Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

އަސްލަމަށް ވޯޓު ދެއްވުމަށް އެދެން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްްވާ އެމްޑީޕީގެ މިހާރުގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް މުހައްމަދު އަސްލަމްއަށް ވޯޓު ދިނުމަށް އައްޑޫގެ އެމްޑީޕީ ރައްޔިތުން ގާތު ދެންނެވުމަށް އެއްވެސް ޖެހިލުމެއް ނުވާކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަސްލަމްގެ ކެމްޕެއިން ސަޕޯޓަރުންނާއި އެކު ރޭ މާލޭގައި ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެންމެ ބޮޑަށް އެހީތެރިވާ އެއް ބޭފުޅަކީ ހިތަދޫ މުހައްމަދު އަސްލަމްކަމަށެވެ. ނަޝީދު ވިދާޅުވީ އަސްލަމް އެނގިވަޑައިގަތީ މިއަދަކު ނޫން ކަމަށާއި އެމަނިކުފާންގެ ވެރިކަމުގައިވެސް އަދި އޭގެ ފަހުންވެސް އެމަނިކުފާނަށް އެންމެ ބޮޑު އެހީތެރިވި އެއް ބޭފުޅަކީ މުހައްމަދު އަސްލަމް ކަމަށެވެ.

ނަޝީދު ވިދާޅުވީ 2004 ވަނަ އަހަރު ސުނާމީއަށް ފަހު ބޭއްވި އިންތިހާބުގައި އައްޑޫގެ މެމްބަރެއްްގެ ގޮތުގައި އިންތިހާބުވެ އަސްލަމް ވަނީ ބޮޑެތި ހިދްމަތްތަކެއް ގައުމަށް ކޮށްދެއްވާފައިކަމަށެވެ. އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީއަށް ފަހު ރާއްޖޭގެ ބަޖެޓު ދެގުނަ ކުރެވުނު އިރު ބަޖެޓު އެކުލަވާލުމުގައި އަސްލަމްގެ ދައުރު ބޮޑުކަމަށެވެ.

ސުނާމީއަށް ފަހު ގައުމު އާރާސްތު ކުރުމަށް އެކުލަވާލެވުނު ބަޖެޓުން ފެށިގެން މިއަދާއި ހަމައަށްވެސް ރާއްޖޭގެ ބަޖެޓު އެކުލަވާލުމުގައި އަސްލަމަކީ އިސް ދައުރެއް އަދާ ކުރައްވަމުންދާ ބޭފުޅެއްކަން ނަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން އެމަނިކުފާންގެ ވެރިކަމުގައި ބަޖެޓުގެ ކަންކަމުގައި އެންމެ ބޮޑަށް އެހީތެރިވި ދެ ބޭފުޅުންނަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މިހާރުގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމްއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު ދަންނަ އައްޑޫ އެމްޑީޕީ ރައްޔިތުންގެ ގާތު އަސްލަމްއަށް ވޯޓު ދިނުމަށް ދެންނެވުމަށް އެއްވެސް ޖެހިލުމެއް ނުވާ ކަމަށެވެ. ނަޝީދު މި މަޖްލިސް ޕްރައިމަރީގައި ވާދަކުރައްވާ މެމްބަރަކަށް ވޯޓު ދިނުމަށް މިގޮތަށް ފާޅުގައި ވިދާޅުވެފައި ނުވެއެވެ.

އަސްލަމް އަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތި ލެއްވިއިރު ކެމްޕެއިން މެނޭޖަރެވެ. ރައީސް ނަޝީދު އާއި ގާތް ގުޅުމެއް އޮންނަ އަސްލަމްއަކީ މަޖްލިސް 19 އަށް ކުރިމަތިލައްްވާފައިވާ މެމްބަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ތަޖްރިބާ ހުރި ފަރާތެކެވެ.

އަސްލަމް އަކީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރެއްގެ އިތުރުން ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމަށް މުހިއްމު ބިލްތަކެއް މަޖްލިސްއަށް ހުށަހެޅުއްވި މެމްބަރެކެވެ. އެގޮތުން ދައުލަތަށް ނަގަމުން ދިޔަ އިމްޕޯޓު ޑިއުޓީ ކަނޑާލައި މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމުގެ ބިލް މަޖްލިސްއަށް ހުށަހެޅުއްވީ އަސްލަމެވެ. މިހާރުގެ ޓެކްސް ގާނޫނަށް އިތުރު އިސްލާހު ހުށަހެލުމަށްވެސް އަސްލަމް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

މީގެ އިތުރުންވެސް އުމުރުން ދުވަސްވީ ފަރާތްތަކަށް މިހާރު ސަރުކާރުން ދެމުން އަންނަ 5000 ރުފިޔާ ގާނޫނެއްގެ ތެރެއިން ހޯދައި ދިނުމަށް މަޖްލިސް އަށް ހުށަހަޅާފައިވާ އިރު ޕެންޝަން ފައިސާއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ ގޮތް ހެދުމަށް ޕެންޝަނާއި ބެހޭ ގާނޫނަށް އަސްލަމްވަނީ މި ދައުރުގައި އިސްލާހު ހުށަހަޅާފައެވެ.

މަޑުމައިތިރި މިޖާޖެއްގެ އަސްލަމްއަކީ ނަޝީދުވެސް ސިފަ ކުރައްވާ ގޮތުގައި، މަޖްލިސް 19 އަށް ރައްޔިތުން އެދޭ "ހެޔޮވެރިކަމެއް" ގެނެސްދިނުމަށް ގާނޫނީ ބާރު ހޯދުމަށް މަޖްލިސް ތެރެއިން ކުރާ މަސައްކަތަށް ބޭނުންވާ އެއްބޭފުޅެވެ.