Last Updated: March 28, 21:43
Thursday, March 28, 2024
ޚަބަރު

ކާނަލް ނާޒިމްގެ ކެމްޕޭނު މިރޭ ފަށަނީ

ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް(ކާނަލް) ގެ ކެމްޕޭނު ރަސްމީ ގޮތުން މިރޭ ފެއްޓުމަށް ނިންމައިފިއެވެ.

ޓެރަރިޒަމްގެ ދައުވާއިން ސަލާމަތްވެވަޑައިގަތުމަށް ފަހު ނާޒިމް ވަނީ ކޯލިޝަންގައި ހިމެނޭ ޖޭޕީއާ ގުޅިވަޑައިގެންފައެވެ. މަޖިލީހުގެ ދަނގެތީ ދާއިރާއަށް ވާދަކުރައްވާނެ ކަން ނާޒިމް ވަނީ ކުރިންވެސް އިއުލާންކޮށްފައެވެ.

ނާޒިމްގެ ކެމްޕޭނު ފެށުމުގެ ގޮތުން ބާއްވާ ޖަލްސާ މއ. ހަނީކޯނާ ކުރިމަތީ ބޭއްވުމަށް ނިންމާފައިވާއިރު ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވާނެއެވެ. އަދި ޖޭޕީގެ ލީޑަރ އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވެސް މި ޖަލްސާގައި ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވެއެވެ.

މިހާރު ދަނގެތީ ދާއިރާ ތަމްސީލް ކުރައްވަނީ ވެސް ޖޭޕީއަށް ނިސްބަތްވާ އިލްހާމް އަހުމަދެވެ. އިލްހާމް ވަނީ ނިމިގެން ދިޔަ ހަތަރު އަހަރު ދާއިރާއަށް އެދެވޭ ކުރިއެރުމެއް ގެނެސްދެވިފައިނުވާތީ ދާއިރާއަށް އަލުން ކުރިމަތިނުލެއްވުމަށް ގަސްދު ކުރައްވާފައެވެ.

އިލްހާމް ވަނީ އޭގެ ކުރީ ދައުރުގައި ގެމަނަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައެވެ. އޭނާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ ދާއިރާ އަދި އިއުލާން ކުރައްވާފައެއް ނުވެއެވެ.