ސ. ހެރަތެރަ ރިސޯޓަށް ޝައުގުވެރިވި ޗައިނާގެ ބަޔަކާ އެކު ގައުމީ އެއާލައިން މޯލްޑިވިއަނުން "ޑީލް" ހަދައިފި އެވެ.
އިތުބާރު ހުރި ގޮތަކަށް "އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ޗައިނާގެ ގްރޫޕަކުން ހެރެތެރެއަށް ޒިޔާރަތްކޮށް އެތަނުން 80 ރޫމް ޗައިނާ އިން މީހުން ގެނައުމަށް ވަނީ ނަގާފަ އެވެ.
މިކަމާ ގުޅިގެން ޗައިނާ ގްރޫޕާއީ ހެރަތެރަ ހިންގާ އެމްޓީޑީސީ އާ މަޝްވަރާ ކުރުމަށް ފަހު ރަނގަޅު ރޭޓެއް އެމްޓީޑީސީން ވަނީ މި ގްރޫޕަށް ދީފަ އެވެ.
އެމްޓީޑީސީގެ މަޝްވަރާއަށް ފަހު އެގްރޫޕުން ބޭނުންވީ ޗައިނާ އިން ސީދާ އައްޑޫގެ ގަމަށް އެފަތުރުވެރިން ގެނައުމަށެވެ. އަދި އެކަމުގައި މޯލްޑިވިއަން އާއި މަޝްވަރާ ކުރިކަން ވަނީ އެނގިފައެވެ. އަދި އެ މަޝްވަރާއަށް ފަހު މޯލްޑިވިއަނުން ބޭނުންވީ ސީދާ އެ ފްލައިޓް ގަމަށް ނުޖައްސައި މާލެ ޖެއްސުމަށް ފަހު އެހެން ފްލަައިޓެއްގައި އެ ފަތުރުވެރިން ގަމަށް ގެނައުމަށެވެ.
ޗައިނާއިން އައްޑު އަށް ޒިޔާރަތް ކުރި ގްރޫޕަކީ އަމިއްލަ ފްލައިޓްތައް ވެސް ގެންގުޅޭ ބައެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މޯލްޑިވިއަނުން ވަނީ މި މަހުގެ 20 ވަނަ ދުވަހު ޗައިނާގެ ޗެންދޫ ޔުނިވާސަލް އިންޓަނޭޝަނަލް އާ ގުޅިގެން ޗައިނާ އަށް ދަތުރު ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި އަންނަ މަހު ދަތުރުތައް ފެށުމަށް ވަނިީ ހަމަޖެހިފަ އެވެ.
މޯލްޑިވިއަނުން ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކުގައި ފަތުރުވެރިން އަތުން ޗާޖުކުރަނީ ޑަބަލް ރޭޓެއްގައިއެވެ. އެހެންވެ މާލެ ޖައްސާފައި އައްޑޫއަށް އަންނަ ފަތުރުވެރިން އަތުން ޓިކެޓަށް ނަގާ އަގު ބޮޑުވުމާއި ގުޅިގެން އީކުއޭޓަ ވިލެޖަށާއި ހެރެތެރެ އަށް އަންނަން ފަތުރުވެރިން ލިބެނީ ވަރަށް މަދުންނެވެ.
އަންނަ މަހު ސްރީލަންކަން އިން ގަމަށް ސިދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު ސްރީލަންކަން އަށް ޑޮމެސްޓިކް ހުއްދަ ދިނުމަށް މޯލްޑިވިއަނުން ވަނީ ދެކޮޅު ހަދާފަ އެވެ.