އަންދާޒާ ކުރެވުނެވެ.
މިވީ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް އޭނާ ބޭނުންވި ކަހަލަ ރަނގަޅު ކިތަންމެ ސިފައެއް އާއިންގެ ފުށުންވަނީ ފެނިފައެވެ. އާއިންގެ ހިތްހެޔޮ ކަމެވެ. މީހުނާމެދު އާއިން ބަހައްޓާ ގާތްކަމާއި އޯގާތެރިކަމެވެ. އޭނާއަކީ ހާދަހާވާ ނަސީބު ރަނގަޅުމީހެކޭ އެވަގުތު އޭނާގެ ހިތަށްއެރިއެވެ. އާއިންއަކީ އޭނާފަދަ ދެރަނިކަމެތި ކުއްޖަކަށް ލިބުނު ހެޔޮނަސީބެވެ.

އެންމެން ކަންބޮޑުވެފައި ޝައުންގެ ވަށައިގެން ތިބޭތާ އިރުކޮޅެއްފަހުން، ޝައުން އޭނާގެ ތެމިފައިވާ ދިގު އެސްފިޔަތައް ތަޅުވާލަމުން ލޯހުޅުވާލިއެވެ. ވަށައިގެން ނަޒަރު ހިންގާލުމާއެކު، އޭނާ ހައިރާންވީ އެންމެން އޭނާގެ ވަށައިގެން ކަންބޮޑުވެ ހާސްވެފައި ތިބިތަން ފެނުމުންނެވެ.

" ދަރިފުޅާ…ކިހިނެއްތަވީ؟…ކޮންތާކަށްތަ ތަދުވީ؟…ކީއްވެތަ އަނބުރައިގެން ދިޔައީ؟…" އަޒީފާ ފަތިފައްޗަށް ސުވާލުތައް ކުރަންފެށިއެވެ.

" އަޒީފާ…އެމަންޖެއަށް ނޭވާލާނެ ވަގުތުކޮޅެއްދީބަލަ!.." އަޒީފާ އުޅުނުގޮތުން ކުޑަކޮށް ނުރުހިފައި އަމީން ބުނެލިއެވެ.

" ދަރިފުޅާ…މިހާރު ރަނގަޅުތަ؟…" ޝައުންގެ ބޮލުގައި ފިރުމާލަމުން އަނެއްކާވެސް އަޒީފާ އަހާލިއެވެ.

" ހޫމް ރަނގަޅޭ މަންމާ…" އެންމެ އޭނާގެ ވަށައިގެން ބަލަން ތިބީތީ ޝައުން ލަދުގަންނަ ގޮތްވިއެވެ. ޚާއްސަކޮށް އާއިން އޭނާއާ އެހާގާތުގައި އިނުމުން ޖެހިލުންވާގޮތްވިއެވެ. އާއިން އޭނާއާ ދިމާބަލަންއިން ގޮތުން އެއިނީ ކަންބޮޑުވެފައިކަން ވެސް އެނގުނެވެ.

" އަހަރެން މިހާރު އޯކޭއޭ…" ޝައުން ތެދުވެ ހަމަޖެހިލަމުން އެހެންބުނެލީ އެންމެން އެތަނުން ފޮނުވާލުމަށެވެ. ނަމަވެސް އެންމެން ދިޔަކަމުގައިވިޔަސް އާއިން އޭނާގެ ގާތުގައި މަޑުކުރާނޭ ނަމައޭ ހިތަށްއެރިއެވެ.

" ދަރިފުޅު ދެން ކެއީމަ ރަނގަޅުވާނީ…އެންމެންވެސް ކާންއުޅޭ…ކާން ތައްޔާރުވެފަހުރީ…" ޝައުންއަށް މާބޮޑުގޮތެއް ނުވާކަން އެނގުމުން އަޒީފާ ހިތްހަމަޖެހުނެވެ.

އިރުކޮޅެއްފަހެވެ. ދަތުރުގެ ހުރިހާ ބައިވެރިންވެސް މެންދުރުގެ ކެއުމަށް އިންސާފުކުރަން ފެށިއެވެ. ފަރަހަނާޒް އާއިންއަށް ކާއެއްޗެހި ގެންނަން އުޅުމުން އޭނާގެ އަތުން ތަށިއަތުލައިގެން ގޮސް އާއިން އަމިއްލައަށް ކާއެއްޗެހި އަޅައިގެން ގެނައެވެ.

" އެއްތަށިތަ ގެނައީ؟.." އެންމެ ތައްޓެއް ހިފައިގެން އައުމުން ފަރަހަނާޒް އަހާލިއެވެ.

" ހޫމް…ކަޕްލްސް ހަމައެކަނި އެއްކޮޓަރީގަ ނިދާނީކީނޫނޭ…ކާނީވެސް އެއްތަށިން…" އާއިން މަޖާވެފައި ބުނިގޮތުން ފަރަހަނާޒް ހީލިއެވެ.

" އަހަރެން ލަވައިވެސް ދީފާނަން…" ފަރަހަނާޒް ކާންފެށުމުން އާއިން ކުޑަކޮށް ގާތަށް ޖެހިލާފައި ލާނެއްގޮތަކަށް ބުންޏެވެ.

" ނޫނޭ…އަހަރެންނަށް އެކަނި ނުކެވޭ ދުވަހެއް އައީމަ ބުނާނަން…" އާއިން އަތުން ތަށި އަތުލަމުން ފަރަހަނާޒް ބުންޏެވެ.

" ހާދަ އަންރޮމޭންޓިކް ކުއްޖެކޭދޯ….އެންމެ ރަނގަޅު ނާޒް އަހަރެންނަށް ލަވައިދޭންވީނު…އަހަރެން އަމިއްލައަށް ކާހިތެއްނެތް…" އާއިންގެ އަތުގައި އޮތް ސަމްސާ ތަށީގެ ތެރެއަށް ދޫކޮށްލަމުން އާދޭހުގެ ރާގަކަށް އާއިން ބުނެލިއެވެ.
ފަރަހަނާޒް ކަންބޮޑުވެފައި ދެކޮޅުހޯދައި ބަލާލިއެވެ. މީހަކު ނުބަލާކަން ޔަޤީންކޮށްފައި އަވަސް އަވަހަށް އާއިންގެ އަނގައަށް ބަތްސުވާއެއްލިއެވެ.

" އޫމް…ހާދަމީރޭ…" ދެލޯމަރާލަމުން އާއިން ހަދާލިގޮތުން ފަރަހަނާޒްގެ ގާތަށް ހިނިއައެވެ.

އެދެމީހުން ނުހަނު އުފަލުގައި ކާންތިބި މަންޒަރު، ދުރުގައި އެކަނި އިން ޝައުންއަށް ފެނި ހިތުގައި ޖެހި ކަރުގައި އަޅައިގަންނަ ގޮތްވިއެވެ. އޭނާ އަވަސް އަވަހަށް ފެންފޮދެއް ބޯލިނަމަވެސް، ފަރަހަނާޒްގެ އަތުން އެހާލޯބިން އާއިން ކާންއިން މަންޒަރު ފެނުމުން އަރުބެދޭގޮތްވެ ކާހިތްވެސް ކެނޑިއްޖެއެވެ. އެމަންޒަރު ބެލިވަރަކަށް އޭނާގެ އެތެރެހަށީގައި ހުޅުރޯވަމުން ދިޔައެވެ.
ކުޑައިރުކޮޅެއްގެ ކުރިން އޭނާއާމެދު ކަންބޮޑުވެގެން ހަދާނެގޮތް ހުސްވެފައި އޭނާގެ ގާތުގައި އިން އާއިން މިހާރު އެއިނީ ނުހަނު އުފަލުން ފަރަހަނާޒްގެ އަތުން ކާށެވެ. މިހާރު އޭނާހުރީ ކައިގެންތޯ ނުވަތަ ނޫންތޯވެސް ބަލާކަށް އާއިން ހަނދާނެއް ނެތެވެ. މުޅި އުމުރު އޭނާއާ އެކީ ހޭދަކުރެވުނުއިރު އޭނާދެކެ ނުވީ ލޯތްބެއް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އާއިންއަށް ފަރަހަނާޒްދެކެ ވެވުނީ ކިހިނެއް ހެއްޔެވެ؟ ފަރަހަނާޒްގެ ކިބައިގައިވަނީ އޭނާގެ ނެތް ކޮން ޚާއްސަކަމެއް ހެއްޔެވެ؟ ސިފަޔަށް ބެލިޔަސް އޭނާއަށްވުރެ ރީތީކީ ނޫނެވެ.

ފަރަހަނާޒަށްވުރެ އޭނާގެ ބުރުސޫރަ ދެގުނަޔަށް ރީއްޗެވެ. އޭނާގެ ހަން އޮމާންވެފައި ވެނީލާ އައިސްކްރީމް ކޮޅެއްހައި ދޮނެވެ. ހަށިގަނޑު ލޫޅާފަތިވެފައި ބައްޓަންވެސް ފުރިހަމައެވެ. އޭނާ އިސްކޮޅުން ދިގުވެފައި އާއިންއާ ނުހަނު ގުޅެއެވެ. ކުޑައިރުއްސުރެ އޭނާ ތައުލީމު ހާސިލްކުރީ، ސިންގަޕޫރުންނެވެ. ފަރަހަނާޒަށް ނޭނގޭ ކިތަންމެ އެއްޗެއް އޭނާއަށް އެނގޭނެއެވެ. ފަރަހަނާޒްފަދަ އާދައިގެ ކުއްޖަކަށް ދުނިޔެއަށް ލޯނުހުޅުވޭވަރަށް އޭނާއަށްވަނީ ދުނިޔެއަށް ލޯހުޅުވިފައެވެ. ވީއިރު ތައުލީމީގޮތުން ބެލިނަމަވެސް އޭނާއާ ފަރަހަނާޒަށް އަޅައި ކިޔައެއް ނުލެވޭނެވެ. ހުރިހާގޮތަކުން ބެލިނަމަވެސް އާއިންއާ އެންމެ ގުޅެނީ އޭނާއެވެ. އެހެންކަމާއެކުވެސް އާއިންގެ ހިތް އޭނާއަށް ނުލެނބުނީ ފަހެ ކީއްވެގެން ހެއްޔެވެ؟

" ދޮންބެއަށް ހީވަނީ ހަންޑިކުއްޖެއް މިތާ އެބައުޅޭހެން.." ޝައުން ސިހުނީ އިޒްޔަންގެ އަޑުންނެވެ. ޝައުންގެ ނަޒަރުހުރީ އާއިންމެންނަށްކަން އެނގޭތީ އިޒްޔަން ބޭނުންވީ އެހެންދިމާއަކަށް ޝައުންގެ ސަމާލުކަން އަނބުރާލާށެވެ.

" ހަންޑި ކުއްޖެކޭ…ކޮންތާކު؟.." ކަންބޮޑުވެފައި ޝައުން އަހާލިއެވެ.
" މި އިނީނު ދޮންބެ ކައިރީގަ…" ޝައުންއަށް އިޝާރާތް ކޮއްލަމުން އެހެން ބުނެފައި އިޒްޔަން ހޭންފެށިއެވެ.

" ދެން ދޮންބެގަނޑާ….ވަރަށް ފޫހިވޭ…" ރުޅިއަންނަކަމަށް ހެދެމުން ތުންއޫކޮށްލި ނަމަވެސް އިޒްޔަންކުރި ސަމާސާއިން ޝައުންގެ ގާތަށް ހިނިއަންނަ ގޮތްވިއެވެ.

" އަސްލުވެސް ނޭނގެ ތިއީ އަސްލު ޝައުންކަމެއް….ދޮންބެ ކުރިން ދެކޭ ޝައުންއަކީ ތިހާ މަޑުން އިންނަ ކުއްޖެއްނޫން….މަންކީއެއްހެން ދުވެ ދުވެ ފުމެ ފުމެފަ އުޅޭކުއްޖެއް އެއީ….އެހެންވީމަ ހަމަ ސުވާލު އުފެދޭ….ދޮންބެއަށް ހީވަނީ މަންމަމެން މެލޭގަ ޝައުން ބަހައްޓާފަ އައީމަ ހަންޑިކުއްޖަކު ޝައުންގެ ސިފަޖެހިގެން އައީހެން…" އިޒްޔަން އަނެއްކާވެސް ޝައުންއާ ސަމާސާކޮށްލިއެވެ.

" ހަންޑިއަކަށް ވީނަމަ މާ ރަނގަޅު…އޭރުން މީހަކަށް ނުފެނި އުޅެވޭނެއްނު ބޭނުން ގޮތަކަށް…" ޝައުންވެސް މަޖާވެލާފައި ބުނެލިއެވެ.

" އޭރުން އަހަރެމެން ދޯ ބިރުން ދުވަން ޖެހޭނީ…" އިޒްޔަން ޝައުންގެ ކަންފަތުގައި ހިފާލަމުން ބުނެލިއެވެ.

" ނޫން….އޭރުން އާންއާ އަވަލާފަ އާން މޮޔަކޮށްލާނީ…" އާއިންއާ ދިމާބަލަން އިނދެ ބޭއިޚްތިޔާރުގައި ޝައުންއަށް ބުނެވުނެވެ.

" އާން ހުރީ މިހާރުވެސް މޮޔަވެފަ…ނުފެނޭތަ؟…." ކުޑަކޮށް ނުރުހިފައި އިޒްޔަން ބުނެލުމުން ޝައުންއަށް ބުނެވުނު އެއްޗަކާމެދު ވިސްނާލެވުނެވެ.
" ކޮކީ…ދޮންބެ ބުނަން ރަނގަޅު ވާހަކައެއް…ތިމޮޔަ ޚިޔާލު ދޫކޮށްލާ!….އާންއަކީ މިހާރު މީހެއްގެ ހައްޤެއް…އެދެމީހުން އެކަކު އަނެކަކު ދެކެ ނުލާހިކު ލޯބިވޭ…އާން އުފަލުގަ އުޅޭތަން ފެނުނީމަ ކޮކީވެސް އެކަމާ އުފާކުރަންވީ….ވެދިޔަކަމެއް ވެނިމުނީ…އެއީ ހުވެފެނެކޭ ހީކޮށް އެކަން ހަނދާން ނައްތާލާ!…އޭރުން ދެމީހުނަށްވެސް ރަނގަޅުވާނީ…" އިޒްޔަންބެލީ ޝައުންއަށް ވިސްނައި ދެވޭތޯއެވެ.

" ދޮންބެވެސް ތިބުނީ އާން ބުނިހެން…އެއްވެސް މީހަކު އަހަރެންދެކެ ލޯތްބެއްނުވޭ…އަހަރެންނަކަށް އުފަލެއް ލިބޭކަށްވެސް ނޭދޭ…ކުޑައިރު އެހާލޯބިން އުޅެފަ މިހާރު އަހަރެންމީ ބޭކާރު މީހަކަށްވީ…" ޝައުންއަށް އެހެން ބުނެވުނުއިރު، ރުޅިއާއި ހިތާމައިން އޭނާގެ އަޑު ތުރުތުރު އަޅައެވެ.
" ތިހެން ނުބުނޭ ޝައުން….ދެންމެވެސް ޝައުން އަނބުރައިގަތީމަ އާން ހާސްވެފަ ހުރިވަރު އެނގޭތަ؟…ޝައުން ހޭއަރަންދެން އޭނައިނީ ޝައުން ކައިރިން ދުރަށްނުގޮސް ހޭހަންކުރަން…އޭނަ ލޮލުގަވީ ކަންބޮޑުވުން އަހަރެން ދުށިން….އާން އަދިވެސް ޝައުންއާމެދު ވިސްނާ….ޝައުންއަށް އަޅާލާ….ލޯބިވެސްވޭ…އެކަމު އާންގެ ފަރާތުން ޝައުން ތިބޭނުންވާ ލޯބި އޭނާއަށް ދެވެންނެތީމަ އޭނާ ދުރަށް އެދިޔައީ….އޭގެ މާނައެއްނޫން އޭނަ ޝައުން މަތިން ހަނދާން ނައްތާލީއެކޭ…" އިޒްޔަން ބޭނުންވީ ޝައުންއަށް ވިސްނަދޭށެވެ.

" ދެން ތިބުނީ އަހަރެންނަށް އާންދެކެ ލޯބިވެވުން އެއީ އަހަރެންގެ ކުށެކޭތަ؟…އަހަރެންނަށް ލޯބިވުމުގެ ހައްޤުވެސް ނެތީތަ؟.." އެންމެފަހުން ޝައުންއަށް ރޮވެންފެށިއެވެ.

" ދޮންބެ ތިހެންނެއް ނުބުނަމެއްނު….އެކަމު ހާލަތާމެދު ވިސްނަބަލަ!..އާންއާމެދު ވިސްނަބަލަ!…އާންއަށްވުރެ މާބޮޑަށް ކޮކީދެކެ ލޯބިވާމީހަކު އަދި ލިބޭނެ…އެދުވަހަކުން އާން އެއުޅޭވަރަށްވުރެވެސް އުފަލުގަ ކޮކީ އުޅޭނީ…އެގޮތަށް ވިސްނަބަލަ!.." ޝައުންގެ ކޮނޑުގައި އަތްބާއްވާލަމުން ލޯތްބާއެކު އިޒްޔަން ބުނެލިއެވެ. އެވަގުތު އިޒްޔަންގެ އަތް ފޮޅުވާލާފައި ޝައުން ފުންމައިގެން ތެދުވެ ހިނގައިގަތެވެ.
" ކޮކީ މަޑުކޮށްބަލަ!" އާއިންމެންނާ ދިމާއަށް ބާރުބާރަށް ހިނގާފައި ދިޔަ ޝައުން ހުއްޓުވަން އިޒްޔަން ބޭނުންވިއެވެ.
ނުނިމޭ