Last Updated: April 25, 17:34
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (ނަވާރަވަނަބައި)

" ކޮކީ މަޑުކޮށްބަލަ!" އާއިންމެންނާ ދިމާއަށް ބާރުބާރަށް ހިނގާފައި ދިޔަ ޝައުން ހުއްޓުވަން އިޒްޔަން ބޭނުންވިއެވެ. ޝައުން އެދާގޮތަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އިޒްޔަން ދުވެފައި ގޮސް ޝައުންގެ އަތުގައި ހިފިއެވެ.

" ދޫކޮށްލާ އަހަރެންގެ އަތުން!…" ޝައުން ރުޅިއައިސްފައި ބުނެލިއެވެ.

" ނުކުރާނަން ދުލެއް…މިހާރު ތިއުޅެނީ މާބޯހަރުވެގެން….ދޮންބެ ލޯބިން ބުނީމަ އަޑުއަހާ..އެހެންނޫނީ ދެން ޖެހޭނީ ބާރަށް ބުނަން…" އިޒްޔަން ހަރުކަށި ކަމާއެކު ބުނެލުމުން ޝައުން ޖެހިލުންވިއެވެ. އޭނާ ރޮއެލާ ކޮންމެ ފަހަރަކު އާއިން އޭނާ މަސަލަސްކުރި ނަމަވެސް ދޮންބެ އޭނާ ބުނާހައި ގޮތަކަށް ނުހަދާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާގެ ރުޅިގަނޑު އެތެރެއަށް ހިންދާލަމުން އިޒްޔަންއާއެކު ދިޔައެވެ.

ފަރަހަނާޒްގެ ގާތުގައި ގަޔާވެގެން ކާންއިން އާއިންއަށް އިޒްޔަންއާއި ޝައުންގެ މެދުގައި ދެބަސްވުމެއްވީ މަންޒަރު ފެނިފައި ހިތުގައި ސުވާލު އުފެދުނެވެ. ދަތުރު އައީއްސުރެ، އޭނާ ފަރަހަނާޒްއާ އެކުގައި އުޅުމު ނަމަވެސް ދޭތެރެ ދޭތެރެއިން ޝައުން އުޅޭގޮތް އޭނާއަށް ބަލާލެވެއެވެ. ޝައުން ދެރަވެފައި ހުންނަކަންވެސް އޭނާއަށް ފާހަގަ ކުރެވެއެވެ. ނަމަވެސް ކައިވެނީގެ ކުރިން ޝައުންވަނީ އޭނާދެކެ ލޯބިވާ ވާހަކަ ނުދައްކަން ވަޢުދުވެފައެވެ. ނަމަވެސް ޝައުން އެގޮތުގައި ދެމިހުރެދާނެ ކަމާމެދު އޭނާއަށް ޝައްކެވެ. ދުލުން ނުބުނި ނަމަވެސް ޝައުންގެ އަމަލުތަކުން އެކަންދަނީ ފާޅުވަމުންނެވެ. އެހެންކަމުން އާއިން ހަމަ ގަސްތުގައި ޝައުން ފެންނަ ކަމަށްވެސް ހަދަން ބޭނުން ނުވީއެވެ. އެއީ އޭނާއަށް ފަސޭހަކަމެއްވެސް ނޫނެވެ. ނަމަވެސް އޭނާގެ އަޅާލުން ކުޑަކަމުން ކޮންމެވެސް ދުވަހަކުން ޝައުންގެ ވިސްނުން ބަދަލުވެދާނެ ކަމުގައި އާއިން ގަބޫލުކުރިއެވެ.

ދަތުރު ނިމޭންދެން ޝައުންގެ ކޮންމެ ހަރަކާތަކަށް އިޒްޔަން ފާރަލަމުން ދިޔައެވެ. ޝައުންގެ ފަރާތުން ގޯހެއްވެ އެންމެންގެ މެދުގައި އެކުއްޖާ ބޭޒާރުވާކަށް ނޭދެއެވެ. އަދި ހަމައެހެންމެ އާއިންގެ އުފާވެރިކަމަށް ހުރަހެއް އެޅޭކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. އާއިންއަށް އަލަތުކައިވެނީގެ އުފާ ހާސިލްނުވެ އުޅެނިކޮށް ޝައުންގެ ސަބަބުން އެދެމެދުގައި ހަމަނުޖެހުމެއް އުފެދިދާނެ ކަމުގެ ބިރު އޭނާއަށް ހީވެއްޖެއެވެ. އޭނާ ވިސްނަމުން ދިޔައީ އެންމެ އަވަހަށް މިކަމަށް ހައްލެއް ގެންނާނެ ގޮތެކެވެ. ދަތުރު ނިމިގެން އެނބުރި މާލެއައި އިރުވެސް ޝައުންގެ މޫޑު ރަނގަޅެއް ނުވެއެވެ. އެކަމާ އަމީންވެސް ދެފަހަރަކު ސުވާލުކުރިއެވެ. އޭނާބުނީ ދަތުރުގެ ސަބަބުން މާބޮޑަށް ވަރުބަލިވީކަމުގައެވެ.

މާލެއައިގޮތަށް ފެންވަރައި އަސުރު ނަމާދުކޮށްގެން އޮށޯތުމާއެކު އާއިންއަށާއި ފަރަނާޒަށްވެސް ނިދުނީއެވެ. ފަރަހަނާޒަށް ހޭލެވުނީ އިޝާނަމާދު ވަގުތުވާން ކުޑަތަންވެފައި ވަނިކޮށެވެ. އޭނާ އަވަސް އަވަހަށް އާއިންއަށް ގޮވިއެވެ. ފަރަހަނާޒް ފާޚާނާއިން ނުކުތުމުން އާއިންވެސް އަވަސް އަވަސް ކޮށްލައިގެން ނުކުމެ، ދެމީހުން އެކުގައި ކޮޓަރީގައި ނަމާދުކުރީ މިސްކިތަށް ދާނެހައި ވަގުތު ނެތުމުންނެވެ.

" އަހަރެން މިދަނީ މިސްކިތަށް…މިރޭ ދެން އެއްޗެއް ހަދާނެކަމެއްނެތް….ބޭރުން ކާނީ.." އިޝާނަމާދަށް ގޮވުމުން އާއިން ކޮޓަރިން ނުކުންނަމުން ބުނެލިއެވެ.

އިޝާނަމާދުކޮށްގެން ކުޑައިރުކޮޅަކު ޤުރުއާން ކިޔަވަން އިނުމަށްފަހު، އާއިން އައުމުގެ ކުރިން ފަރަހަނާޒް ފެންވަރަންވަނެވެ. އޭނާ ހެދުން ބޭލުމަށްފަހު ފެންވަރަން ތައްޔާވި ވަގުތު ތުވާލި ނެތްކަން ހަނދާންވިއެވެ. ކުރިން ދުވަހު ތުވާލިތައް ދޮވެ ފަތްޖަހާފައި އަލަމާރިއަށް ލީގޮތަށް ފާޚާނާއަށް ގެންނަން ހަނދާން ނެތިފައިހުރީއެވެ. އޭނާ ވަރަށް ސިއްރު ސިއްރުން ދޮރުހުޅުވާލީ އާއިން އުޅޭތޯ ޔަޤީންކޮށްލުމަށެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއިރު އާއިންއެއް ނެތެވެ. އެހެންކަމުން އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ފާޚާނާއިން ނުކުތެވެ. އަލަމާރިއާ ހަމައަށް ނުދެވި އުޅެނިކޮށް ދޮރުހުޅުވާލާފައި އާއިން ވަދެއްޖެއެވެ. ދާންވީ ދިމާއެއް ނޭނގިފައި އިރުކޮޅަކު ހުރުމަށްފަހު ހަލުވި ކަމާއެކު ދުވެގޮސް އޭނާ ފާޚާނާއަށް ވަނެވެ. ހަމައެއާއެކު ފައިކައްސާލައިގެން އޭނާ ފާޚާނާތެރެއަށް ވެއްޓިއްޖެއެވެ. ކޮޓަރިއަށް ވަނުމާއެކު، ފެނުނު މަންޒަރުން ހިއްސުތައް ގަނޑުވެފައިހުރި އާއިންއަށް ހޭވެރިކަންވީ ފާޚާނާތެރެއަށް ފަރަހަނާޒް ވެއްޓުނު އަޑަށެވެ. ހަމައެއާއެކު އޭނާ ދުވެފައި ގޮސް ފާޚާނާތެރެއަށް ވަދެއްޖެއެވެ. އޭރު ވެއްޓި ޖެހުނުގޮތަކުން ފަރަހަނާޒްއޮތީ ބޮލަށް އެނބުރުން އަރާފައެވެ.

" ސުބްޙާނަﷲ…ސުބްޙާނަﷲ.." ފަރަހަނާޒްގެ ފޭރާމެއްނެތް ހަށިގަނޑު ފެނުމާއެކު ބޭއިޚްތިޔާރުގައި އާއިންއަށް ކިޔާލެވުނެވެ.

އޭނާގެ ބޮލަށް މާބޮޑަށް ތަދުނުވީ ނަމަވެސް އާއިން އެތަނަށް ވަތްތަންފެނި ގަތްލަދެއްގެ ބޮޑުކަމުން ފަރަހަނާޒް އޮތީ ލޯހުޅުވާލަންވެސް ނުކެރިފައެވެ. ދެފައި ކުރުކޮށްލާފައި މޭމަތީގައި އަތްހުރަސްކޮށްލީ، އާއިންއަށް ފޮރުވުމަށެވެ. ނަމަވެސް އާއިންއަށް ފެންނަންވީ އެއްޗެއް އެއްވެސް ހުރަހެއްނެތި ފެނި ނިމިއްޖެއެވެ. އާއިން ވިސްނާކަށް ނުހުރެ އަވަސް އަވަހަށް ފަރަހަނާޒް އޭނާގެ އަތްދަނޑިމައްޗަށް އުފުލާލައިގެން ގެނެސް އެނދުގައި ބޭއްވިއެވެ. ފަރަހަނާޒްގެ ގައިމަތީގައި ކުއިލްޓް އަޅާލުމަށްފަހު އާއިން ހަލުވިކަމާއެކު ކޮޓަރިން ނުކުތެވެ. ހަމައެހާމެ އަވަހަށް އޭނާ އެނބުރިއައީ އައިސް ޕެކެއް ހިފައިގެންނެވެ.

" ނާޒް…ކޮންތާކަށް ތަދުވީ؟.." އެނދުގައި ދެލޯމަރައިގެން އޮތް ފަރަހަނާޒްއާ މުޚާތަބު ކުރަމުން އާއިން އަހާލިއެވެ.

" މިތަނަށް…" ލަދުން އޮވެވެސް ބޯ އެއްފަރާތަކަށް އަރިކޮށްލަމުން ތަދުވާތަން ފަރަހަނާޒް ދައްކާލިއެވެ. އާއިން ފަރަހަނާޒްގެ ބޮލުގައި ބޮނޑިތާން ކުރަމުން ދިޔައިރު، އޭނާގެ ހިތަށް ސިފަވަމުން ދިޔައީ ފަރަހަނާޒްގެ ފޭރާމެއްނެތް ލޫޅާފަތި ހަށިގަނޑު އޭނާއަށް ސިފަވަމުން ދިޔައެވެ. ފަރަހަނާޒް މިވަގުތުވެސް އެއޮތީ އެހާލަތުގައިކަން އެނގޭތީ އޭނާގެ ހިއްސުތަކަށް އެނގުންވެލައިގެން ދިޔައެވެ. ހާލަތުގެ ނާޒުކް ކަމުން ނޫންނަމަ އާއިންއަށް މިވަގުތު އޭނާގެ ނަފްސު ކޮންޓްރޯލެއް ނުކުރެވުނީހެވެ.

" ބޮލަށް އެކަނިތަ ތަދުވަނީ؟…އެހެން ތަނަކަށް ތަދުވަންޏާވެސް ބުނޭ…އަހަރެން ބޮނޑިތާން ކޮށްލަދޭނަން" މަޑު މަޑުން ފަރަހަނާޒްއާ ދިމާއަށް ގުދުވެ ކަންފަތާ އަނގަ ކައިރިކޮށްލަމުން އާއިން އަހާލިގޮތުން ފަރަހަނާޒްގެ ހަށިގަނޑުގައި ހުރިނަމަ ހުރި ލޯއްޔެއް ކޮޅަށްޖެހިގެން ދިޔައެވެ. މިވަގުތު އޭނާއަށް އޮވެވުނު ހާލަތު ހިތަށްއަރާފައި ބޭއިޚްތިޔާރުގައި ތިރީތުންފަތުގައި ދައިގަނެވިއްޖެއެވެ.

" ނާޒް…އަދިވެސް ތަދުވޭތަ؟…ނޫނީ އަދިވެސް ބޮނޑިތާން ކުރަންވީތަ؟.." ފަރަހަނާޒް އެއްޗެއް ނުބުނެ އޮތުމުން އާއިން އަހާލިއެވެ.
" މިހާރު ރަނގަޅު…" މަޑުމަޑުން ފަރަހަނާޒް ޖަވާބުދިނެވެ.

" އެހެންވީމަ އަހަރެން ދާންވީތަ ފެނަވރުވަދޭން…" ލާނެއް ގޮތަކަށް ހީލަމުން އާއިން އަހާލިއެވެ. މިވަގުތު އޭނާހުރީ ފަރަހަނާޒްއަށް ގޯނާކޮށްލާ ހިތުންނެވެ. ކައިވެންޏަށް ހަފްތާއެއް ވީއިރުވެސް މިއަދު ނޫނީ މިހާ ހާމަކަން ބޮޑުގޮތަކަށް މިކުއްޖާގެ ހަށިގަނޑުވެސް އޭނާއަކަށް ފެނިފައެއް ނުވެއެވެ. އެހެންކަމުން މިއަދު އޭނާއަށް އެހާފަސޭހައިން ފަރަހަނާޒްއާ ދުރަކަށް ނުދެވޭނެއެވެ. މާބޮޑުކަމެއް ނުކުރި ނަމަވެސް އޭނާގެ އަތުތެރެއަށް އެކުއްޖާ ގެންނަން ބޭނުމެވެ. އާއިން އޭނާގެ ގަމީހުގެ ގޮށްތަށް ނައްޓަމުން އިންތަނުން ތެދުވިއެވެ. އަދި އަލަމާރިން ކޮނޑެއްނެގުމަށްފަހު ގަމީހާއި ޖީންސްވެސް ބާލާފައި ކޮނޑުގައި އެޅުވިއެވެ. އާއިންގެ ޚަބަރެއްނުވުމުން ސިއްރު ސިއްރުން ފަރަހަނާޒް ބަލާލިއިރު ހުސްގަޔާހުރި އާއިން ފެނިފައި ފިނީގެ ރާޅެއް އޭނާގެ ހަށިގަނޑުގައި ދުވެލިއެވެ. އަލަމާރިން ތުވާއްޔެއްނަގައި އުނުގައި އޮޅާލުމަށްފަހު އާއިން މަޑުމަޑުން އައިސް ފަރަހަނާޒްގެ މަގަތުގައި ހުއްޓުނެވެ.

" ޖަވާބެއް ނުދިނުމަކީވެސް ޖަވާބެއްކަމަށް އަހަރެން ބަލާނީ…." ކުއްލިއަކަށް ކުއިލްޓް ދަމައިގަންނަމުން އާއިން ބުނެލިއެވެ. އަދި ފަރަހަނާޒްއަށް އެއްޗެއް ވިސްނާނޭ ފުރުސަތުވެސް ނުދީ އޭނާގެ އަތްދަނޑިމައްޗަށް އުފުލާލައިގެން ގޮސް ފާޚާނާއަށް ވަނެވެ.

ފަރަހަނާޒް ކިތަންމެ ލަދުގަތްނަމަވެސް، އާއިންއަށް އޭނާގެ މައްޗަށް އެހައްޤު ލިބިގެންވާކަން އެނގޭތީ ދެކޮޅު ހެދުމެއްނެތި އާއިންގެ އެދުމަށް އިޖާބަދިނުމަށް އޭނާވެސް ބޭނުންވިއެވެ. އާއިންގެ އަތުތެރޭގައިހުރެ ހޫނުފެނުން ފެންވަރަމުން ދިޔައިރުވެސް އޭނާގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. އާއިންގެ ކޮންމެ ބީހިލުމަކުން އޭނާގެ ހިއްސުތަކުގައި ހަލަބޮލިކަމެއް އުފެދެމުން ދިޔައެވެ. ފެންވަރާ ނިމޭންދެންވެސް ދެލޯހުޅުވާލަންވެސް ނުކެރިފައި އޭނާ ހުރީއެވެ. މިހާ ކުއްލިގޮތަކަށް އާއިންއާއެކު ފެންވަރަން ޖެހިދާނެކަމަށް އޭނާ ހީކޮށްފައެއްވެސް ނެތެވެ.
ފެންވަރައި ނިމުމުން އާއިން ވަރަށްލޯބިން ފަރަހަނާޒްގެ ގައިން ފެންހިއްކަން ފެށިއެވެ. އާއިން ގާތްވާ ކޮންމެ ފަހަރަކު ފަރަހަނާޒްގެ ހަށިގަނޑުގައި ތުރުތުރު އުފެދޭކަން ޚުދު އާއިންއަށްވެސް އެނގުނެވެ. އެހުރިހާއިރުވެސް ފަރަހަނާޒްއަށް އިސްއުފުލާލަންވެސް ނުކެރިފައިހުރީ، އޭނާ އަމިއްލައަށް ހުރި ހާލަތުގެ އިތުރުން އާއިންގެ ފޭރާމެއްނެތް ހަށިގަނޑުވެސް ފެނިދާނެތީ ލަދުންނެވެ. ފެން ހިއްކައި ނިމުމުން ފަރަހަނާޒްގެ ގައިގާ ތުވާލު އޮޅާލުމަށްފަހު އަތްދަނޑިމައްޗަށް އުފުލާލައިގެން އޭނާ ނުކުތެވެ.

" މިގޮތަށް ކުއްލިއަކަށް ކަންތައް ކުރަން ޖެހުނީތީ މާފަށް އެދެން…އެކަމު ހަމަ އެކީގަ ފެންވަރާލާހިތުން ކެތްނުވީ…މިގަޑީގަ އިތުރު ކަމެއްނުކުރާނަން ބިރު ނުގަނޭ…" ފަރަހަނާޒް ބިރުން އޮތްހެން ހީވެގެން އާއިން ބުނެލިއެވެ. އޭނާ އެހެންބުނި ނަމަވެސް އޭނާއަށް ކެތްވަނީ ހަމަ ކިރިޔާއެވެ.

" މިރެއަށް ތައްޔާރަށް ހުންނާތި އިނގޭ!.." ފަރަހަނާޒް ގެނެސް އެނދުގައި ބާއްވުމަށްފަހު ނިތްކުރީގައި ބޮސްދެމުން އާއިން ބުނެލިއެވެ.
" މިރޭ އެންމެ ރަނޅުތަ؟" ފަރަހަނާޒް އެސްފިޔަތައް އުފުލާލައި އާއިންއާ ހަތަރުކަޅި ހަމަކޮށްލުމުން އޭނާ ހީލަމުން އަހާލިއެވެ. ފަރަހަނާޒްގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވުމާއެކު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

" ހޫމް…އެހެންވީމަ މިރޭ ލާނީ އަހަރެން ބުނާ ހެދުމެއް.." އަލަމާރި ހުޅުވާލަމުން އާއިން ފަރަހަނާޒްގެ ހެދުންތަކަށް ބަލާލިއެވެ. އަދި އޭނާއަށް ކަމުދާ ހެދުމެއްނަގައި ފަރަހަނާޒްގެ އަތަށްދިނެވެ. މިރޭގެ ފޮނި ހުވަފެންތައް ދެކެމުން ދެމަފިރިން އެކުގައި ތައްޔާރުވެގެން ރެސްޓޯރެންޓަކަށް ކާންދިއުމަށް ނުކުތެވެ.
*****
މެންދަމުގެ ވަގުތެވެ. ފިކުރުބޮޑުވެ ލޮލަށް ނިދިނައިސްފައި އިޒްޔަން އޮތެވެ. އޭނާއަށް އަދިވެސް ވިސްނެމުންދަނީ ޝައުންއާމެދުގައެވެ. ޝައުންއަކީ އާއިލާގެ ދިރުމެވެ. ބައްޕައާއި މަންމަގެ ލޮލުގެ ފިނިކަމެވެ. އެމީހުން ދެކެނީ އެއީ އެމީހުންގެ ނަށް ލިބުނު ހެޔޮ ނަސީބެއްކަމެވެ. އެންމެންނަށްވެސް ޝައުން ޚާއްސަވީ ސަބަބެއް ނެތިއެއް ނޫނެވެ. އޭނާ އަދިވެސް ޝައުން އުފަންވީ ދުވަސް ހަނދާން އެބަހުއްޓެވެ. އެދުވަހަކީ އުފަލަކާއި ހިތާމައެއް އެއްފަހަރާ ލިބުނު ދުވަހެކެވެ.

ވިސްނަން އޮވެފައި ކުއްލިއަކަށް އިޒްޔަން ތެދުވިއެވެ. އަދި އަލަމާރި ހުޅުވާލުމަށްފަހު، އެތެރޭގައިވާ ވަތްގަނޑަކުން ތަޅުދަނޑި ފައްޗެއް ނެގުމަށްފަހު އޭނާ ކޮޓަރިން ނުކުތެވެ. ސިޓިންރޫމުގައިވަނީ ހަމަހިމޭންކަމެވެ. ޝައުންގެ ކޮޓަރި ކައިރިއަށް ހުއްޓި ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. ޝައުން ނިދީކަމުގައި ޔަޤީންކޮށްފައި އޭނާ ދެން ގޮސް ހުއްޓުނީ އެކޮޓަރިއާ އިންވެގެންހުރި ކުޑަ ގުދަނުގެ ދޮރުމައްޗަށެވެ. ތަޅުދަނޑިފަތިން ވަކި ޚާއްސަ ތަޅުދަނޑިއެއް ނަގައި އޭނާ ދޮރުހުޅުވާލިއެވެ. އެތެރެއަށްވަދެ ބޮކިދިއްލާލުމަށްފަހު މަޑުމަޑުން ދޮރުލައްޕާލިއެވެ.

ގުދަންތެރޭގައި ތަރުތީބުން އަތުރާފައިވާ ފޮށިތަކަށް އޭނާ ނަޒަރު ހިންގާލިއެވެ. އޭނާ ހޯދަން ބޭނުންވީފޮށި ހުރީ ދެތިންފޮށިގަނޑުގެ ދަށުގައެވެ. އިޒްޔަން ވަރަށް ސަމާލުކަމާއެކީ ފޮށިތައް އެއްކައިރި ކުރުމަށްފަހު އޭނާ ބޭނުންވީ ފޮށިނެގިއެވެ. ފޮށީގެ މަތީގައި ހިރަފުހުގެ އަސަރު ހުރުމުން އޭނާ ފޮޅާލުމަށްފަހު، ޒިޕްކަހާލިއެވެ. އޭނާ ފޮށީގެ މަތި ހިއްލާލުމަށްފަހު އެތެރެއަށް ނަޒަރު ހިންގާލިއެވެ. އޭގައިވަނީ އޭނާ ހައިސްކޫލްގައި ކިޔެވި ބައެއް ފޮތްތަކާއި އަދިވެސް އެހެނިހެން ފޮތްތަކެވެ. އޭނާ ފަހަރަކު ފޮތެއް ހިއްލަމުން ދަނިކޮށް އޭނާ ހޯދަން ބޭނުންވީ އެތި ލޮލުގައި އަޅައިގަތެވެ. އެއީ ދުވަސްވެފައިވާ އަލްބަމެކެވެ. އޭނާ ފޮށިކައިރީ އިށީނދެ ހަމަޖެހިލުމަށްފަހު އަލްބަމު ހުޅުވާލިއެވެ.
ފުރަތަމަ ފޮޓޯއިންވެސް މާޒީގެ ކުލަމަންޒަރެއް އޭނާއަށް ސިފަވެގެން ދިޔައެވެ. ބްލޮކްސް ތަކަކުން ޓަވަރެއް ހަދައިގެން އޭނާއާއެކުގައި ކުޅެންއިން ޝަފަޤު ފެނިފައި އޭނާގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

" އައި މިސްޔޫ…ސޯމަޗް…ޝަފަޤު ދައްތާ….ދައްތައަށް އެނގޭތަ ޝައުން މިހާރު ވަރަށް ބޮޑުވެއްޖެ….އެކަމު އަހަރެންނަށް އެނގުމަކާނުލާ…އަހަރެން ވަޢުދުވީން ޝައުން ދެރަ ނުކުރާނަން ކަމަށް…އެކަމު މިއަދު އަހަރެން އެވަޢުދެއް ނުފުއްދުނު…ދައްތާ އަހަރެންނަށް މާފްކުރޭ!…" އިޒްޔަންގެ ހިތަށްވެރިވި ޚިޔާލުތަކުން އޭނާގެ ލޯ ފެންކަޅިވިއެވެ.

އޭނާ ފޮޓޯތައް ބަލަމުން މާޒީގެ ހަނދާންތައް އާކުރަމުން ދަނިކޮށް ކުއްލިއަކަށް މީހަކު ގުދަނުގެ ދޮރުހުޅުވާލިއެވެ. އެއާއެކު ސިހިފައި އޭނާ އަލްބަލް ލައްޕާލީ އެއީ ޝައުންއަށް ވެދާނެތީ ބިރުންނެވެ.

" އިޒީ….ކިހިނެއްވީ؟.." އިޒްޔަންއަށް ވީގޮތުން އުޝާ ހާސްވެފައި އަހާލިއެވެ.

" ކަމެއްނުވޭ…އަހަރެން ހީކުރީ ޝައުންކަމަށް" ހަމަޖެހިލަމުން އިޒްޔަން ބުނެލިއެވެ.

" ހާދަ ދުވަހެއްފަހުން އަނެއްކާ ތިއަލްބަލް ތިބަލަނީ ކީއްވެ؟…" އިޒްޔަންގެ އަތުގައި އޮތް އަލްބަމު ފެނުމުން އުޝާ ބުނެލިއެވެ.

" ދެން ހަމަ ހަނދާންވެގެން ބަލާލީ…އުޝްދޭބަލަ ކޮފީއެއް ހަދާލަން…އަހަރެން އެބަދާން.." ފޮށިތެރެއަށް އަލްބަމު ލާފައި ތެދުވަމުން އިޒްޔަން ބުނެލިއެވެ.

އުޝާ ދޮރުލައްޕާލުމަށް ފަހު ގޮސް ބަދިގެޔަށް ވަނެވެ. އިރުކޮޅެއްފަހުން އިޒްޔަންވެސް އައެވެ.

" ކިހިނެއްވީ މިރޭ ނުނިދިގެން ތިއުޅެނީ؟.." އިޒްޔަން ކާމޭޒު ދޮށުގައި އިށީނުމުން އުޝާ ބުނެލިއެވެ.

" ކަމެއްވީކީ ނޫން…މިރޭ ހަމަ ޝަފަޤުދައްތަމަތިން މާބޮޑަށް ހަނދާންވީ…" އިޒްޔަން ބެލީ ޝައުންގެ ވާހަކަ ނުދައްކާ ވޭތޯއެވެ.
" އިޒީ ނުބުންޏަސް މަށަށް އެނގޭ ކަމެއްވީކަން….ދަތުރު ދިޔައީއްސުރެ އިޒީ ތިހުންނަނީ މޫޑު އޮފްވެފަ…އަނެއްކޮޅުން ޝައުންއަށްވެސް މިހާރަކަށް އައިސް ވެފަހުންނަ ގޮތެއްވެސް ނޭނގޭ….އަބަދުވެސް ހުންނަނީ ރުޅިގަދަވެފަ….މިރޭވެސް ކޮންމެވެސް ކަމަކާ ރުޅިއައިސްގެން ނުވެސްކައި އެނިދީ…" އުޝާ ބުނެލިއެވެ.

" އެހެންތަ؟…ފަހުންވެސް ނުތެދުވޭތަ ކާކަށް…" ކަންބޮޑުވެފައި އިޒްޔަން އަހާލިއެވެ.

" ނޭނގެ…އަހަރެން މިހޭލީނު…އެކަމު އިޒީ ބުނެބަލަ ތިވެގެން އުޅޭގޮތެއް…މަންމައާ ބައްޕަވެސް މިހާރު ތިބީ ޝައުންއާމެދު ކަންބޮޑުވެފަ…ޝައުންއަށް އެހާބޮޑު ބަދަލެއްއައީ ކީއްވެތަ؟…އޭނާ އެހާ ރުޅިގަދަވެގެން އުޅޭ ސަބަބެއް އިޒީއަށް އެނގޭނެހެން މަށަށް ހީވަނީ…ދަތުރުމަތީގަ އިޒީ އިރުއިރުކޮޅުން ޝައުންގާތަށް ގޮސް އޭނާ ރުއްސަން އުޅޭތީ އަހަރެން ދުށިން…ދެން ބުނެބަލަ ކިހިނެއްތަ ވެގެން ތިއުޅެނީ؟…އަހަރެންނަށް ހީވަނީ އަހަރެންނަށް އެނގެން ޖެހޭނެހެން…އަހަރެންމީ އިޒީގެ އަނބިމީހާ ވިއްޔަ…" ވާނުވާއެއް ނޭނގި ހުންނަން ވުމުން އުޝާހުރީ ހިތްހަމަ ނުޖެހިފައެވެ.

" ދެން ތިހާ ކަންބޮޑު ނުވެބަލަ! މާބޮޑުކަމެއްނުވެޔޭ…އާން މެރީކުރީމަ އާންއާއެކު ގިނަ ވަގުތު ހޭދަ ނުކުރެވޭތީ އެކަމާ ޝައުން ހިތްހަމަ ނުޖެހުނީ…އެހެންވެ އަހަރެން އުޅުނީ ވިސްނަދޭން…" އަސްލު ސަބަބު ނުބުނެ އުޝާއަށް ވިސްނަދޭން އިޒްޔަން އުޅުނެވެ.

" އާން މެރީކުރީމަ ޝައުން ވާންޖެހޭނީ އުފަލެއްނު…ކީއްވެ ރުޅިއަންނަންވީ؟.." ވިސްނާވެސް ނުލައި އުޝާ ކުއްލިއަކަށް އަހާލިއެވެ.
" އެހާ ގިނަ ދުވަހު އެކީ އުޅެފަ ކުއްލިއަކަށް ދުރުވީމަ އެހެން ވެދާނެއްނު…އެއީ ޝައުން އަދި ނުވިސްނޭތީ އުޅޭގޮތް…ފަހުން ރަނގަޅުވާނެ…" ދެންވެސް އިޒްޔަން ބެލީ ހަޤީޤަތް ހާމަނުކޮށް ވޭތޯއެވެ.
" މަށަށް ހީވާ އެއްޗެއް ބުނަންތަ؟…އެކަމު ރުޅި ނާންނާތި!" އޭނާއަށް ބުނެވޭ ވާހަކައަކުން އިޒްޔަން ރުޅިއަތުވެދާނެތީ ކަންބޮޑުވެފައި އޭނާ އަހާލިއެވެ.

" އާނ…ބުނެބަލަ! އުޝް އެއްޗެއް ބުނެގެން މަ ދުވަހަކުވެސް ރުޅި އައިތަ؟.." ހީލަމުން އިޒްޔަން ބުނެލިއެވެ.

" އަހަރެންނަށް ހީވަނީ ޝައުން އާން އާ ލައިކްވާހެން…މިބުނީ އަނެއްގޮތަކަށް…" ޖެހިލުންވެ އިނދެ އުޝާ ބުނެލިއެވެ.

" ކީއްވެ ތިހެން ތިބުނީ؟.." ނޭނގޭކަމަށް ހަދަމުން އިޒްޔަން އަހާލިއެވެ.

" މަށަށް އެހެން ހީވާތާ ދުވަސްކޮޅެއް ވެއްޖެ…އާން މެރީކުރާ ވާހަކަ ބުނީއްސުރެ ޝައުން ހުންނަނީ ފާޑަކަށް…ފަރަހަނާޒް ތަޢާރަފުކޮށްދެން ބުނީމަވެސް ނުދިޔަ….ކައިވެނި ކުރި ދުވަހުވެސް އެއްވެސް ކަމެއްގަ ބައިވެރިއެއްނުވި…އެރޭވެސް އޭނާއައީނު…އެހެންވެ މިހެން މިބުނީ.." އުޝާ އޭނާއަށް ހީވާގޮތަށް ކިޔައިދިނެވެ. އިޒްޔަން ވިސްނާލިއެވެ. އުޝާއަށް އެހުރިހާ ކަމެއް ފާހަގަވުމުން އިތުރަށް ސިއްރުކުރުމުގެ ބޭނުމެއް ނެތްކަމުގައި އޭނާއަށް ހީވިއެވެ. އެހެންކަމުން އޭނާ ހަޤީޤަތަށް ޝައުންގެ ކަންތައް ކިޔައިދިނެވެ. ނަމަވެސް ސިންގަޕޫރުގައި އާއިންއާ ޝައުންއާމެދު ހިނގިކަންތައް އޭނާ ސިއްރުކުރިއެވެ. ނޭނގުމެއްގެ ތެރޭގައިވެސް އުޝާގެ އަނގައިން އެކަން މީހަކަށް އެނގެން އޭނާ ބޭނުން ނުވީއެވެ.

" އަސްލުވެސް ހާދަ ދެރަގޮތެކޭ ތިވީ….ދެން ކިހިނެއް ހަދާނީ؟…ދުވަހެއް ދުވަހަކަށް ޝައުންގެ މިޒާޖު އެދަނީ ގޯސްވަމުން…އޭނައަށް ވިސްނައިދިނުމަކީވެސް ފަސޭހަކަމެއްނޫން…" މޮޅިވެރި ކަމާއެކު އުޝާ ބުނެލިއެވެ.

" އަހަރެން ހިތަށްއަރާ މަންމަމެންވެސް ތަންކޮޅެއްކުރިން ހަޤީޤަތް ކިޔައިދީފަ އޮތްނަމައޭ….އޭރުން ފަހަރެއްގަ އާން ޝައުންގެ ލޯބި ގަބޫލުވެސް ކޮށްފީސް…ޝައުންގެ އުފަލައްޓަކާވެސް އޭނާ ޝައުންއާ ގުޅުނީސް….އެކަމު ދެން ކީއްކުރާނީ…މިހާރު އާން އެހުރީ ނާޒްގެ މީހަކަށްވެފަ….މިހާރު އެއީ ކުރީގެ އާންއެއް ނޫން…އޭނާގެ މިޒާޖާ އުޅުމަށްވެސް އެވަނީ ވަރަށްބޮޑު ބަދަލެއް އައިސްފަ…މިހާރު އޭނަ ދެކެނީ ޝައުންއަކީވެސް ހިލޭ އަންހެނެއްގެ ގޮތުގަ…އޭނަގެ އަމަލުތަކުން ވަރަށް ރަނގަޅަށް އެކަން ދޭހަވޭ…" އިޒްޔަންގެ އަޑުގައިވަނީ މާޔޫސްކަމެވެ.
" ހޫމް…ތިބުނީ ތެދެއް…ކުރިން އާންވެސް ހާދަވަރަކުން ޝައުންއާ ހެދި އުޅުނޭ…ޝައުން ނުކާހާ ހިނދަކު ނުކައި…ޝައުން ބަލިވެއްޖެނަމަ ނުވެސްނިދާ…އެކަމު ނާޒްދެކެ ލޯބިވީފަހުން އާއިން ބަދަލުވެއްޖެ…އިޝްޤީ ލޯތްބާ އެކުވެރިކަމަކީ މުޅިން ތަފާތު ދެކަމެއް….ޝައުން ކިތަންމެ ލޯބިވިޔަސް އާން އޭނާދެކެ އެވަނީ އެކަހަލަ ލޯތްބެއްނޫން…ބަލާބަލަ ނާޒްއަށްޓަކާ އާން ކުރިހާ ކަންކަން….ނާޒްއަކީ ކާކުކަން ރަނގަޅަށް ނުވެސް އެނގެނީސް ނާޒް މީހެއްގެ ކިބައިން ސަލާމަތްކޮށް، މާލެގެނެސް ބައްޕައަށް ބޭސްކޮށްދީ…ވަޒީފާ ހޯދާދީ ނުވިތާކަށް ކޯހަށްވެސް ފީދައްކައިދީ….ކިހާ ގޮތްގޮތަކުން ނާޒްއަށް އޭނަ އެހީވަމުން އެދިޔައީ…ނާޒްދެކެ އެވީ ކަހަލަ ލޯތްބެއް އެހެން ކުއްޖަކުދެކެ އާންއަކަށް ނުވެސްވެވޭނެ ކަންނޭނގެ ދެނެއް…" އުޝާވެސް އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

ތެދެކެވެ. އާއިން ފަރަހަނާޒްދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އަދިވެސް ޝައުންއަށް ގޮތެއްވާތަން ބަލާކަށް އޭނާއަށް ދުރަކު ނުހުރެވެއެވެ. ދަތުރު ދިޔަ ދުވަހުވެސް އެކަން ވަރަށް ރަނގަޅަށް އެނގުނެވެ.
" އާންގެ ޙަޔާތަށް އެހެން ކުއްޖަކު ނާންނަހާ ހިނދު ޝައުން ވީ އޭނާއަށް ވަރަށް ޚާއްސަ މީހަކަށް…އެކަމު ނާޒް އައީމަ ޝައުން ބާކީވީ…އެހެންވީމަ ހަޤީޤަތުގަވެސް އާން ޝައުންދެކެ ލޯބިނުވަނީތަ؟.." ވިސްނަން އިނދެފައި އިޒްޔަން ބުނެލިއެވެ.

" ޝައުންއާމެދު އޭނާގެ ހިތުގަ އޮތީ ހަމައެކަނި އަޚުވަންތަ ކަމުގެ ކުލުނު ކަމަށްވާނީ….ޝައުން ތަފާތު ގޮތަކަށް ދުށްނަމަވެސް އާން އަދިވެސް އެދެކެނީ ކުރިންވެސް ދުށްގޮތަށް….އެހެންވީމަ ޝައުންއަށް ވިސްނަދިނުން ކަންނޭނގެ ރަނގަޅީ…" އުޝާ ބުނެލިއެވެ.
" އެކަމު ޝައުންއަކީ އާންގެ ކޮއްކޮއެއްނޫންކަން ކުރިން އެނގުނު ނަމަ އެދެމީހުންނަށް ލޯބިވުމުގެ ފުރުސަތު އޮތީހެއްނު…އެއީ އާންއާ އެއްވެސް ގުޅުމެއްހުރިމީހެއް ނޫންކަން އާންއަށް ކުރިން އެނގުނުނަމަ އޭނާ ދެކޭގޮތް ބަދަލުވީހެއްނު…" އިޒްޔަންއަށް އެހެންބުނެވުނީ ޚުދު އޭނާ އެގޮތަށް ބޭނުންވީތީއެވެ. އޭނާ ދެލޯފަދައިން ލޯބިވާ ކޮއްކޮ ހިތާމައިގައި ދެކެން ބޭނުން ނުވާތީއެވެ.

އުޝާއާއި އިޒްޔަން އެތައް އިރެއްވާންދެން އެގޮތުގައި ވާހަކަދައްކަން ތިބުމަށްފަހު، ނިދިއައުމުން އެނބުރި އެމީހުންގެ ކޮޓަރިއަށް ދިޔައެވެ. ގޭތެރެ ހަމަހިމޭންވެ، އެއްވެސް މީހެއްގެ ހިލަމެއްނެތި އިރުކޮޅެއްވީފަހުން ބެލްކަނީގައިހުރި ޝައުން ސިޓިންރޫމަށް ނުކުތެވެ. އޭނާ އެތާހުންނަތާ ވީއިރެއްވެސް ނޭނގެއެވެ. ނުނިދިގެން އުޅެ އުޅެފައި އޭނާ ކޮޓަރިން ބެލްކަނީގައި ހުއްޓައި އުޝާގޮސް ގުދަނަށް ވަތް މަންޒަރު އޭނާއަށް ފެނުނެވެ. އޭރު އިޒްޔަންއިނީ ގުދަނުގައެވެ. އުޝާއާއި އިޒްޔަންގެ މެދުގައި ދެކެވުނު ހުރިހާ ވާހަކައެއް އޭނާއަށް އަޑުއިވުނެވެ. ނަމަވެސް އޭނާއަށް ދޭހަނުވާ ވާހަކައެއް އެމީހުން ދައްކައި ހިތުގައި އެތައް ސުވާލެއްވެސް އުފެދިއްޖެއެވެ.

ނުނިމޭ