Last Updated: April 20, 18:41
Saturday, April 20, 2024
ދުނިޔެ

ޓްރަމްޕް އެރުވި ރޭގަނޑުގެ ފަރިކޮޅެއްގައި ވެސް ބާގާ!

ޓްރަމްޕް އެރުވި ރޭގަނޑުގެ ފަރީކޮޅު ތެރެއިން: ފޮޓޯ - ނިއު ޔޯކާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކްލެމްސަން ޔުނިވާސިޓީ ފުޓްބޯލް ޓީމް ހޯދި ކާމިޔާބީ ފާހަގަކުރުމަށް ވައިޓް ހައުސްގައި ފާސްޓް ފުޑްގެ ފަރިކޮޅެއް އަރުވައިފިއެވެ.

ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ސަރުކާރު ގިނަ މުވައްޒަފުންނަށް މުސާރަ ނުލިބި "ގަވަމެންޓް ޝަޓްޑައުން" އެއްގައި އޮންނާނީ ވައިޓް ހައުސްގެ ގިނަ މުވައްޒަފުން ވަޒީފާއަށް ނުނިކުމެއެވެ. އޭގެ ސަބަބުން މިފަދަ ފަރިކޮޅުތައް ތައްޔާރުކުރެވެން ނެތުމުން ރައީސް ޓްރަމްޕް ވަނީ ފާސްޓް ފުޑް ޖޮއިންޓުތަކުން ގިނަ އަދަދެއްގެ ބާގާ އާއި ސަބްމެރިން އަދި ފްރެންޗް ފްރައިސް ބައްލަވައިގަނެ ފުޓުބޯޅަ ޓީމަށް ފަރިކޮޅުއްވުމަކަށް ދައުވަތު އެރުވިއެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ ހުރިހާ އެއްޗެއް ބައްލަވައިގަތީ އެމަނިކުފާނު އަމިއްލަފުޅު ފައިސާ އިން ކަމަށެވެ. އަދި ޓީމާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ވައިޓް ހައުސްގައި ވަރަށް ރަނގަޅު މުވައްޒަފުން މަސައްކަތް ކުރައްވާ ކަމަށާއި މުސާރަ ނުލިބިވެސް އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި މިވަގުތަކީ އެމަނިކުފާނުގެ ޕާޓީ، ރިޕަބްލިކަންގެ މެމްބަރުން ސާބިތުވެ ތިއްބަވަން ޖެހޭ ދަނޑިވަޅު ކަމަށާއި އެމެރިކާއަށް ބޯޑާ ސެކިއުރިޓީ ނުހަނު މުހިންމު ކަމަށް އަނެއްކާވެސް ވިދާޅުވިއެވެ.

އެމެރިކާ-މެކްސިކޯ ދެމެދުގައި ރާނަން ޓްރަމްޕް ވައުދުވި ފާރު ރޭނުމަށް ބޭނުންވާ 5.7 ބިލިއަން ޑޮލަރުގެ ބަޖެޓު މަޖިލީހުން ފާސް ނުކުރުމުން ޓްރަމްޕް ވަނީ ސަރުކާރުގެ ބަޖެޓު ފާސްކުރުމަށް ދެކޮޅު ހަދައި ސަރުކާރުގެ ބައެއް މުއައްސަސާތައް ހުއްޓުމަކަށް ގެނެސްފައެވެ.

އިދިކޮޅު ޑިމޮކްރެޓް ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާރުގެ ބަޖެޓު ފާސްކުރުމަށް އަދިވެސް ދެކޮޅު ހަދަމުންދާއިރު ސަރުކާރު މުވައްޒަފުންގެ މުސާރަ ދިނުމަށް ރައީސް ޓްރަމްޕް އަންނަނީ ދެކޮޅު ހައްދަވަމުންނެވެ.