Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހުޅުމާލެއިން މަރުވި މީހާގެ މައްސަލާގައި އެކަކު ހައްޔަރު

މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ޒުވާން އަންހެނަކު ކުއްލި ގޮތަކަށް މަރުވި މައްސަލާގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.

ކުއްލި ގޮތަކަށް މަރުވެފައިވަނީ ހުޅުމާލެ މުރަކަ 7، އާއިޝަތު ވިޝާމާއެވެ. އޭނާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މިހާތަނަށް އެކަކު ހައްޔަރުކުރިކަން ފުލުހުން ހާމަކުރި ނަމަވެސް އިތުރު ތަފްސީލެއް، ތަހުގީގު ކުރިއަށްދާތީ ދިނުމަށް ފުލުހުން އިންކާރުކުރިއެވެ.

އަންހެން މީހާ މަރުވީ އޯވަޑޯސް ވެގެން ކަމަށް ފެތުރުނު އަޑުތައް އާއިލާއިން ދޮގުކޮށްފައި ވީ ނަމަވެސް ފުލުހުން އެކަމާ ގުޅިގެން ބަހެއް ނުބުނެއެވެ. އާއިލާއިން ބުނެފައިވަނީ ވިޝާމާ މަރުވީ ރައްޓެހިންތަކަކާ އެއްކޮށް އުޅެނިކޮށް ކަމަށެވެ.

ރައްޓެހިންނާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ވިޝާމާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ ފިޓު ޖެހިގެންނެވެ. ހޮސްޕިޓަލުން ބުނެފައިވަނީ ހޮސްޕިޓަލަށް ގެނެވުނުއިރު ވެސް ވިޝާމާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ.