Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

އިންޑިޔާ ސިފައިން ފޮނުވާލުމަށް އުމަރު މުޒާހަރާ ކުރަނީ

ރާއްޖޭގެ ސިފައިން ބޭނުން ކުރަމުން އަންނަ އިންޑިޔާ ދެ ހެލިކޮޕްޓަރާއި، ހެލިކޮޕްޓަރު ދުއްވާ އަދި އޭގައި މަސައްކަތް ކުރާ އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ބޮޑު މުޒާހަރާއެއް ކުރުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ތައްޔާރުވެއްޖެއެވެ.

ފޭސްބުކްގައި އުމަރު ކުރި ޕޯސްޓެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ފާޑުވިދާޅުވެފައި އެމަނިކުފާނު ހައްދަވަނީ އިތުރުފުޅު ކަމަށް ތުހުމަތު ކުރެއްވިއެވެ. ހެލިކޮޕްޓަރުތައް އުދުހެނީ ދިވެހި ސިފައިންގެ އޯޑަރަށް ކަމަށް ޝާހިދު ވިދާޅުވެފައިވަނީ އިތުރުފުޅު ހެއްދެވުމަށް ކަމަށާއި އެ ހެލިކޮޕްޓަރުތައް އުދުހެނީ ސީދާ ދިއްލީއިން އަންނަ އޯޑަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާ ވަނީ ހެލިކޮޕްޓަރު ގެނައި ފަހުން ޑިފެންސް މިނިސްޓަރުކަން ކުރެއްވި ތިން ފަރާތެއްގެ ބަސް، މިކަމާ ގުޅިގެން ހޯއްދަވާފައި ކަމަށެވެ. އަދި އިންޑިޔާގެ ނިޔަތް ސާފު ނަމަ ދިވެހި ސިފައިން ހެލިކޮޕްޓަރު އުދުއްސުމަށާއި މަރާމާތު ކުރުމަށް ތަމްރީނު ކުރާނެ ކަމަށް އިންޑިޔާއިން ވި އެއްބަސްވުމާ ޚިލާފު ނުވާނެ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.

އިންޑިޔާ ސިފައިން ރާއްޖޭގައި ބޭތިއްބުމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކުރާނެ ކަމަށް އިންޑިޔާގެ ޖީއެމްއާރު އެއާޕޯޓް ރާއްޖެއިން ބޭރުކުރުމަށް މުޒާހަރާކުރި އުމަރު ވަނީ ވިދާޅުވެފައެވެ. އޭރު މުޒާހަރާތައް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އުމަރު ވަނީ ހަރުގަނޑު ޖައްސައިގެން ސިފައިންގެ މައި މަރުކަޒަށް ވަނުމަށް ވެސް ގޮވާލާފައެވެ.