ހުޅުމާލެ ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓެއްް ހިނގައި ރޯޑް ޑިވައިޑާތަކެއް ފުނޑުފުނޑު ވެއްޖެއެވެ.
ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑާގެ ބޮޑު ސަރަހައްދެއް ފުނޑުފުނޑު ވެފައިވާ އިރު ހަލާކުވި ޑިވައިޑާގެ ބައިތައް މުޅި މަގަށް ވަނީ ވިއްސައިގެން ގޮސްފައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވެއެވެ. އެކްސިޑެންޓްވި ޕިކަޕަކީ ފެންޓަސީގެ ޕިކަޕެކެވެ.
ފުލުހުން ބުނީ ރޭ ފަތިހު 4:30 ހާއިރު ހިނގި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. ނަމަވެސް ރޯޑް ޑިވައިޑާގެ ބޮޑު ސަރަހައްދެއްް ހަލާކުވެފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހްގީގު ކުރަމުން އަންނައިރު ރޯޑު ޑިވައިޑާގެ ބައިތައް ނަގައި މަގު މިހާރު ވަނީ ސާފުކޮށްފައެވެ.
ސިނަމާލެ ބްރިޖާއި ހައިވޭ ހުޅުވި ފަހުން ނުރައްކާތެރި އެކްސިޑެންޓް ގިނަ ވެފައިވާ އިރު އެކަމަށް ހައްލު ހޯދުމަށް ޓްރާންސްޕޯޓު އޮތޯރިޓީ އާއި ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.