Last Updated: June 10, 09:20
Wednesday, June 10, 2026
ޚަބަރު

"އާޖީލުތަކަކަށް" ޑިމޮކްރެސީގެ މަސައްކަތް ވާޞިލްވާން: އަހުމަދު ހިސާމް

ދިވެހިރާއްޖެއަށް ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއް ތަޢާރަފް ކުރެވުނު ފަހުން ބޭއްވޭ އެންމެ ފޯރިގަދަ އެއް އިންތިޚާބު ކަމުގައިވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މަޖިލިސް-ޕްރައިމަރީ 2019 އަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރު، މި އިންތިޚާބުގައި އައްޑު އަތޮޅަށް ނިސްބަތްވާ ދާއިރާ ތަކުގެ ތެރެއިން، އެންމެ ވާދަވެރިން ގިނަ އެއް ދާއިރާއަށް ވެގެން ގޮސްފައިވަނީ ހިތަދޫ އުތުރު ދާއިރާކަން ގައިމެވެ.

ހިތަދޫ އުތުރު ދާއިރާ އަށް މިވަގުތު ކުރިމަތިލާފައިވާ ފަސް ކެންޑިޑޭޓުންގެ ތެރެއިން މިފަހަރު މިބަލާލަނީ ކެންޑިޑޭޓް ނަމްބަރު އެކެއް، އަޙްމަދު ހިސާމްގެ މަޢްލޫމާތުކޮޅަކާއި އެކު ވިސްނުން ހުރިގޮތް ހިއްސާ ކޮށްލުމަށެވެ.

ހިސާމް ފާހަގަކޮށްލެވެނީ ތަޢުލމީރޮގުން ބޮޑެތި ކާމިޔާބީތައް ޙާޞިލްކޮށްފައިވާ ޒުވާނެއްގެ ގޮޮތުގައެވެ. އެންމެ ފުރަތަމަ ނޫރާނީ ސްކޫލުން ތަޢުލމް ޙާޞިލްކުރަން ފެށި ހިސާމް، ޕްރައިމަރީ ސްކޫލް ފުރިހަމަ ކުރީ ހިތަދޫ ސްކުލުންނެވެ. އަދި މުހިއްބުއްދީން ސްކޫލުން ސާނަވީ ތަޢުލމް ޙާޞިލްކުރިއެވެ. އެއަށް ފަހު މަތީ ތަޢުލމް ޙާޞިލްކުރުމަށްޓަކައި ޢުމުރުން 16 އަހަރުގައި ރާއްޖެއިން ބޭރަށް ގޮސް ތަފާތު ދާއިރާތަކުން އުނގެނި ރަންވަނަތައް ޙާޞިލްކޮށްފައިވެއެވެ.

މިގޮތުން ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންގެ ބެޗެލާރ އޮފް އާރޓްސް (އޯނާސް) އިން އިންޓަނޭޝަނަލް ބިސްނެސް ޑިގްރީ ޕްރޮގްރާމުގެ މުޅިކޯހުން އެއްވަނަ ހޯދާ، މޯސްޓް އައުޓް ސްޓޭންޑިންގ ސްޓޫޑެންޓް އެވޯޑާއި، އެވޯޑް އޮފް އެކްސެލެންސް ހޯދާފައެވެ. ހަމަ އެހެންމެ އަމިއްލަ ބުރަ މަސައްކަތުން ތައިލެންޑްގެ ސަރުކާރުން ސްކޯލަރޝިޕެއް ހޯދައި އެގައުމުގެ ލީޑިންގް ޔުނިވާސިޓީއެއް ކަމުގައިވާ ރަންގްސިޓް ޔުނިވާސިޓީ ގައި މާސްޓަރސް އިން އިންޓަނޭޝަނަލް ރިލޭޝަންސް އަދި ޕަބްލިކް ޕޮލިސީ ޕްރޮގްރާމް ފުރިހަމަ ކުރިއެވެ. ދުނިޔޭގެ 13 ގައުމެއްގެ ދަރިވަރުންނާއި އެއްކުލާހެއްގައި ވާދަކޮށް ހިޞާމް ވަނީ އެ ޕްރޮގްރާމުން ވެސް ވަނަ ހާސިލްކޮށްފައެވެ. ތަފާތު ގިނަ ދާއިރާ ތަކުން ތަމްރީން އާއި ހުނަރު އިތުރުކުރުމުގެ ކޯސްތަކުގައި ވެސް ހިސާމް ބައިވެރިވެފައި ވެއެވެ.

މިގޮތުން، އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅުން ހުރި ޕްރޮގްރާމްތަކާއި، އިންސާނީ ޙައްޤުތަކާއި ގުޅުން ހުރި ޕްރޮގްރާމް ތަކާއި، ސިޔާސީ ރޮގުންނާއި ކިޔަވައިދިނުމުގެ ހުނަރުތަކާއި ގުޅޭ ޕްރޮގްރާމްތަކުގައި ބައިވެރިވެފައެވެއެވެ. މީގެ ދެއަހަރުކުރިން ވަރަށް ބުރަކޮށް މަސައްކަތްކޮށް، ހިސާމު ވަނީ ނިއުޒިލޭންޑް ގެ ވިކްޓޯރިއާ ޔުނިވާސިޓީން ޕީ.އެޗް.ޑީ އިން ގަވާންނެންސް އަށް ޕްލޭސްމެންޓް ހޯދާ ފައެވެ. އަދި އެއަށް ކިޔެވުމަށްޓަކައި އެގައުމުގެ ސަރުކާރުން ސްކޯލަރޝިޕެއް ވެސް ލިބިފައިވެއެވެ. ނަމަވެސް ހިޞާމް ނިންމީ، މީގެ ތިން އަހަރު ކުރިން ، އަންހެނުން އަދި ތިން ދަރިންނާއި އެކު، އައްޑޫ ސިޓީ އަށް ދިރިއުޅުން ބަދަލުކޮށް ހިޞާާމް ނިސްބަތްވާ ހިތަދޫގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޢަޒުމު ކަނޑައަޅާ އެމަސައްކަތާއިގެން ކުރިއަށް ދިއުމަށެވެ.

މަސައްކަތުގެ ތަޖްރިބާއަށް ބަލާއިރު ހިސާމް އަކީ ޤައުމީ ޔުނިވާސިޓީއަށް ނުހަނު ގިނަ ޚިދުމަތް ފޯރުކޮށް ދީފައިވާ ފަރާތެއްކެވެ. ޔުނިވާސިޓީގެ ގިނަ ފެކަލްޓީތަކުގައި ގިނަދުވަސް ވަންދެން ކިޔަވާދިނުމުގެ އިތުރުން، ކޮންޓެންޓް ފޯރުކޮށް ދިނުމުގައި ބުރަކޮށް މަސައްކަތް ކޮށްފައިވެއެވެ. ހިސާމްގެ ޚިދުމަތް ލިބިދީފައިވާ ފެކަލްޓީތަކުގެ ތެރޭގައި ފެކަލްޓީ އޮފް އާރޓްސް، ފެކަލްޓީ އޮފް މެނޭޖްމެންޓް އެންޑް ކޮމްޕިއުޓިންގ އަދި ސެންޓަރ ފޮރ އޯޕެން ލާރނިންގ ހިމެނެއެވެ. މީގެ އިތުރުން ހިސާމް އަކީ މިހާރުވެސް ވިލާކޮލެޖް ގައި ގެސްޓް ލެކްޗަރަރ އެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ.

ވިޔަފާރި އާއި މެނޭޖްމެންޓްގެ ރޮގުން ގިނަ ތަޖްރިބާ އާއި ހުނަރު ޙާޞިލްކޮށްފައިވާއިރު، ހިސާމް އެންމެ ފަހުން ވަޒީފާ އަދާ ކޮށްފައިވަނީ އައްޑޫ އިންޓަނޭޝަނަލް އެއަރޕޯރޓްގެ މެނޭޖަރ ގެ ގޮތުގައެވެ. އަދި އެ އަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގައި މުހިއްމު ޚިދުމަތްތަކެއް ފޯރުކޮށް ދީފައިވެއެވެ.

ހިސާމްގެ ޢަޒުމް މިވަޤުތު ހުރީ ހިތްވަރާއި އެކު މަސައްކަތްކޮށް ކުރިމަތިލާފައިވާ މަޖްލީސް އިންތިޚާބް ކާމިޔާބުކުރުމެވެ. ހިސާމް ހާމަ ކުރާގޮތުން ހިސާމް އަކީ، ގިނަ ދުވަސް ވަންދެން ސިޔާސީ ދާއިރާ އަށް ވަންނަށް ބޭނުންވެފައި ހުރި މީހެކެވެ. ސިޔާސީ ރޮގުން މަތީ ތަޢުލީމު އުނގެނިފައިވަނީ ވެސް ކުރެވުނު ސިޔާސީ އުއްމީދުތަކުގެ ސަބަބުންނެވެ.

ހިސާމް ދެކޭގޮތުގައި، އާ ޤާނޫނު އަސާސީއެއްގެ ދަށުން، އަޅުގަނޑުމެންނާއި ހަމައަށް ތައާރަފް ކުރެވިފައި ޑިމޮކްރެސީގެ އަސާސްތަކާއި، ހައްޤުތައް ކަށަވަރު ކުރުމުގެ ޙަރަކާތަކީ ވަރަށް ގިނަ ފަރާތްތަކުގެ ގަދަ ހިތްވަރާއި އެކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ. ވަކިން ޚާއްސަކޮށް މެމްބަރު މުޙައްމަދު އަސްލަމް އާއި ރާއީސް ނަޝީދުގެ ދައުރު ފާހަގަ ކުރެއެވެ. ނަމަވެސް، މިއަދު މިކަންތައްތައް އިތުރަށް ޒަމާނީކޮށް ފުރިހަމުކުރުމަށްޓަކައި މަސައްްކަތް ކުރުމަކީ، އަޅުގަނޑުމެން އެންމެންގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްޢޫލިއްޔަތެއް ކަމުގައި ހިސާމް ދެކެއެވެ.

ހިސާމްގެ ނަޒަރުގައި ދިވެހި އެންމެހާ ރައްޔިތުން މިވަނީ ސިޔާސީ ކުރިމަގަކަށް ގިނަ ޕާޓި އެކުލެވޭ ސިޔާސީ ނިޒާމެއް އިޚްތިޔާރުކޮށްފައެވެ. އެހެންކަމުން ސިޔާސީ ޕާޓީތައް ކުރިއަރައިގެން ދާން ޖެހެއެވެ. ރައްޔިތުންގެ ހިތުގައި ޕާޓީ ސިސްޓަމަށް އޮންނަ އިތުބާރު ބޮޑުކުރަން ޖެހެއެވެ. ޒުވާނުން ސިޔާސީކަމަށް ބަސްބުނެ، ކުރީ ސަފަށް ނެރެން ޖެހެއެވެ. ޒުވާނުންގެ ބަސް ވިކޭ ތަންތަން ކަމުގައި ސިޔާސީ ޕާޓީތައް ހަދަން ޖެހެއެވެ. ކަންކަމާއި ޖަދަލުކުރުކުމުގެ ބަދަލުގައި ވޯޓުލުން އިތުރުކޮށް، ވޯޓުތަކުގައި ބައިވެރިވުން އިތުރުކުރުމުގެ ސަޤާފަތެއް އުފައްދަން ޖެހެއެވެ.

ކަންކަން ޙާޞިލް ކުރުމުގައި ރިވެތި ސުލޫކާއި އަޚުލާޤް އިސްކުރާ މުޖްތަމަޢު އަކަށް މިމުޖްތަމަޢު ހަދަން ޖެހެއެވެ. ކަރަޕްޝަނާއި ފަސާދަ ނައްތާލައި އިޤްތިޞާދީގޮތުން ފުދުންތެރި މުޖްތަމަޢު އަކަށް މިމުޖްތަމަޢު ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ. އަޅުގަނޑުމެންނާއި ހަމައަށް އައިސްފައި މިވާ ޑިމޮކްރެޓިކް މަސައްކަތް، އަމާނާތެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ވާޞިލްވާން ޖެހެއެވެ.

އެމްޑީޕީން ވަޢުދުތަކާކާއި އެކު "ޖަޒީރާވަންތަ" މެނިފެސްޓޯއެއް ތައްޔާރުކޮށްފައި ވާއިރު، އައްޑު އަތޮޅަށް ޚާއްކުރެވިގެން ކަންކަން ޕްލޭން ކުރެވިފައި އެބަހުއްޓެވެ. ހިސާމް ބުނާގޮތުން، ހިސާމް ދެމިހުންނާނީ މިކަންކަން ތަންފީޒުކުރަން އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއްގެ ގޮތުގައެވެ. މި މުޖްތަމަޢުގެ ކަންކަން ތަރައްޤީ ކުރުމަށް އިސްކަންދޭ ފަރާތެއްގެ ގޮތުގައެވެ.

ނިންމާލަމުން ހިސާމް ބުނެފައިވަނީ، ދާއިރާ އަދި ރަށުގެ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެދޭކަމުގައެވެ. އަދި ހަމަ އެހެންމެ 18 ޖެނުއަރީ 2019 ގައި އޮންނަ އެމްޑީޕީ ޕްރައިމަރީގައި ހިތަދޫ އުތުރު ދާއިރާ އަށް ނިސްބަތްވާ އެންމެހާ ރައްޔިތުން ވޯޓުދެއްވުމަކީ ވެސް ހިސާމްގެ ވަރަށް ބޮޑު އެދުމެކެވެ.

ހިސާމް ފަދަ ޒުވާނުންނަކީ މިޤައުމުގެ ރައުސުލްމާލު ކަމުގައި ވާއިރު، އަޅުގަނޑުގަނޑުމެން އެންމެން އެދެނީ ހިސާމް ކުރާމަސައްކަތުގައި ކާމިޔާބީ ލިބުމެއެވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހެޔޮގޮތް މިންވަރު ކުރައްވާށި! އާމީން.