Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އެޑިއުކޭޝަން އެކްސްޕޯ އަންނަ މަހު ބާއްވަނީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އެޑިއުކޭޝަން ފެއާ ކަމަށްވާ، މޯލްޑިވްސް އިންޓަނޭޝަަނަލް އެންޑް ކެރިއަ އެކްސްޕޯ އަންނަ މަހު ބާއްވަން ނިންމައިިފި އެވެ.

މި ފެއަރ ބާއްވަނީ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އާއި އަސަރީ ސާވިސް ގުޅިގެންނެވެ. ފެއަރ ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހު 14 އިން 16 އަށް ދަރުބާރުގޭގައެވެ. މި ފެއާގައި ބޭރުގެ އަށް ގައުމެއްގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ރާއްޖޭގައި މަތީ ތައުލީމުދޭ ހުރިހާ ތަންތަނަކުން ބައިވެރިވާނެ އެވެ.

މޯލްޑިވްސް އިންޓަނޭޝަަނަލް އެންޑް ކެރިއަ އެކްސްޕޯ ބާއްވަމުން އަންނަތާ ހަތަރު އަހަރުވެފައިވާއިރު މި ފެއާ މި އަހަރުވެސް ބާއްވަނީ ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އާއި މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަން އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެއްބާރުލުމާވެސް އެކު އެވެ.

މި އަހަރުގެ ފެއާގައި ވަޒީފާގެ ފުރުސަތާއި މަތީ ތައުލީމުގެ ފުރުސަތުތަކުގެ އިތުރުން ކެރިއަ ގައިޑެންސް ދިނުން އޮންނާނެ އެވެ. މި އަހަރުވެސް 40 އަށްވުރެ ގިނަ ތައުލީމީ އިންސްޓިޓިއުޓުން 500 އަށްވުރެ ގިނަ ކޯސްތައް ހުށަހަޅާނެ ކަމަށް އަސަރީ ސާވިސްއިން މައުލޫމާތުދެއްވާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މި އަހަރުގެ ފެއާ ކުރިއަށްދާއިރު، ގިނަ ކަންތަކެއް ފެނިގެންދާނެއެވެ. އޭގެތެރޭގައި ޓޫރިޒަމް ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާބެހޭ ގޮތުން ހާއްސަ ސެމިނާތައް ކުރިއަށްދާނެ އެވެ. މި ސެމިނާތަކުގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެވޯޑް ވިނިން ހަތަރު ޝެފަކު މައުލޫމާތު ދެއްވާނެ އެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާ އާއި ސިއްހީ ދާއިރާ އަދި މީޑިއާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭނެ އެވެ.