Last Updated: April 16, 15:11
Tuesday, April 16, 2024
ކުޅިވަރު

ޔުވެންޓަސް އިން 8 ވަނަ ފަހަރަށް ސުޕަކަޕް ކާމިޔާބުކޮށްފި

ދެވަނަ ހާފުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން ވައްދާލި ލަނޑުން ވާދަވެރި އޭސީ މިލާން ބަލިކޮށް ޔުވެންޓަސް އިން ރެކޯޑް 8 ވަނަ ފަހަރަށް އިޓާލިއަން ސުޕަކަޕް ކާމިޔާބުކޮށްފިއެވެ.

ސައުދީ އަރަބިޔާގެ ޖިއްދާގައި ރޭ ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖެހުމަށް އެންމެ ރަނގަޅު ފުރުޞަތެއްލިބުނީ ޔުވެންޓަސްގެ ރޮނާލްޑޯ އަށެވެ. ރޮނާލްޑޯ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިމަތިން ކިރިޔާ ބޭރަށް ދިޔައިރު މި ހާފުގައި މިލާންގެ ހަކާން ޗަހަނޮގްލޫ ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ މަތަކުރިއެވެ.

ދެ ޓީމަށް ލަނޑެއްނުޖެހި ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފުގެ ކުޅުން ފެށިތާ 3 ވަރަކަށް މިނެޓުގެތެރޭގައި މިލާންގެ ޒުވާން ފޯވާޑް ޕެޓްރިކް ކުޓްރޯނޭ އަށް ވަނީ އެ ޓީމަށް ލީޑްނަގައިދިނުމަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް، 61 ވަނަ މިނެޓުގައި ޔުވެންޓަސްގެ މިރަލެމް ޕިޔަނިޗް ތަނަވަސްކުރި ފުރުޞަތަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 16 ވަނަ ލަނޑެވެ.

މިލާންގެ ކޯޗު ޖެނާރޯ ގަޓޫސޯ ވަނީ މެޗުގެ ފަހު 20 މިނެޓަށް ޔުވެންޓަސްގެ ކުރީގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ކުޅެން ނެރެފައެވެ. ނަމަވެސް، މިލާނަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ.

މިލާން އާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޔުވެންޓަސް.ކޮމް

މިލާނުން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތަކަށް އިތުރަށް ހުރަސްއެޅުނީ މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމަށް ކުޅޭ އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ޔުވެންޓަސްގެ އެމްރޭ ޗާން އަށް ކުރި ފައުލަކަށް ރެފްރީ އެންމެ ފުރަތަމަ ކެސިއޭ އަށް ރީނދޫ ކާޑު ދެއްކި ނަމަވެސް ފަހުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ވަނީ ނިންމުން ބަދަލުކުރުމަށްފަހު އޭނާ އަށް ރަތް ކާޑު ދައްކާފައެވެ.

އޭގެފަހުން، މިލާންގެ އަންދްރެއާ ކޮންޓީ އަށް ޔުވެންޓަސްގެ ޗާން ފައުލްކުރިކަމަށް ބުނެ ޕެނަލްޓީއަކަށް އެޕީލްކުރުމުން ރެފްރީ އެކަމާ ދެކޮޅު ހެދުމުން މިލާނުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ އާ އަހަރުގެ ފެށުން ޔުވެންޓަސް އާއެކު ތައްޓެއް ލިބުމުން ވަރަށް އުފާވާ ކަމަށާއި އިތުރު މުބާރާތްތައް ކާމިޔާބުކުރުމަށް ބުރަކޮށް މަސައްކަތްކުރާނެކަމަށެވެ.

"މިއީ ވަރަށް އުނދަގޫ މެޗެއް. މިހާ ހޫނުގައި ކުޅުމަކީ ފަސޭހަކަމެއް ނޫން."

"އާ އަހަރު ފަށަން އަހަރެން ބޭނުންވި ޓްރޮފީއަކާއެކު. އެގޮތުން، ޔުވެންޓަސް އާއެކު އަހަރެންގެ ފުރަތަމަ ތަށި ކާމިޔާބުކުރެވުމުން ވަރަށް އުފާވޭ." ރޮނާލްޑޯ ބުންޏެވެ.

ޔުވެންޓަސް އާއެކު ރޮނާލްޑޯ ކާމިޔާބުކުރި ފުރަތަމަ ތައްޓާއެކު. –ފޮޓޯ: ޔުވެންޓަސް.ކޮމް

"މިއީ ފެށުމެއް، އިތުރު މުބާރާތްތައް ކާމިޔާބުކުރުމަށް ކެނޑިނޭޅި ބުރަކޮށް މަސައްކަތްކުރަންޖެހޭނެ." ރޮނާލްޑޯ ބުންޏެވެ.

މި މުބާރާތުގެ ތަށި ޔުވެންޓަސް އިން އެންމެ ފަހުން ކާމިޔާބުކުރީ 2015 ވަނަ އަހަރުގައެވެ. އެ ފަހަރު 2-0 އިން ލާޒިއޯ ބަލިކުރުމަށްފަހު އެ ޓީމުން ތަށި އުފުލާލިއިރު އޭގެފަހުން، ޖެހިގެން އައި ދެ އަހަރުވެސް އެ ޓީމު ބަލިވީ ފައިނަލްގައެވެ. އެގޮތުން، 2016 ވަނަ އަހަރުގެ ފައިނަލްގައި މިލާން އަތުން ޕެނަލްޓީ ޖަހައިގެން 4-3 އިން ބަލިވިއިރު 2017 ވަނަ އަހަރުގެ ފައިނަލްގައި ލާޒިއޯ އަތުން ބަލިވީ 3-2 އިންނެވެ.

ޔުވެންޓަސް އަށް ދެން އޮތީ ލީގުގައި މި މަހުގެ 22 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ކިއޭވޯ ވެރޯނާ އާ ދެކޮޅަށް ކުޅޭ މެޗެވެ. ސެރިއޭގެ ތާވަލްގެ އެއްވަނައިގައި މިވަގުތު 9 ޕޮއިންޓުގެ ލީޑަކާއެކު ޔުވެންޓަސް އޮތްއިރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ވެސް އެ ޓީމު ވަނީ ޖާގަ ހޯދާފައެވެ.