މީހެއްގެ މަރުގެ މައްސަލަ ނިންމާނީ ކަނޑައެޅޭ، ވަރަށް ވަރުގަދަ ހެކިތަކެއް ލިބގެން ޝަރީއަތުން ސާބިތު ކުރާ އެއްޗެއް ކަމަށް އައްޝައިޙް ޙުސައިން ރަޝީދު އަޙްމަދު ވިދާޅުވެއްޖެ އެވެ.
ޝައިޙް ހުސައިން ރަޝީދު މިހެން ވިދާޅުވީ ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޙް ހުސައިން ރަޝީދުގެ ވާހަކަފުޅުގައި ދާދި ފަހަކުން ބޭއްވި ޖަލްސާއެއްގައި އެމްޑީޕީއަށް ނިސްބަތްކޮށް ޑރ. އަފްރާޝީމް ޢަލީގެ މަރުގެ ތުހުމަތު އެމްޑީޕީ އާއި އެމްޑީޕީ މެންބަރުންގެ ބޮލުގައި ސިޔާސީ ބައެއް ފަރާތްތަކުން އަޅުވަމުން ގެންދަވާތީ، އެކަމާ ކަންބޮޑުވެ ވަޑައިގެން، ސިޔާސީ ޕާޓީއެއްގެ ނުވަތަ އެތައް ބައެއްގެ ބޮލުގައި މީހެއްގެ މަރުގެ ތުހުމަތު އަޅުވަމުންދާ އިރު އެ ދެއްކެނީ ދީނާ ޚިލާފު ވާހަކައެއް ކަމަށް ނޭނގެނީތޯ ވިދާޅުވެ ސުވާލު ކުރެއްވި އެވެ.
ޝައިޙް ހުސައިން ރަޝީދު ވިދާޅުވީ ﷲ ގަންދީ ހުވާކޮށް ޑރ. އަފްރާޝީމްގެ އަލީ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތުން ދެފަހަރު ދެގޮތަށް ވާހަކަ ދައްކާފައިވާ އިރު އެވާހަކަ ދެއްކި ކުއްޖާގެ ސިކުނޑި ރަނގަޅުތޯ ބަލަން ޖެހޭ ކަމަށެވެ.
އަދި އިސްލާމީ ޝަރީޢަތުގައި ދޮގު ހުވާކޮށްފައި ނުވަތަ ދޮގު ހެކިދީފައިވާ ކަމަށް ސާބިތު ވެއްޖެނަމަ ޝަރީޢަތުގައި ހެކި ބަސް ޤަބޫލު ނުކުރެވޭނެ ކަމަށެވެ.
ހުސައިން ރަޝީދު ވިދާޅުވީ މިހާރު ވެރިކަމަށް ކުރިމަތި ލައްވައިގެން އުޅުއްވާ ފަރާތްތަކުގައި ރައްޔިތުންނަށް ހުށަހަޅާނެ މެނިފެސްޓޯއެއް ނެތުމުން އެމްޑީޕީގައި މަސައްކަތް ކުރާ ބޭބޭފުޅުންގެ ހިތުގައި ޝައްކުތަކާއި ނުތަނަވަސްކަން އުފެއްދުމަށް ކޮންމެވެސް ކަހަލަ ކަމެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ބޭރަށް ވަޑައިގެން ދެއްކި ވާހަކަފުޅެއް އޮޅުވާލައިގެން ދައްކަމުން ދިޔަ ކަމަށް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޥާހަކަ ދައްކަވަމުން ހުސައިން ރަޝީދު އަޙްމަދު ވިދާޅުވީ ރައީސް ނަޝީދު ޢާއްމުކޮށް ވާހަކަ ދައްކަވާއިރު ތަފާތު ގޮތެއް ގެންގުޅުއްވާ ޢާއްމު ބަހުރުވަތެއް ބޭނުން ކުރައްވާ ކަމަށާއި އަދި ޢިބާރާތް ވަރަށް ތަފާތު ކަމަށް ވިދާޅުވި އެވެ. އަދި ހަޤީޤަތުގައި ވެސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ތެދު ވިދާޅުވެފައިވާ ކަމަށާއި ރައީސް ނަޝީދުގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރައްވާފައިވަނީ ރާއްޖޭގައި ހައްދު ފަހަނައަޅާފައިވާ މީހުން ތިބި ކަމަށެވެ.
އަދި އެއަށް ޝައްކެއް ނެތް ކަމަށް ޝައިޙް ޙުސައިން ރަޝީދު ވިދާޅުވިއެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ އިސްލާމް ދީނޭ ކިޔައިގެން ބަޣާވަތް ކުރުން ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި ހައްދު ފަހަނަ އަޅާފައިވާ ތިބި މީހުން އުޅޭ ވާހަކަ އަކީ ރައީސް ނަޝީދު އަލަށް ދެއްކެވި ވާހަކަފުޅެއް ނޫން ކަމަށާއި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމުވެސް އެވާހަކަތައް ދައްކަވާފައިވާ ކަމަށެވެ.
ޝައިޙް ހުސައިން ރަޝީދު ވިދާޅުވީ ރައީސް ނަޝީދުގެ ވާހަކަފުޅުގައި ދައްކަވާފައިހުރީ ރަނގަޅު ވާހަކަފުޅުތަކެއް ކަމަށާއި އެއިން މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަރި ހުސައިން ރަޝީދު ވަނީ ރައީސް ދެއްކެވި ވާހަކަފުޅުތަކުގައިވާ ބައެއް މުހިއްމު ނުގުތާތައް ފާހަގަ ކުރައްވާ އޭގެ ބައެއް ތަފްޞީލް އާއި ބައެއް މިސާލު ނަންގަވާ ދައްކަވާފަ އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ކަމުގައި ހުސައިން ރަޝީދު ހުންނެވިއިރު ޕާޓީގެ އިސްބޭފުޅުންނާއި އޭރުގެ ޕޮލިސް ކޮމިޝަނަރު މަޝްވަރާކޮށްލުމަށް ބޭއްވި ބައްދަލު ވުމެއްގެ މައްޗަށް އަލި އަޅުއްވާ ލެއްވި އެވެ.
އަދި އެ ބައްދަލުވުމުން ނިމުމަށްފަހު ދެކެވުނު ވާހަކައެއްގައި މިހާރުގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީނަށް އަމާޒުކުރައްވާ ރާއްޖޭގައި މިހާރު ފެތުރިފައިއޮތް މަސްތުވާތަކެތީގެ މަސަލައިގެ ތުހުމަތު އެޅުއްވި ކަމަށެވެ. އަދި އެ މައްސަލާގައި ޢަބްދުﷲ ރިޔާޒްގެ މައްޗަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ދައުވާ ކުރައްވާ ނަމަ ޢަބްދުﷲ ރިޔާޒް އާ ދެކޮޅަށް ކޯޓްގައި ހެކިބަސް ދެއްވާނެ ކަމަށް ޙުސައިން ރަޝީދު ވިދާޅުވި އެވެ.