Last Updated: March 28, 21:27
Thursday, March 28, 2024
ޚަބަރު

ކާރިސާތައް މަދުކުރުމަށް ހުރިހާ ރިސޯޓެއް އިންސްޕެކްޓު ކުރަނީ

ގިލި ލަންކަންފުށި ރިސޯޓުގައި އަލިފާން ރޯވެފައި: ފޮޓޯ - މިހާރު

ފާއިތުވެދިޔަ ހަފްތާތަކުގެ ތެރޭގައި ދިވެހި ރާއްޖޭގައި ހިންގަމުންދާ ރިސޯޓުތަކަށް އަލިފާނުގެ ނުރައްކާތެރި ހާދިސާތަކާއި ގެނބިގެން ފަތުރުވެރިން މަރުވުމާ ގުޅިގެން ސަރުކާރުން ޚާއްސަ ފިޔަވަޅެއްގެ ގޮތުން ހުރިހާ ރިސޯޓެއް ކުރިއަށް އޮތް ހަ މަސް ދުވަހާއި އަށް މަސްދުވަހު ކުރުމަށް ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި މިނިސްޓްރީގެ އިސް އޮފިޝަލުން މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތާ ހިތާމަވެރި ހާދިސާތަކެއް ފާއިތުވެދިޔަ ދުވަސްތަކުގައި ކުރިމަތިވެފައިވާ ކަމަށާއި އޭގެ ސަބަބުން ރައީސުލް ޖުމުހޫރިއްޔާ އިސް ނަންގަވައިގެން ޚާއްސަ ކޮމިޓީއެއް އުފައްދަވާފައިވާ ކަމަށެވެ.

ރައީސް އޮފީހާއި، އެމްއެންޑީއެފް، ޕޮލިސް، މަޓީ އަދި ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުން ހިމެނޭ މި ކޮމިޓީ އިން މިއަހަރުގެ ކުރިއަށް އޮތް 8-6 މަސް ދުވަހު ހުރިހާ ރިސޯޓެއް އަމަލު ކުރަމުންދަނީ ހެދިފައިހުރި ގަވާއިދުތަކާއި އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއީ އެއްވެސް ބަޔަކު ފަޟީހަތް ކުރުމަށް، ނުވަތަ ބުރައެއް ޖެއްސުމަށް ކުރާ ކަމެއް ނޫން ކަމަށާއި، ސަރުކާރުން ހެޔޮ ނިޔަތުގައި ސަލާމަތީ ފިޔަވަޅެއް އެޅުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. މި އިންސްޕެކްޝަނުގައި ރިސޯޓުތަކުން އަލިފާނުގެ ހާދިސާތަކުން ސަލާމަތް ވުމަށް އެމްއެންޑީއެފުން ކަނޑައަޅާފައިވާ ގަވާއިދާއި އެއްގޮތަށް އަމަލު ބަހައްޓާތޯ ބަލާނެއެވެ. އަދި ރިސޯޓުތަކުގައި ސޭފްޓީ މިންގަނޑުތައް ފުރިހަމަ ކޮށްފައިވާތޯ ކޮމިޓީއިން ބަލާނެއެވެ.

ގިލި ލަންކަންފުށި ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ރިސޯޓުގެ ބޮޑުބައި އަނދާ ހުލިވެ، ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އަދި ރީތި ބީޗު ރިސޯޓުގެ އިންޖީނުގޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވަނީ ކުރިމަތިވެފައެވެ.

މީގެ އިތުރުން ކައިރި ކައިރީގައި ތިން ފަތުރުވެރިޔަކު ވަނީ މިދިޔަ ހަފްތާގައި ގެނބިގެން މަރުވެފައެވެ. މިނިސްޓަރު އަލީ ވަހީދު ވަނީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިފަދަ ހިތާމަވެރި ހާދިސާތައް ކައިރި ކައިރީގައި ހިނގުމުން އެމަނިކުފާނަށް ވުރެ ވަކިން ބޮޑަށް ކަންބޮޑުވާނެ އެހެން މީހެއް ނުހުންނާނެ ކަމަށާއި، އެކަންތައް ތަކުރާރު ނުވާނެ ގޮތެއް ހޯދުމުގެ މަސައްކަތް ވަކިން ބޮޑަށް ކުރާނެ މީހެއް ނުހުންނާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ގިލި ލަންކަންފުށި ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ކުރި ކަމެއްތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް މައްސަލަ ތަހުގީގު ކުރަމުންދާ އިދާރާތަކާއި ބައްދަލުކޮށް ލިބުނު މައުލޫމާތު ތަކުން، އެފަރާތުން ވަނީ އެއީ ބަޔަކު ކުރި ކަމެއް ނޫން ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ.