Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ގާސިމް، އެއް ޖަލްސާއެއްގައި ރައީސަށް ތައުރީފް، ނަޝީދަށް ފާޑުވިދާޅުވެ، ޔާމީން ދިފާއުކުރައްވައިފި

photo: mihaaru news

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖުމުހޫރީ ޕާޓީއާ ދެމެދު ރައީސް ކަމުގެ ހުވާ ނޮވެމްބަރު 17 ވަނަ ދުވަހު އިބްރާޙިމް މުހައްމަދު ސޯލިހް ކުރެއްވުމާއެކު އެކިވަރުގެ މައްސަލަތައް ޖެހެމުން އަންނަ ތަން ފެނިގެން ދިޔައެވެ. އެންމެ ފުރަތަމަ ދެޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ސޯޝަލް މީޑިޔާގައި އުކާލި އުންޑަތައް ޕާޓީތަކުގެ ލީޑަޝިޕްތަކުގައި ތިއްބެވި ބޭފުޅުން ތީރަށް ބަދަލުކޮށް ޕޯޑިއަމްތަކުން ތީރު އުއްކެވިތަން ވެސް ފެނިގެން ދިޔައެވެ.

ރޭ ޖުމުހޫރީ ޕާޓީއާ އަލަށް ގުޅުނު ބަޔަކު ޕާޓީއަށް ވެއްދުން ޝަރަފުވެރިކުރުމަށް ބޭއްވުނު ޖަލްސާއެއްގައި އަނެއްކާވެސް ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ތީރު އުއްކެވިތަން ފެނިގެން ދިޔައެވެ. އަމާޒުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. ނަޝީދުގެ ނަންފުޅު ނުގަނެ ގާސިމް ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޚާއްސަކޮށް އެމްޑީޕީ ޕްރައިމަރީގައި ބާއްވާ ކެންޑިޑޭޓުންގެ ކެމްޕޭނު ޖަލްސާތަކުގައި ނަޝީދު ދައްކަވާ ވާހަކަފުޅާ ގާސިމް ހިތްޕުޅާ ނުވެވި ހުންނެވި ކަން ހާމަކުރެއްވިއެވެ. މައިގަނޑު އެއް ވާހަކައެއް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ކޮންމެ ޖަލްސާއެއްގައި ދައްކަވާއިރު ގާސިމަށް އެންމެ ކަމު ނުދިޔައީ މެޖޯރިޓީ އެމްޑީޕީއަށް ލިބެން "މަޖުބޫރު" ކަމަށް ދޭހަވާ މޭރުމުން ނަޝީދު ދައްކަވާ ވާހަކަފުޅެވެ.

"ރައްޔިތުންނަށް އޮޅުވާލަން، ވަކި ޕާޓީއަކަށް މެޖޯރިޓީ ނުލިބުނިއްޔާ، އާދެ އެމްޑީޕީއަށް މެޖޯރިޓީ ނުލިބުނިއްޔާ މިސަރުކާރެއް ނޯންނާނެއޭ. އެވެނި ކަމެއް ނުކުރެވޭނެއޭ، މިވެނި ކަމެއް ނުކުރެވޭނެއޭ. މި ދައްކަނީ ކޮން ވާހަކައެއްތޯ؟"

ނަޝީދުގެ ވާހަކަފުޅުތަކަށް ގާސިމް ފާޑުވިދާޅުވި ނަމަވެސް އަނެއްކާވެސް ރައީސުލް ޖުމުހޫރިއްޔާ އިބޫ ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވިއެވެ. ރޭގެ ޖަލްސާގައި ވެސް ގާސިމް ވަނީ ކޯލިޝަން ބަދަހި ކަމަށާއި ޖޭޕީ އޮންނާނީ ރައީސްގެ ފަހަތްޕުޅުގައި ސާބިތުކަންމަތީ ކަމަށް ގާސިމް ވިދާޅުވިއެވެ.

އަދި މިހިނގަނީ ކޯލިޝަން ސަރުކާރެއް ކަމަށް ރައީސް ސޯލިހް ވިދާޅުވާތީ އެމަނިކުފާނަށް ގާސިމް ވަނީ ސެލިއުޓް ކުރައްވާފައެވެ. "މަނިކުފާނު ވަރަށް ސާބިތުކަމާއެކު ކެރިވަޑައިގެން ހުންނަވާށޭ. އަޅުގަނޑުމެން މިތިބީ މަނިކުފާނާ އެކުގައި. ކޯލިޝަން އޮތީ މަނިކުފާނާ އެކުގައި. ވަކި މީހަކު އެހެންނޭ މިހެންނޭ ދެންނެވިޔަސް އަދި ކުލަވަރު ދެއްކެވިޔަސް ފިކުރު ބޮޑު ނުކުރައްވާ." ގާސިމް ރައީސް އަށް ހިތްވަރު ދެއްވަމުން ވިދާޅުވިއެވެ.

ހަމަ މިޖަލްސާގައި ގާސިމްގެ ވާހަކަފުޅު އެހެން ދިމާލަކަށް ވެސް އެނބުރިގެން ދިޔައެވެ. އެއީ ކުރީގެ ރައީސް ޔާމީންގެ ދިފާއުގައި ގާސިމް ދެއްކެވި ވާހަކަފުޅެވެ. އެކޮޅުކޮޅުން އެލުވާފައި، ކާޅަށް ކޮށައި ކާންދިނަސް ދެން "އެ ޔާމީނަށް" ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވި ގާސިމް ވަނީ ރޭ ޔާމީންގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ.

ގާސިމް ވަނީ ޔާމީނަށް ވެސް ލިބެން ޖެހޭ ހައްގުތައް ފޯރުކޮށްދިނުމަށް ގޮވާލައި، އެމަނިކުފާނު ޕާޓީއެއް ހަދަން އުޅުމުން އެކަން ބޭއިންސާފުން ހުއްޓުވަން މަސައްކަތް ނުކުރެއްވުމަށް ގޮވާލާފައެވެ. އަދި ޔާމީންވެސް ކުށެއް ކުރިނަމަ ލިބެން ޖެހޭ ހައްގު އަދަބު ގާނޫނީ އިމުގެ ތެރެއިން ލިބޭނެ ކަމަށާއި ބޭއިންސާފުން އެއްވެސް ކަމެއް ކުރެވިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޔާމީން ވެސް ވަނީ ދާދި ފަހުން އެމަނިކުފާނު ދެއްވި ނޫސް ކޮންފަރެންސެއްގައި ގާސިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ޔާމީން ވަނީ ގާސިމް އަކީ ވަރަށް ހެޔޮލަފާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި ޕީއެންސީގެ އުފެއްދި އަދުރޭ ވަނީ ގާސިމްގެ އަނބިކަނބަލުން މިނިސްޓަރ އައިޝާ ގާސިމްފަދަ ލީޑަރަކަށް ވަމުން އަންނަ ކަމަށް ވިދާޅުވެ އެކަމަނާއަށް ވެސް ތައުރީފް ކުރައްވާފައެވެ.