Last Updated: March 29, 18:55
Friday, March 29, 2024
ދުނިޔެ

ސޯމާލިއާގެ ޓެރަރިސްޓުން ކެންޔާ ހޮޓަލަކަށް ހަމަލާދީ 21 މީހުން މަރާލައިފި

ކެންޔާގެ ނައިރޯބީ ލަކްޝަރީ ހޮޓަލަކަށް ސޯމާލިއާގެ ޓެރަރިސްޓު ޖަމާއަތަކުން ހަމަލާދީ 21 މީހުން މަރާލައިފިއެވެ.

އިއްޔެ ހިނގި މިހާދިސާގައި ސޯމާލިއާގެ އަލް-ޝަބާބް ނަމަކަށް ކިޔާ ޖަމާއަތަކުން ވަނީ ހޮޓަލަށް ހަތިޔާރާއެކު ވަދެ އެތަން ހިފާފައެވެ. އެތައް ބަޔަކު ރަހީނުކޮށް ހިފަހައްޓާފައެވެ.

ބައެއް މީހުން އަސްކަރިއްޔާގެ އެހީގައި ހޮޓަލުން ބޭރުކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ އެސަރަހައްދު ދޫކޮށް ފިލާފައެވެ. ކެންޔާ އަސްކަރިއްޔާއިން ވަނީ 19 ގަޑިއިރުގެ ސެކިއުރިޓީ އޮޕަރޭޝަނެއް އިއުލާންކޮށްފައެވެ.

ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކެންޔާގެ ރައީސް އުހުރު ކެންޔާޓާ ވަނީ ހަނގުރާމަވެރިން ބަލިކުރެވިފައިވާ ކަމަށާއި 5 ހަނގުރާމަވެރިން މަރާލާފައިވާ ކަން އިއުލާންކޮށްފައެވެ.

އަށާވީސް މީހަކު އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު ރެޑް ކްރޮސް އިން ބުނެފައިވަނީ 19 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.