Last Updated: April 24, 12:21
Wednesday, April 24, 2024
ޚަބަރު

މަހޭ އައްޑޫގައި، ޒުވާނުންނަށް އުފާވެރި ހަބަރުތަކެއް!

ޒުވާނުންގެ މިނިސްޓަރ އަހުމަދު މަހްލޫފު (މަހޭ) ރަސްމީ ދަތުރުފުޅެއްގައި އައްޑޫއަށް ވަޑައިގެން އައްޑޫގެ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އާއި ގުޅޭ ތަންތަން ބައްލަވާލައްވައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅުގައި މަހޭވަނީ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށް އައްޑޫގެ ކުޅިވަރުގެ ކަންކަން ހަރުދަނާ ކުރުމާއި ޒުވާނުން ބާރުވެރިކުރުމާއި ގުޅޭ ގޮތުން ކައުންސިލާއި މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން އައްޑޫގައި ޔޫތު މިނިސްޓްރީން ގާއިމްކޮށްފައިވާ ކުޅިވަރު ކުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ މިހާރުގެ ހާލަތުވަނީ ބައްލަވާލައްވާފައެވެ.


މަހޭ ވަނީ އައްޑޫ ސްޓޭޑިއަމް ވަގުތުން ވަގުތަށް މަރާމާތު ކުރުމަށް ބޭނުންވާ އަގު ހޯދުމަށާއި، މިހާރު ހުރި ކުޅިވަރު ކުޅޭ ތަންތަން މަރާމާތު ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރޭ ހިތަދޫގައި ބޭއްވި ބްރިގޭޑިއާ (ރިޠޓަޔާޑް) އިބްރާހިމް ދީދީގެ ޕްރައިމަރީ ކެމްޕެއިން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މަހޭ ވިދާޅުވީ ޒުވާނުން ފޫހިިވިޔަ ނުދީ އައްޑޫގައި ގިނަ ކުޅިވަރު ހަރަކާތް ހިންގަވާނެކަމަށެވެ. އަދި ހިތަދޫގައި ވަރަށް އަވަހަށް ސިންތަޓިކް ދުވާ ޓްރެކެެއް އަޅުއްވަން ފައްޓަވާނެކަމަށް ވިދާޅުވެފައެވެ.

އައްޑޫއަށް މަހޭ ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ހުޅުމީދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވ. މަހޭގެ މިދަތުރަކީ އައްޑޫ ޒުވާނުންނަށް އުފާވެރި ހަބަރުތަކެއް ލިބިގެންދާ ދަތުރުފުޅެކެވެ.