Last Updated: June 10, 14:00
Wednesday, June 10, 2026
މުނިފޫހިފިލުވުން

ސަލްމާނާ އެކު ޖެކޮލިން "ކިކް" ގައި

ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފުރަތަމަ ޑައިރެކްޝަން "ކިކް" ގެ ބަތަލާއަކަށް ސަލްމާން ހާނާ އެކު ފެނިގެން ދާނީ ޖެކޮލިން ފެނަންޑޭޒްކަން ކަށަވަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސްރީ ލަންކާ އަށް އުފަން އަދި ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ބަތަލާ "ކިކް" އަށް ސޮއި ކުރީ ހޮނިހިރު ދުވަހު އެވެ. މީގެ ކުރިން އަޑު ފެތުރިފައިވާ ގޮތުގައި އެ ފިލްްމުގެ ބަތަލާއަަކަށް ނަގާފައި ވަނީ ދީޕިކާ ޕަދްކޯން އެވެ.

"ކިކް" ވެގެން ދާނީ "ރޭސް 2"، "މާޑާ 2" އަދި "ހައުސްފުލް 2" ފަދަ ފިލްމްތަކުން ފެނިފައިވާ ޖެކޮލިން ސަލްމާނާ އެކު ކުޅޭ ފުރަތަމަ ފިލްމަށެވެ.

ތަމަޅަ ފިލްމެއްގެ ރިމެކިންއެއްގެ ގޮތުގައި ގެނެސްދޭ "ކިކް" ގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ ޔޫކޭގަ އެވެ. ތަމަޅަ ފިލްމްގެ އަސްލަށް ފިލްމް ހެދި ނަމަވެސް، "ކިކް" ގެ ސްކްރިޕްޓަށް ބޮޑު ބަދަލެއް ގެނެސް ސްކްރިޕްޓް ލިޔެފައި ވަނީ "3 އިޑިއަޓްސް" އާއި "ކައި ޕޯޗޭ" ފަދަ ފިލްމްތަކުގެ ވާހަކަ ލިޔެފައިވާ އިންޑިއާގެ މަޝްހޫރު ވާހަކަ ލިިޔުންތެރިޔާ ޗެތަން ބަގަތު އެވެ.

ބަގަތުގެ "2 ސްޓޭޓްސް" އަށް ވެސް މިހާރު އަންނަނީ ފިލްމެއް ހަދަމުންނެވެ. އެ ފިލްމްގެ ތަރިންނަކީ އާލިއާ ބަޓް އާއި އަރުޖުން ކަޕޫރެވެ.

"ހައުސްފުލް" ފްރެންޗައިޒްގެ އިތުރުން ކާމިޔާބް ގިނަ ފިލްމްތަކެއް ޕްރޮޑިއުސްކޮށްފައިވާ ސާޖިދު މިހާރު އަންނަނީ "ކިކް އަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.