އައްޑު އާއި ފުވައްމުލަކުގައި މަސައްކަތް ކުރާ ފުލުހުންނަށް އަމާޒުކޮށްގެން ބާއްވާ ޕަބްލިކް އޯޑަ ޓްރޭނިން (ޕޮޓް) އަންނަ މަހު އެކެއްގައި ފުވައްމުލަކުގައި ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
އައްޑު އާއި ފުވައްމުލައް ހިމެނޭ ފުލުހުންގެ ސައުތު ޑިވިޝަންގެ ކޮމާންޑަރު ސްޕްރިންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވީ އައްޑު އާއި ފުވައްމުލަކުން ޕޮޓްގައި 30 ފުލުހުން ބައިވެރިވާނެ ކަމަށެވެ.
އަދި މިއީ ފުލުހުންގެ މަަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ބާއްވާ ޓްރޭނިން ޕްރޮގްރާމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބް ވެސް ކައިރިވަމުން އަންނަ އިރު، އައްޑޫ އަމާންތަނަކަށް ހެދުމަށް ފުލުހުންގެ ދައުރު އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.
އެގޮތުން ފުލުހުންގެ ފޯސް މިހާރަަށް ވުރެ ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ އައްޑޫގައި ފުލުހުންގެ އަދަދު އިތުރު ކުރަން ވެސް ބޭނުންވާ ކަަމަށެވެ.
އެހެން ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ 8 ގައި އައްޑޫގައި ހުރި ފުލުހުންގެ ތަންތަން ރޯކޮށްލުމާ ގުޅިގެން ފުލުހުން އައްޑޫގައި ތިބުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.