Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ރޮނާލްޑޯ ވަނީ އަހަރެންގެ ހުވަފެންތައް ފުނޑުފުނޑުކޮށްލާފައި: ކިއެލީނީ

އިޓާލިއަން ސެރިއޭގައި ފިއޮރެންޓީނާ އާ ދެކޮޅަށް ކުޅުނު މެޗަކަށްފަހު ޔުވެންޓަސްގެ ޖިއޯޖިއޯ ކިއެލީނީ (ކ) އާއި ކްރިސްޓިއާނޯ ރޮނާލްޑޯ (ކ-2) އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ކުރީން ރެއާލް މެޑްރިޑަށް ކުޅުނު ދުވަސްވަރު ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްގެ އިޓަލީ ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީގެ ހުވަފެންތައް ފުނޑުފުނޑުކޮށްލާފައިވާކަމަށް އޭނާ ބުނެފިއެވެ.

ކިއެލީނީ އިތުރަށް ބުނިގޮތުގައި މިހާރު ރޮނާލްޑޯގެ އެހީއާއެކު ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގުގެ ތަށި ހޯދޭނެކަމަށެވެ.

"ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެތައް ފަހަރަކު ޔުވެންޓަސް ކޮޅަށް ގޯލް ޖަހާފައި. އެގޮތުން، ކާޑިފް އާއި މެޑްރިޑް އަދި ޓިއުރިންގައި އޭނާ ވަނީ އަހަރެންގެ ހުވަފެންތައް ފުނޑުފުނޑުކޮށްލާފައި." ބީބީސީ އަށް ދިން އިންޓަވިއުގައި ކިއެލީނީ ބުންޏެވެ.

"ކުރީން ޗެމްޕިއަންސް ލީގު ހޯދުމަކީ އަހަރެމެން ދެކެމުން އައި ހުވަފެނެއް ނަމަވެސް، މިހާރު އެއީ އަހަރެމެންގެ ޓާގެޓް. ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއެކު އަހަރެމެންގެ އަމާޒަށް ވާސިލްވެވޭނެ."

"ދަނޑުމަތީގައި އޭނާގެ ފަރާތުން ފެންނަ ހުނަރުވެރިކަމާއި ދަނޑުން ބޭރުގައި އޭނާ ދައްކުވައިދޭ ނަމޫނާގެ އިތުރުން ކޮންމެ މެޗަކަށް ތައްޔާރުވުމުގައި އޭނާގެ ކިބައިން ފެނިގެންދާ ކަންތައްތަކަކީ ވެސް މި ކްލަބަށް ލިބޭ އެހީއެއް." ކިއެލީނީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ފަހު 16 ގެ ފުރަތަމަ ލެގުގައި އަންނަ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު ރަށުން ބޭރުގައި ޔުވެންޓަސް ނިކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.