Last Updated: April 18, 10:54
Thursday, April 18, 2024
ކުޅިވަރު

ރެއާލް އާ ސެވިއްޔާ ކުއާޓާ އަށް ދަތުރުކުރިއިރު އެތުލެޓިކޯ ކަޓައިފި

ލެގަނޭސް އާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ސްޕެނިޝް ކަޕްގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާއަށްފަހު ރެއާލް މެޑްރިޑް އާ ސެވިއްޔާ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު އެތުލެޓިކޯ މެޑްރިޑް މުބާރާތުން ކަޓައިފިއެވެ.

ދެވަނަ ބުރުގައި ރޭ ރެއާލް ކުޅުނު ދެވަނަ ލެގުގެ މެޗުން 1-0 އިން ލެގަނޭސް އަތުން ބަލިވިނަމަވެސް އެ ޓީމު ކުއާޓާ އަށް ދަތުރުކުރީ 3-1 ގެ އެގްރިގޭޓުންނެވެ. އެތުލެޓިކް ބިލްބާއޯ އަތުން އަމިއްލަ ދަނޑުގައި 1-0 އިން ބަލިވިނަމަވެސް ސެވިއްޔާ އިން މި މުބާރާތުގެ ކުއާޓާ އިން ފުރުޞަތު ހޯދީ 3-2 ގެ އެގްރިގޭޓުން ކުރިހޯދައިގެންނެވެ. އެތުލެޓިކޯގެ ދަނޑުގައި ޖިރޯނާ އާ ދެކޮޅަށް ކުޅުނު މެޗު 3-3 އިން އެއްވަރުވުމުން 4-4 ގެ އެގްރިގޭޓުން ދެ ޓީމު އެއްވަރުވެ ރަށުން ބޭރުގައި ޖެހި ގޯލުން އަނެއް ބުރަށް ދަތުރުކުރީ ޖިރޯނާ އެވެ.

ރެއާލުން ރޭގެ މެޗަށް ނިކުތީ އަނިޔާގެ ސަބަބުން ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންނާއި ނުލައެވެ. އެގޮތުން، ލީގުގައި އެންމެ ފަހުން ރެއާލް ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންކަމަށްވާ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ލޫކާ މޮޑްރިޗަށް މި މެޗުން ފުރުޞަތު ދީފައިނުވާއިރު އިސްކޯ އާއި މާސެލޯ ވަނީ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ. އަނިޔާގައި މިވަގުތު ތިބި ރެއާލްގެ ކުޅުންތެރިންގެ ތެރޭގައި، ޓޯނީ ކްރޫސް އާއި ތިބައުޓް ކޯޓުއާ އާއި މާކޯ އަސެންސިއޯ އަދި ކަރީމް ބެންޒެމާ ހިމެނެއެވެ.

ލެގަނޭސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ޑިމިޓްރިއޯސް ސިއޯވަސް އާއި މާޓިން ބްރެއިތުވެއިޓް އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ.

ސެވިއްޔާގެ ވިސާމް ބެން ޔެޑާ (މ) އަތުން ބޯޅަ ހޯދަން ބިލްބާއޯގެ ކުޅުންތެރިން މަސައްކަތްކުރަނީ. –ފޮޓޯ: ސެވިއްޔާ.ކޮމް

މި މެޗުގައި ރެއާލަށް ލީޑްނަގައިދިނުމަށް ފެޑެރީކޯ ވަލްވާޑޭ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ލެގަނޭސްގެ ގޯލްކީޕަރު އިވާން ކުއެޔާ މަތަކުރިއިރު އޭގެފަހުން ލެގަނޭސްގެ ބްރެއިތުވެއިޓް ފޮނުވާލި ހަމަލާއެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވިއިރު ސަބިން މެރީނޯ ފޮނުވާލި ބޯޅަ ރެއާލްގެ ގޯލްކީޕަރު ކޭލޯ ނަވާސް މަތަކުރިއެވެ.

އޭގެކުޑައިރުކޮޅެއްފަހުން، މެޗުގެ 30 ވަނަ މިނެޓުގައި ލެގަނޭސް އަށް ލީޑް ނަގައިދިނީ ބްރެއިތުވެއިޓް އެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން، އެ ޓީމުގެ ލީޑް ފުޅާކޮށްދިނުމަށް އުނާއި ބުސްތިންޒާ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ނަވާސް މަތަކުރިއެވެ. މި ހާފު ނިމުނީ 1-0 އިން ލެގަނޭސް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގައި ރެއާލަށް އެއްވަރުކޮށްދިނުމަށް އެ ޓީމުގެ ވިނީޝިއަސް ޖޫނިއާ އާއި ވަލްވާޑޭ އަދި ބްރަހިމް ޑިއާޒް ފޮނުވާލި ހަމަލާތައް ލެގަނޭސްގެ ކީޕަރު ކުއެޔާ މަތަކުރިއިރު މެޗުގެ އެންމެ ފަހުވަގުތުކޮޅު، ލެގަނޭސްގެ މަރީނޯ އާއި ބްރެއިތުވެއިޓް ފޮނުވާލި ހަމަލާތައް ރެއާލްގެ ކީޕަރު ނަވާސް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.

ޖިރޯނާ އާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ރޮއިޓާސް

މި މުބާރާތުގައި ރޭ ސެވިއްޔާ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ޖަހައިދިނީ ބިލްބާއޯގެ ގޯރްކާ ގުރުޒެޓާ އެވެ. މި މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖެހުމަށް އިތުރު ފުރުޞަތުތައް ލިބިގެންގޮސްފައިވާއިރު ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވަނީ ބިލްބާއޯ އެވެ.

ސްޕެނިޝް ކަޕްގައި ރޭ ކުޅުނު އަނެއް މެޗުގައި އަމިއްލަ ދަނޑުގައި ޖިރޯނާ އާ ދެކޮޅަށް ކުޅެ 3-3 އިން އެތުލެޓިކޯ އެއްވަރުވިއިރު މި މެޗުގައި ކުރީން ލީޑްނެގީވެސް އެތުލެޓިކޯ އިންނެވެ. ނިކޮލާ ކަލިނިޗްގެ ލަނޑުުން މި ހާފު ނިމެން ދަނިކޮށް ޖިރޯނާ އަށް އެއްވަރުކޮށްދިނީ ވަލެރީ ފެނާންޑޭޒް އެވެ. ފޯރިގަދަ ކުޅުމަކަށް ފަހު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ޖިރޯނާގެ ކްރިސްތިއަން ސްޓުއާނީ މި މެޗުގައި ފުރަތަމަ ފަހަރަށް އެ ޓީމަށް ލީޑްނަގައިދިން ނަމަވެސް އޭގެ ކުޑައިރުކޮޅެއްފަހުން އެތުލެޓިކޯގެ އެންހެލް ކޮރިއާ ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެފަހުން، އެތުލެޓިކޯގެ އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ލަނޑުން އެ ޓީމު މޮޅުވާން ދަނިކޮށް ޖިރޯނާ އަށް އެއްވަރުކޮށްދީ ކުއާޓާ އިން ޖާގައެއް ކަށަވަރުކޮށްދިނީ ބޯރްހާ ގާސިއާ އެވެ.