އައްޑޫގައި ފުލުހުން ކުރާ މަސައްކަތް އާބާދީގެ ބޮޑު ބައެއް ބަލައި ގަންނަ ކަމަށާއި އެހެން ނަމަވެސް ފުލުހުންގެ މަސައްކަތް ހީނަރުކޮށް، އިތުބާރު ގެއްލުވާލަން ސިޔާސީ މަދު ބަޔަކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރު ސްޕްރިންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވީ އައްޑޫގެ 95 ޕަސެންޓް ރައްޔިތުން ފުލުހުންގެ ހިދުމަތް ބަލައި ގަންނަ ކަމަށެވެ. އަދި ފުލުހުން ކުރާ މަސައްކަތުގެ އަގު ގިނަ ބަޔަކު ވަޒަން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް އާންމުންގެ މެދުގައި ފުލުހުންގެ އިތުބާރު ގެއްލުވާލައި، ފުލުހުންގެ މަސައްކަތްތަކަށް ހީނަރުކަން ގެނައުމަށް ސިޔާސީ ބައެއް ފަރާތްތަކުން ތަފާތު މަސައްކަތްތައްކޮށް، ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެސްއޯ ފުލުހުން ޖެނުއަރީ މަހުގެ 17 އިން ފެށިގެން އައްޑޫގައި "އަފިރިންގެ އަމާން އައްޑު ސިޓީ" އަޕަރޭޝަން ފެށި ފަހުން، ކުށުގެ ވެށި ވަރަށް ބޮޑަށް ރަނގަޅު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ވައްކަމާއި ފޭރުމާއި މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތައް ވަރަށް ބޮޑަށް މަދު ކުރެވި، އެކަން އާންމު ރައްޔިތުން ވެސް ފާހަގަ ކުރާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އަދި އެކި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަން ޖެހޭ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ޑީޕީއާރްއެސް އާ ހަވާލުކުރަމުން އަންނަ ކަމަށާއި ދޫވެފައި ތިބި އިތުރު މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ޔާޒް ވިދާޅުވި އެވެ.
އަދި އެސްްއޯ ފުލުހުން އައްޑޫގައި އޮޕަރޭޝަން ހިންގަނީ އައްޑޫގައި ތިބޭ ސިޓީ ފުުހުންނާއި ސައުތު ޑިވިޝަން ކޮމާންޑަރާ ވެސް ވަރަށް ބޮޑަށް ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އައްޑޫ ސިޓީ ކައުންސިލުން އެސްއޯ ފުލުހުންގެ އޮޕަރޭޝަނާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް އެސްއޯ ފުލުހުންގެ ފަރާތުން ނޭދެވޭ އަމަލުތައް ފެނިފައި އެބަހުރި ކަމަަަަަަަަަށެވެ. އަދި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު ވެސް އަަޅާފައިވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުރިހާ ފުލުހުން ވެސް މަސައްކަތް ކުރާނީ ހުރިހާ ރައްޔިތުންނާއި މުއައްސަސާތަކާ ގުޅިގެން ކަމަށެވެ.