Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ކިމިޗް އަކީ ބާސެލޯނާ އަށް ކުޅެވޭ ފެންވަރު ހުރި ކުޅުންތެރިއެއް: ޒަވީ

ބަޔާން އަށް ކުޅެމުން އަންނަ ޖަރުމަންގެ ފުލްބެކް ޖޯޝުއާ ކިމިޗް. --ފޮޓޯ: ގެޓީ އިމޭޖަސް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ޒުވާން ފުލްބެކް ޖޯޝުއާ ކިމިޗް އަކީ ބާސެލޯނާ އަށް ކުޅެވޭ ފެންވަރު ހުރި ކުޅުންތެރިއެއްކަމަށް އެ ކްލަބުގެ ކުރީގެ ތަރި ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ޒަވީ ބުނިގޮތުގައި ކިމިޗް އަކީ ބާސާގެ ސްޓައިލަށް ފެތޭ އެ ޓީމުގެ މިޑްފީލްޑްގައި ކުޅުމަށް ވަރަށް ކަމުދާ ކުޅުންތެރިއެއްކަމަށާއި ބަޔާން އަދި ބާސާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ މީގެކުރިން ކިމިޗްގެ ހުނަރުވެރިކަމާއި ގުޅޭގޮތުން އޭނާ ގާތުގައި ވާހަކަދައްކާފައިކަމަށެވެ.

"ބަޔާންގެ ކޯޗެއްގެ ގޮތުގައި ޕެޕް މަސައްކަތްކުރިއިރު އޭނާ ބުނި އެ ޓީމުގައި ކޮންމެ މަގާމަކަށްވެސް ކުޅެވޭ ފެންވަރުގެ ކުޅުންތެރިއެއް ހުރިކަމަށް." ޖަރުމަނުގެ ބިލްޑް ނޫހަށް ދިން އިންޓަވިއުގައި ޒަވީ ބުންޏެވެ.

"ޕެޕް ގާތު އަހަރެން އަހާލުމުން ބުނީ އެ ކުޅުންތެރިޔާ އަށް ކިޔަނީ ކިމިޗް ކަމަށް. އޭގެކުރީން، އަހަރެން އޭނާގެ ނަން އަޑެއްނާހަން."

"ޕެޕް ބުނީ ކިމިޗް އަކީ ބަޔާން އަދި ޖަރުމަނުގެ މުސްތަގުބަލްގައި ހިމެނޭނެ މުހިއްމު ކުޅުންތެރިއެއްކަމަށް، އޭނާ އަކީ ކޮންމެ މަގާމަކަށްވެސް ކުޅުމުގެ ގާބިލްކަން ހުރި ކުޅުންތެރިއެއްކަމަށް." ޒަވީ ބުންޏެވެ.

"އޭނާ އަކީ ބާސާ އަށް ކުޅެވޭފަދަ ހުނަރުވެރި ކުޅުންތެރިއެއް." ނިންމާލަމުން ޒަވީ ބުންޏެވެ.

އުމުރުން 23 އަހަރުގެ ކިމިޗް އޭނާގެ ކްލަބު، ބަޔާން އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ. އޭނާ އެ ކްލަބާއެކު ހޭދަކުރީ ފާއިތުވީ ތިން ސީޒަނުގައި ބުންޑަސްލީގާ އަދި ޖަރުމަން ސުޕަކަޕް ވެސް ތިން ފަހަރު ހޯދިއިރު ޖަރުމަން ކަޕް އެއް ފަހަރު ހޯދާފައިވެއެވެ. މީގެއިތުރުން، ޖަރުމަންގެ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 38 މެޗުގައި 3 ގޯލް ޖަހައިދީފައިވާއިރު އޭނާ ވަނީ 2017 ވަނަ އަހަރުގައި ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނިފައެވެ.