Last Updated: April 18, 21:56
Thursday, April 18, 2024
މުނިފޫހިފިލުވުން

މިއޮތީ "ގޭމް އޮފް ތްރޯންސް"ގެ ފައިނަލް ސީޒަންގެ މުޅިން އާ ޓްރެއިލާއެއް!

ފެށުނީއްސުރެ ގިނަ ބައެއްގެ ސަމާލުކަމާއި ތަރުހީބު ހޯދަމުން އަންނަ އިނގިރޭސި ޓީވީ ސީރީސް "ގޭމް އޮފް ތްރޯންސް" (ޖީއޯޓީ) ގެ އަށްވަނަ ސީޒަންގެ މުޅިން އާ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު އެޗްބީއޯ އިން އާންމުކުރި ގާތްގަނޑަކަށް ދެ މިނެޓުގެ މި ޓްރެއިލާއިން ފެނިގެންދަނީ ޖޮން ސްނޯ އާއި އާރްޔާ ސްޓާކް އަދި ސާންސާ ސްޓާކް އެވެ. އެ ތިން މީހުން ވެސް ފެނިގެންދަނީ އެމީހުންގެ މައިންބަފައިން ވަޅުލެވިފައިވާ ވިންޓާފެލްގެ ބިންގަރާހުގެ ތެރެއިންނެވެ. ކުރީގެ އެޕިސޯޑްތަކުން އިވިގެން ގޮސްފައިވާ ނެޑް އާއި ކޭޓްލީންގެ އަޑުތައް އެ މީހުންނަށް އިވެއެވެ. އެ ތިން މީހުން ވެސް ކުއްލިއަކަށް ހުއްޓުމަކަށް އަންނަނީ އެމީހުންގެ އަމިއްލަ ސްޓެޗޫތަކެއްގެ ކުރިމައްޗަށެވެ. އެ ސްޓެޗޫތައް ކުރިއަށްވުރެ ވެސް ބޮޑަށް ގަނޑުވާ މަންޒަރު ފެނެއެވެ.

މި ޓްރެއިލާ ބަލާލުމަށްފަހު ގިނަ ފޭނުން ބުނަމުންދަނީ ސީރީސް ނިމިގެންދާއިރު، ރަސްކަމަށް އަންނާނީ ސްޓާކް އާއިލާގެ އެންމެ ހަނގު މެމްބަރު ކަމުގައިވާ ބްރެން ސްޓާކް ކަމަށެވެ.

ޖީއޯޓީގެ ހަތްވަނަ ސީޒަން ނިމުނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި އަށްވަނަ ސީޒަންގެ ޝޫޓިން ނިންމާލާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ގޭމް އޮފް ތްރޯންސްގެ އަށްވަނަ ސީޒަން ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ.