Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އާ އަހަރުގެ ތަހުނިޔާ ރައީސް ވިދާޅުވެއްޖެ

މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ތަހުނިޔާ ފޮނުއްވައިފި އެވެ.
"މީލާދީ އާ އަހަރެއް ފެށުމުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އަޚުންނަށާއި އުޚުތުންނަށް، މި އާ އަހަރުގެ ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ. ނިމިގެން މިދިޔަ އަހަރަކީ، ރާއްޖެއަށް އަދި ޚާއްޞަކޮށް، ރާއްޖޭގެ ސިޔާސީ މައިދާނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔަ އަހަރެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބޮޑު ބަދަލުގައި ކެތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، ދިވެހި ޤައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށާއި ސަލާމަތަށް އަދި ޤައުމުގެ ހަމަޖެހުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު އަހަރެކެވެ. މާތްﷲގެ އިރާދަފުޅާއި އެކަލާނގެ ވާގިފުޅާއެކު، ޤައުމުގެ ކަންކަން މިދަނީ ހަމަމަގަށް އެޅެމުންނެވެ." ރައީސްގެ ތަހުނިޔާގެ މެސެޖްގައިވެ އެވެ. "މި ފެށުނު 2013 ވަނަ އަހަރަކީ، ރާއްޖޭގައި ރިޔާސީ އިންތިޚާބު ބޭއްވޭ އަހަރެވެ. އެ އިންތިޚާބުގެ ތައްޔާރީތައް މިވަނީ ފެށިފައެވެ. މި އިންތިޚާބަކީ މިނިވަން އިންޞާފުވެރި އިންތިޚާބަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، މި ފުރުޞަތުގައިވެސް ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ."
ރައީސް ވިދާޅުވީ އިންތިޚާބަށް ތައްޔާރު ވަމުންދާ އިރު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު އިތުރަށް ވަރުގަދަކޮށް، ހަމަނުޖެހުންތައް އުފެއްދުމަށް މަސައްކަތް ކުރުމުގެ ޖާގަ، އެއްވެސް ފަރާތަކަށް ނުދެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ވެސް ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމަށާއި، ބޭނުންވާ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ކަމަށެވެ.
އަދި ދިވެހި މުޖުތަމަޢަކީ ކުށްމަދު، އަމާން މުޖުތަމަޢަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ވެސް މެދުކެނޑުމެއް ނެތި ހިނގަމުން ދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވާ ކަމަށް ވެސް ރައީސްގެ މެސެޖްގައި ވިދާޅުވި އެވެ.
"އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މިފެށުނު 2013 ވަނަ އަހަރަކީ، ރާއްޖެއަށް ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއް ކަމުގައި މާތްﷲ ލެއްވުމެވެ. ޤައުމީ ތަރައްޤީގެ ފިޔަވަޅުތައް ހަލުވިކުރުމުގެ މަގު ތަނަވަސްވެގެންދާނެ އަދި ޤައުމަށް ސަލާމަތްކަމާއި އަމަންއަމާންކަމާއި ހަމަޖެހުން ލިބިގެންވާ އަހަރެއް ކަމުގައި އެކަލާނގެ ލެއްވުމެވެ." ރައީސް ވިދާޅުވި އެވެ.