Last Updated: April 24, 10:23
Wednesday, April 24, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (ވިހިވަނަ ބައި)

އުޝާއާއި އިޒްޔަންގެ މެދުގައި ދެކެވުނު ހުރިހާ ވާހަކައެއް އޭނާއަށް އަޑުއިވުނެވެ. ނަމަވެސް އޭނާއަށް ދޭހަނުވާ ވާހަކައެއް އެމީހުން ދައްކައި ހިތުގައި އެތައް ސުވާލެއްވެސް އުފެދިއްޖެއެވެ.

" އަހަރެންނަކީ އާންގެ ކޮއްކޮއެއް ނޫނޭ ދޮންބެ އެބުނީ ކީއްވެގެންބާ؟…އާންއާ އަހަރެންނާ ހަމަ އެއްވެސް ގުޅުމެއްނެތީތަ؟…އެކަމަކު އެއީ ކިހިނެއްވާނެ ކަމެއް؟…ދޮންބެއާ އާންއާ ގުޅުމެއް އަހަރެންނާވެސް އޮންނާނެއްނު…ދެން ދޮންބެ ކީއްވެ އެހެން އެބުނީ؟…" އިޒްޔަން ދެއްކި ވާހަކަތަކާމެދު ޝައުން ވިސްނަމުން ދިޔައެވެ. ދޮންބެ އެދައްކަނީ ކޮން ވާހަކައެއްތޯ ބަލަން ބޭނުމެވެ. އޭނާއަށާ އާއިންނަށް ނޭނގޭ ހަޤީޤަތަކީ ކޮބައިތޯ ބަލަންވެސް އޭނާ ބޭނުމެވެ. ނަމަވެސް އޭނާ އެސުވާލު ކުރާނީވެސް ކާކާ ހެއްޔެވެ؟ ދޮންބެ އޭނާއަށް ތެދު ތެދަށް ޖަވާބު ދީފާނެ ބާއެވެ؟

" ދޮންބެގާތު އަހައިގެން ހޯދާނަން…ހުރިހާ ހަޤީޤަތެއް ހޯދާނަން…ދޮންބެވެސް އަހަރެންގެ ހިތުގެ ހަޤީޤަތް ހޯދިހެން ހޯދާނަން…" ޝައުން ހިތާ ހިތާ ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ.
*****
އާދުވަހަކަށް އިރުއެރިއިރު، ފަރަހަނާޒްއާއި އާއިންގެ މެދުގައިވާ ބީރެއްޓެހިކަމުގެ ފާރުވަނީ ބިމާ ހަމަވެފައެވެ. އެދެމެދުގައިވާ ލަދުވެތިކަމުގެ ފަރުދާވަނީ ރޭގައި ކެހިގެން ގޮސްފައެވެ. ޝައިތާނާގެ ކިބައިން މިންޖުކުރުމަށް އެދި ދުޢާކުރާހާލު ރޭގައި ދެމަފިރިން އެމީހުންގެ އަލަތުކައިވެނި ފުރިހަމަކޮށްފިއެވެ. މިހާރު އެއީ ދުނިޔޭގައިވެސް ތިބި އެންމެ އުފާވެރި ދެމަފިރިން ފަދައެވެ.

ހެނދުނުގެ ނާސްތާކުރަންތިބި ވަގުތުވެސް ދެމީހުންގެ މެދުގައި ސިއްރުވެރި ބެލުންތަކާއި ލަދުރަކި ހިނިތުންވުންތައް ބަދަލުކުރެވެމުން ދިޔައެވެ. އާއިންއާ ހަތަރުކަޅި ހަމަވާ ކޮންމެ ފަހަރަކު ރޭގެ ހަނދާންވެފައި ފަރަހަނާޒްގެ ހިތުގެ ހިނގުން އަވަސްވެއެވެ.

" ދަރިފުޅާ…މިއަދުވެސް އޮފީހަށް ނުދާނަންތަ؟…" ފަރަހަނާޒްއަށް ބަލަން ގެއްލިފައި އިން އާއިން ސިހުނީ އާޒިމްގެ އަޑުންނެވެ.

" އާނ ބައްޕާ…މާދަމާ ނުކުންނާނީ…" އާއިން އަވަސް އަވަހަށް ޖަވާބުދިނެވެ. މިއަދު އޭނާ ބޭނުންވަނީ ގިނަ ވަގުތު ފަރަހަނާޒްއާއެކު ހޭދަކުރާށެވެ.

" ބައްޕައަށް އެންމެ ރަނގަޅު އަދި އެއް ހަފްތާ ފަހުން ނުކުތަސް….މިއަދު އޮފީހަށް ނުކުންނާނަމޭ ދަރިފުޅު ބުނެފަ އޮތީމަ އަހާލީ…" އާއިންއަށް ވީގޮތުން ހިނިއައިސްފައި އިނދެ އާޒިމް ބުނެލިއެވެ.

" ނޫނޭ…އެހާ ގިނަ ދުވަހަކު ޗުއްޓީގަ ހުންނާކަށް ބޭނުމެއްނޫން…މާދަމާ ނުކުންނާނަން…" ބައްޕަގެ ހިނިތުންވުންފެނި ރަކިވީ ނަމަވެސް އެކަން ފޮރުވަމުން ސީރިއަސްކަމާއެކު އާއިން ބުނެލިއެވެ.

އަނެއްކޮޅުން ޝައުން ވިސްނަމުން ދިޔައީ އޭނާއަށް އިޒްޔަންއާ އެކަނި ވާހަކަ ދެއްކޭނެ ގޮތަކާމެދުގައެވެ. އިޒްޔަން ގިނަ ވަގުތު އޮފީހުގައި އުޅޭތީ އާއްމުކޮށް ދިމާވަނީ ރޭގަނޑުއެވެ. ނަމަވެސް ރޭގަނޑު ވަގުތު ގޭގައި އެންމެންވެސް އުޅޭތީ އެކަހެރިކޮށް ވާހަކަ ދެއްކޭނެ ގޮތެއްނުވެއެވެ. އެހެންކަމުން ޝައުން ވަރަށް ވިސްނުމަށްފަހު، އޭނާ ވާހަކައެއް ދައްކަން ބޭނުންކަމަށް ބުނެ މެސެޖްކުރިއެވެ. އިޒްޔަންއަށް މަސައްކަތުން އަވަދިވެގެން ގެޔަށް އާދެވޭ ވަރުވުމުން އޭނާ ޝައުންގެ މެސެޖަށް ޖަވާބުދިނެވެ.

" ތައްޔާރުވެގެން ބޭރަށް ނުކުމޭ…ދޮންބެ އެބަދާން.." އިޒްޔަންގެ މެސެޖު ފެނުމުން ޝައުން ތައްޔާރުވެގެން ބޭރަށް ނުކުތެވެ.

" ކޮންތާކަށްދާން ހާދަ ރީތިވެލައިގެން…" ޝައުން ފެނުމާއެކު އިޒްވާން އަހާލިއެވެ.

" ދޮންބެއާއެކު ބުރެއްޖަހާލަން…" ފޮނިވެލާފައި ޝައުން ބުނެލީ އިޒްވާން ރުޅިއަރުވާލުމަށެވެ.

" ދެން ނޫން….އަޅުގަނޑުވެސް ބޭނުން ދާން.." އިޒްވާން ލޯއަޅާލަމުން ބުނެލިއެވެ.

" އިޒޫވެސް ގެންދާނަމޭ….މިރޭ ދޮންތަގޮވައިގެންދާނީ…އިނގޭ.." ކޮޓަރިން ނުކުތް އިޒްޔަން ލޯތްބާއެކު އިޒްވާންއަށް ބުނެލިއެވެ. ނަމަވެސް އިޒްވާން ތުން އަނބުރާލަމުން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

" ދަރިފުޅުމެން ކޮންތާކަށް؟.." ގެއިން ނުކުމެ ނުކުމެ ހުއްޓައި އަޒީފާ އަހާލިއެވެ.
" އެބައަންނަން ބުރެއްޖަހާލާފަ….ލައްކަ ދުވަސް ވެއްޖެއެއްނު ޝައުންއާއެކު ބުރެއްޖަހާލަން ނުދަނީ…" އިޒްޔަން ބުނެލިއެވެ.
ޝައުން ގޮވައިގެން އިޒްޔަން ދިޔައީ ގެޔާއި މާދުރުނޫން ރެސްޓޯރެންޓަކަށެވެ.

" ހޫމް ބުނެބަލަ! ކޮން ވާހަކައެއް ބުނަން ތިއުޅެނީ؟.." ކާއެއްޗަކަށް އޯޑަރ ދިނުމަށްފަހު ޝައުންއާ ދިމާއަށް އެނބުރިލަމުން އިޒްޔަން އަހާލިއެވެ.

" ކުރިން ދޮންބެ އަހަރެންނާ ސުވާލު ކުރީމަ އަހަރެންވެސް ތެދަށް ޖަވާބުދިނިން….އެހެންވީމަ ދޮންބެވެސް ހަމަ ތެދު ތެދަށްޖެހޭނީ ޖަވާބުދޭން އިނގޭ! " ޝައުން އޭނާ ބުނަން އުޅޭ ވާހަކަ ބުނުމުގެކުރިން ޝަރުތުކުރިއެވެ.

" މައްސަލައެއްނެތް…ދޮންބެއަށް އެނގޭ އެއްޗެއް ވިއްޔާ ތެދަށް ބުނާނަން…" އިޒްޔަން އެއްބަސްވިއެވެ.

" އަހަރެންނާ އާންއާ މިއީ އަސްލު ކަޒިންސްތަ؟..އަހަރެންގެ މީ އާންގެ ކޮއްކޮއެއްތަ؟.." ޝައުން ސީދާ އޭނާކުރަން ބޭނުންވީ ސުވާލުކޮށްލިއެވެ.
" ކީއްވެ ކުއްލިއަކަށް ތިހެން ތިއެހީ؟.." ޝައުން ކުރި ސުވާލުން ކުޑަކޮށް ސިހިފައި އިޒްޔަންއަށް އެހެން ބުނެވުނީ ޝައުންއަށް ކޮންމެވެސް އެއްޗެއް އެނގުނީއޭ ހިތަށްއެރުމުންނެވެ.

" ނޭނގި އޮތް އެއްޗެއް އެނގެން ބޭނުންވާތީ މިއެހީ…އަހަރެންނަށް އެނގޭ ދޮންބެއަށް އެނގޭކަން އަހަރެންނަށް ނޭނގޭ ހަޤީޤަތެއް….ކުރިންރޭ ދޮންބެމެން ދެއްކި ހުރިހާ ވާހަކައެއް އަހަރެންނަށް އަޑުއިވުނު…ދޮންބެ ބުނީމެއްނު އަހަރެންމީ އާންއާ އެއްވެސް ގުޅުމެއްނެތް މީހެކޭ…ދޮންބެ ކީއްވެ އެހެންބުނީ؟…ދޮންބެ އެރޭ ދެއްކީ ކޮން ހަޤީޤަތެއްގެ ވާހަކަ؟..ބުނެބަލަ! އަހަރެން ބޭނުމޭ އެނގެން…" ޝައުން އާދޭހާއެކު ބުންޏެވެ. ޝައުންގެ ވާހަކަތައް އިވިފައި އިޒްޔަންގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ. ޝައުންއަކީ ފަސޭހައިން ގޮތްދޫކުރާ ކުއްޖަކަށް ނުވީތީ، ދެން ޝައުންއަށް އެވާހަކަ ސިއްރުކުރުމަކީ ބޭކާރުކަމެއްކަންވެސް އޭނާއަށް އެނގުނެވެ. އެހެންކަމުން އޭނާ އެހަޤީޤަތް ކިޔައިދޭން ގަސްތުކުރިއެވެ.
*****
އިޒްޔަންގެ އުމުރުން ހައަހަރުގައި އަމީން ވަރަށްބޮޑަށް ބަލިވިއެވެ. ޑޮކްޓަރަށް ދެއްކުމުން އެނގުނީ އަމީންގެ ހިތުގެ މައްސަލައެއް އުޅޭ ކަމެވެ. އެހެންކަމުން ހިތުގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ލަފާދިނެވެ. ނަސީބު ރަނގަޅުކަމުން އެދުވަސްވަރު ޕާކިސްތާނުގެ ވަރަށްމޮޅު ޑޮކްޓަރެއް މާލެއައެވެ. އޭނާއަށް ދެއްކުމުން ބުނީ ހިތުގެ ލޭހޮޅިއެއް ބެދެނީކަމުގައެވެ. އަދި ވަގުތުން ރާއްޖޭބޭރަށް ގޮސް އޮޕަރޭޝަން ކުރުމަށްވެސް ބުންޏެވެ. އަމީންގެ އާއިލާއަކީ އޭރުގައި މާފޯރާ ބައެއްނޫނެވެ. އަޒީފާގެ ބައްޕައަކީ މުއްސަނދިންގެ ތެރޭގައި ހިމެނޭ މީހެއްނަމަވެސް، އަޒީފާ އަމީންގެ ކައިވެންޏަކީ އޭނާގެ ބައްޕަ ރުހުމާ ޚިލާފަށްކުރި ކަމަކަށް ވީތީ އަމީންއާ އެހީވާންވެސް އިންކާރުކުރިއެވެ.

އަމީން އެހާލުގައި އޮއްވައިވެސް އަމީންގެ ގާތުން ވަރިވެގެން އައުމަށްވެސް އޒީފާގެ ބައްޕަ އެދުނެވެ. ނަމަވެސް އަޒީފާ އަމީންދެކެ ވާލޯތްބެއްގެ ސަބަބުން އެގޮތާ އެއްބަސްނުވީއެވެ. އަމީންގެ ހާލު ދުވަހެ ދުވަހަކަށް ދަށަށްދާން ފެށުމުން ޑޮކްޓަރ ކަންބޮޑުވިއެވެ. އަދި އޭނާގެ ޚަރަދުގައި އެކަން ކޮށްދޭނެކަމަށްބުނެ އޭނާއާއެކުގައި ޕާކިސްތާނަށް ދިއުމަށް އެދުނެވެ. އަމީންއަކީ އާއިލާގައި ހުރި އެންމެ ދޮށީމީހާއަށްވުމުން ހަގަށްތިބި މީހުންނަށްވެސް މާބޮޑު އެހީތެރިކަމެއް ނުފޯނުވުނެވެ. އެހެންކަމުން ޑޮކްޓަރގެ ލަފާގެމަތިން އަމީން ޕާކިސްތާނަށް ގެންދެވުނެވެ. އަޒީފާއާއި އިޒްޔަންވެސް ގެންދިޔައެވެ. އެހުރިހާ ޚަރަދެއްވެސް ކުރީ ޑޮކްޓަރ އުމައިރުއެވެ. އެފަދަ ހިތްހެޔޮމީހަކާ ބައްދަލުވީތީ އަމީންއާއި އަޒީފާ ޝުކުރުވެރިވިއެވެ.

އަމީންގެ އޮޕަރޭޝަންކުރެވި އޭނާގެ ހާލު ރަނގަޅުވުމުން ޑޮކްޓަރ އަމީންއާ ވަކިން ބައްދަލުކުރިއެވެ.

" މިހާރު އަމީން ތިހުރީ މުޅިން ރަނގަޅުވެފަ….ސިއްޚަތަށް ބަލައިގެން އަހަރެން ބުނާގޮތަށް އުޅެނިކޮށް އެއްވެސް މައްސަލައެއް ދިމައެއްނުވާނެ…އިންޝާ ﷲ" ހިނިތުންވެފައި އުމައިރު ބުންޏެވެ.

" އަޅުގަނޑަކަށް ނޭނގެ ޑރ އަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް….ޑރ ތިވެދެއްވި އިހުސާންތެރިކަމުގެ އަގު އަހަރެންނަށް ދުވަހަކުވެސް އަދާއެއް ނުކުރެވޭނެ…" ލޮލުން ކަރުނަ އަންނަ ހާލު އަމީން ބުނެލިއެވެ.

" ނޫނޭ…އަމީންއަށް އަހަރެން އިހުސާންތެރިކަމުގެ އަގުއަދާކުރެވޭނެ ގޮތެއް އެބައޮތް…." ހަމަ އެހިނިތުންވުމާއެކު އުމައިރު ޖަވާބުދިނެވެ.
" އެއީ ކޮންގޮތެއް؟…އަވަހަށްބުނުއްވާ!…ޑޮކްޓަރ ބުނުއްވި ކޮންމެގޮތަކަށް ކަންތައްކުރަން އަޅުގަނޑު ތައްޔާރު…" އަވަސް އަވަހަށް އަމީން ބުނެލިއެވެ.

" ތިހެން ބުނިނަމަވެސް ގަބޫލެއް ނުކުރެވޭ…އަހަރެންބުނާ ކޮންމެކަމެއް ކުރާނަންކަމަށް ވަޢުދުވޭ….އޭރުން ގަބޫލުކުރެވޭނީ…" އުމައިރު ބުނެލިއެވެ.
" އަޅުގަނޑު ވަޢުދުވާން…އަޅުގަނޑަށް ކުރެވެންހުރި ހުރިހާ ކަމެއްކުރާނަން…" އުމައިރު އެދެން އުޅެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭހާލު އަމީން އެކަމެއްކުރަން ވަޢުދުވިއެވެ.

" އެހެންވީމަ އަމީންއަށް ޖެހޭނީ އަހަރެންނާއެކު އަހަރެންގެ ގެޔަށްދާން…" އުމައިރު އެދުނެވެ. އަމީން އެއްވެސް ދެބަހެއްނެތި އުމައިރާއެކު އޭނާގެ ގެޔަށްދިޔައެވެ. އުމައިރުގެ ގެ ފެނުމުން އަމީން އާޝޯޚުވިއެވެ. އެއީ މީގެކުރިން އޭނާ ދުވަހަކުވެސް ދެކެފައިނުވާހާ ފުރިހަމަ ގެއެކެވެ. ހަމައެކަނި އެގެއަށް ބަލާލުމުންވެސް އުމައިރުގެ ހައިބަވަންތަކަމާއި މުއްސަނދިކަން ދޭހަވެއެވެ. އުމައިރުގެ ގެއިން އަމީންއަށް ވަރަށް ފުރިހަމަ މެހެމާންދާރީއެއް ލިބުނެވެ. އުމައިރުގެ އަނބިމީހާއާއި ދެފިރިހެންދަރީންވެސް އަމީންނަށް ވަރަށްހެވެ. އެހެންކަމުން އަމީންހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް އަޒީފާއާއި އިޒްޔަން ހޮޓެލްގައި ބައިތިއްބާފައި އަންނަން ޖެހުމުން ކޮންމެވެސް ވަރަކަށް ދެރަވެސްވިއެވެ.

ކައިބޮއެ ހަދައި އެންމެނާއެކު ވަގުތުކޮޅެއް ހޭދަކުރުމަށްފަހު އަމީން ގޮވައިގެން އުމައިރު ދިޔައީ ގޯތިތެރޭގައި ވަކިންހުރި އާދައިގެ ކުޑަކުޑަ ގެޔަކަށެވެ. އެތަނުގެ މައިދޮރުގައި ބޮޑު ތަޅެއްލާފައި ހުރުމުން ބޮޑަށްހީވަނީ އެއީ މުދާރައްކާކުރަން ހަދާފައިވާ ގުދަނެއް ހެންނެވެ. އަމީން ސުވާލު އުފެދިފައި ހުރެގެން އުމައިރުގެ ފަހަތުން އެތަނަށްވަނެވެ. އެއީ އޭނާ ހީކުރިފަދަ ތަނެއްނޫނެވެ. އެއީ ކޮންމެވެސް މީހަކު އުޅޭގެއެކެވެ.
" ޝަފަޤު….ޝަފަޤު.." އުމައިރު އެތެރެއަށްވަންނަމުން ގޮވާލިއެވެ.

އިރުކޮޅެއްފަހުން ދުވެފައި ކޮންމެވެސް މީހަކު ނުކުންނަ އަޑުއިވުނެވެ.
" ބައްޕާ…ބައްޕާ…" އުފަލުން ބައްޕާއޭ ގޮވަމުން ނުކުތް އަންހެން ކުއްޖާ ފެނިފައި އަމީން ހައިރާންވިއެވެ. އެކުއްޖާއަށް ބަލާލުމުން އެއީ ކޮންމެވެސް ޒާތެއްގެ ނުކުޅެދުންތެރިކަމެއްހުރި ކުއްޖެއްކަން އޭނާއަށް އެނގުނެވެ. ލޮލުގެ ކަޅި ހުރަސްވެފައިހުރިއިރު، އަނގަވެސްހުރީ ތަފާތު ގޮތަކަށެވެ.

" މިއީ ޝަފަޤު…އަހަރެންގެ ހަގު އަންހެންދަރި.ދަރިފުޅާ…ދެންދޭ ކޮޓަރިއަށް…" އެކުއްޖާ ތަޢާރަފު ކޮށްދިނުމަށްފަހު އުމައިރު އެކުއްޖާ އެތެރެއަށް ފޮނުވާލިއެވެ. އަދި ކައިރީގައިހުރި ސޯފާގައި އިށީއްނަމުން އަމީންވެސް އިށީއްނަން އެދުނެވެ. އަމީން ކިޔަމަންތެރިކަމާއެކު އިށީނެވެ.
" ޝަފަޤު އެއީ ޑައުންސިންޑްރޮމް ކިޔާ ނުކުޅެދުންތެރިކަމެއް ހުރި ކުއްޖެއް….މިގޭގަ މިއުޅޭ މީހުން ފިޔަވާ އެއްވެސް ބަޔަކަށް ޝަފަޤެއް ނޭނގޭނޭ…އޭނާ އަސްލު އުޅެނީ މިތާކުނޫން…ވަރަށް ޚާއްސަ ދުވަސް ދުވަހު އަހަރެން އޭނާ މިތަނަށް ގެންނަނީ…މިއަދު އަމީންއާ ބައްދަލުކުރުވަން މިތަނަށް މިގެނައީ…." އުމައިރު އޮޅުން ފިލުވައިދިނެވެ. ނަމަވެސް އުމައިރު ކުރަން އުޅޭކަމެއް ނޭނގި އަމީންއިނީ އަދިވެސް ސުވާލު އުފެދިފައެވެ.

" އަމީން ބުނީމެއްނު އަހަރެންގެ އިހުސާންތެރިކަމުގެ ބަދަލު ދޭނަމޭ…އެހެންވީމަ އަހަރެން އެދެނީ ޝަފަޤުއާ އަމީން ކައިވެނިކުރަން…." އަމީންއަށް ބަލާލަމުން އުމައިރު ބުނެލިއެވެ. އެވަގުތު އަމީންއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އުމައިރުގެ އިހުސާންތެރިކަމުގެ ބަދަލުދޭނަމޭ ބުނިނަމަވެސް މިފަދަގޮތަކަށް އޭގެ ބަދަލުދޭން ޖެހިދާނެކަމަކަށް ފަހަރެއްގައިވެސް އޭނާ ހިއެއްނުކުރެއެވެ.

" ކޮބާ ޖަވާބަކީ؟…އަމީންއަށް އަހަރެންގެ އިހުސާންތެރިކަމުގެ ބަދަލު ދެވިދާނެތަ؟.." ހިމޭންކަމާއެކު އިން އަމީންއަށް ބަލާލަމުން އުމައިރު އަހާލިއެވެ. އަމީންއިނީ ބުނަންވީ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ.

" ވަރަށް ފަސޭހަވާނެ ކޮންމެމީހަކަށްވެސް ބުނެލަން އިހުސާންތެރިކަމުގެ އަގުއަދާކޮށްފާނަމޭ…އެކަމު މިހާރު އެނގެއެއްނު ނުވާނެކަން…." މަލާމާތުގެ ރާގަކަށް އުމައިރު ބުންޏެވެ.

" ޑރ އަޅުގަނޑުގެ އަންބަކާ ދަރިޔަކު އެބަހުރި… އަޅުގަނޑު ކިހިނެއް އެމީހުން ދޫކޮށްލާނީ؟.." ކަންބޮޑުވެ ދެރަވީވަރުން ފެންކަޅިވެފައި އިނދެ އަމީން ބުނެލިއެވެ.

" އަހަރެން ނުބުނަމެއްނު އެމީހުން ދޫކޮށްލާކަށް…އަހަރެން މިބުނަނީ އަހަރެންގެ ދަރިފުޅާ ކައިވެނިކުރާށޭ…މާލޭގެ އުޅެން ބޭނުން ނުވަންޏާ އުޅެންބޭނުން ގައުމެއްގަ އުޅެވޭނެގޮތް ހަދާދޭނަން…އަމީން ބުނިވަރަކަށް އަނބިދަރީންނަށް ޚަރަދުކޮށްދޭނަން…ބޭނުން ގައުމަކުން ދަރިފުޅަށް ކިޔަވައިވެސްދޭނަން…." އުމައިރު ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.

" އެކަމަކު ކީއްވެތޯ އަޅުގަނޑު…އަޅުގަނޑަކީ މިގައުމުމީހެއްވެސް ނޫނެއްނު…ޑރ ބޭނުންނަމަ މި ޤައުމުގާ ތިބި ހުސްހަށިބައި ކުދިންވެސް ޝަފަޤާ ކައިވެނިކުރާނެއްނު.." އަމީން ބުނެލިއެވެ.

" ތިކަން އެނގޭ…އެކަމު މިއީ އަހަރެންގެ ދަރިއެއްކަން މުޅިދުނިޔެއް އަންގާކަށް އަހަރެން ބޭނުމެއްނޫން…މިގައުމު މީހަކާ އިނދެފިއްޔާ ކޮންމެވެސް ދުވަހަކުން އެކަން ފަޅާއަރާނެ…އަހަރެންގެ އާއިލާއަކީ ހުރިހާގޮތަކުންވެސް ފުރިހަމަ އާއިލާއެއް…މިކުއްޖާ ވިހޭންސުރެ އަހަރެންގެ އާއިލާގެ އުފާވެރިކަން ގެއްލިއްޖެ….އަހަރެންގެ އެހެން ހުރިހާ ދަރިންނަށްނަކީ އަހަރެން ފަޚުރުވެރިވާހާ ރީތި އަދި ތަޢުލީމީ ކުދިން…އެކަމު މިކުއްޖާގެ ސަބަބުން އަހަރެމެންގެ އެފަޚުރުވެރިކަން ގެއްލިއްޖެ….އެހެންވެ އަހަރެމެންނަށް އުޅެންޖެހިފަ މިވަނީ އޭނާ މުޅިދުނިޔެއަށް ފޮރުވައިގެން….އޭނާދެކެ ކިތަންމެ ފޫހިވީނަމަވެސް އަމިއްލަ ދަރިއަކަށްވީތީ މަރާލާކަށް އަހަރެން ބޭނުމެއްނޫން….އެހެންވީމަ މިކަމުގަ އަމީންގެ އެހީތެރިކަމަށް މިއެދުނީ…" އުމައިރު ވަރަށް ސާފުކޮށް އޭނާ ބޭނުންވާގޮތް އޮޅުންފިލުވައިދިނެވެ.

އެއަޑުތައް އަހަންއިން އަމީން އިނީ ހައިރާންވެ އަންތަރީސްވެފައެވެ. އުމައިރުއަކީ ޚުދު ޑޮކްޓަރަކަށް ވީއިރު، އަމިއްލަ ދަރިފުޅުގެ ހުރި އުނިކަމަކަށްޓަކައި މުޅިއުމުރަށް އެދަރިފުޅު ދުރުހިލޭ މީހެއްގެ އަތްމައްޗަށް ދޫކޮށްލަން ތައްޔާރުވީއެވެ. އެކަމުގައި އެނިކަމެތި ކުއްޖާގެ ކުށަކީ ފަހެ ކޮބައި ހެއްޔެވެ؟

" ބުނަން އަމީން…ކަލޭ ޖަވާބެއްނުދީ އިނަސް ދެގޮތުންކުރެ ކޮންމެވެސް އެއްގޮތެއް ކަލެއަށް އޮތީ….އަހަރެން ކަލެއަށްކުރި ޚަރަދުދީފަ މިރަށުން ދެވޭނީ…ނޫންނަމަ ޝަފަޤުއާ ކައިވެނިކޮށްގެން އޭނާގޮވައިގެން ދެވޭނީ…ކަލޭބޭނުން ގޮތެއް ކަލޭ ޚިޔާރުކުރޭ!…" އުމައިރު އޭނާގެ ފަހު ނިންމުން އިއްވާލުމުން އަމީން ގޮތް ހުސްވިއެވެ. މިއަދު އޭނާ އެހުރީ އުމައިރުގެ ބާރުގެ ދަށުގައެވެ. އުމައިރުކުރި ޚަރަދު އަނބުރާ އޭނާއަށް ދެވޭނެ ގޮތެއްނެތެވެ. ބީރެއްޓެހި ގައުމެއްގައި ލޯބިވާ އަނބިމީހާއާއި ދަރިފުޅު ގޮވައިގެން އުމައިރުއާ ފިލަންދާނެ ތަނެއް އޭނާއަކަށް ނޭނގެއެވެ. ދެވޭނެ ގޮތެއް ނުވެސް ނެތީއެވެ.

" އަހަރެން ވިސްނާލަން ބޭނުން.." އެންމެފަހުން އަމީން ބުންޏެވެ.

" ކިތަންމެ ވިސްނިޔަސް މިބުނި ދެގޮތް އޮތީ…ހަނދާންކުރާތި ތިހުރީ އަހަރެންގެ ބާރުގެ ދަށުގަކަން…އަހަރެންގެ ދަރިފުޅާ ކައިވެނިނުކޮށްފިނަމަ ކަލޭގެ ލޯބިވާ އަނބިމީހާއާ ދަރިފުޅާ އުމުރަށް ވަކިވާން ޖެހިދާނެ…މިހާރުވެސް ކަލޭގެ ދަރިޔާ އަނބިމީހާގެ ގާތުގަ އަހަރެންގެ މީހުން އެބަތިބި…އަހަރެންކުރާ އެންމެ ފޯނުކޯލަކުން އެކަކަށް އެކައްޗެއްވެސް އަންގާނުލާ އެދެމީހުންވެސް ވަސްވެސް ފުހެލަފާނަން…" އުމައިރިދިނީ ވަރުގަދަ އިންޒާރެކެވެ. އެހެންކަމުން އިންކާރުކުރާނޭ ލަފްޒެއްވެސް އަމީންގެ ދުލަކަށް ނައެވެ.

އެގަނޑުވަރެއްފަދަ ގެއިން އޭނާ ނުކުތީ ޝަފަޤްއާ ކައިވެނިކުރަން އެއްބަސްވެގެންނެވެ. ހޮޓެލްއަށް ގޮސް އަޒީފާއާއި އިޒްޔަން ފެނުމާއެކު އޭނާއަށް ގިސްލާ ރޮވުނެވެ. އަދި އޭނާއާމެދު އުމައިރު ކަންތައްކުރިގޮތް ކިޔައިދިނެވެ. އަޒީފާވެސް ހިތުގައިޖެހި އެތައްއިރަކު ރުޔެވެ. ނަމަވެސް ފިރިމީހާއާއި ދަރިފުޅުގެ މުސްތަޤުބަލަށްޓަކައި އެކައިވެނިކުރަން އޭނާ ގަބޫލުވިއެވެ. އަމީން ޝަފަޤުއާ ކައިވެނިކުރުމުން އުމައިރު ސިންގަޕޫރުން ގެއެއްގަތުމަށްފަހު ހަދިޔާއަކަށް ދިނެވެ. އަދި އެހެންމީހުނަށް ނޭނގޭހެން ޝަޕަޤްއާއެކު އެގޭގައި ދިރިއުޅެވޭނެގޮތް ހަދައިދިނެވެ. އަދި މާލޭގައިހުރި އަމީންގެ ގެވެސް އެންމެ ޒަމާނީގޮތަށް ހަދައިދިނެވެ.

ކުއްލިއަކަށް އަމީންއަށް ލިބުނު މުއްސަނދިކަމުން އާއިލާގެ މީހުންނާއި ރަހުމަތްތެރީންވެސް ހައިރާންވެގެން ފާޑުފާޑުގެ ވާހަކަވެސް ދެއްކިއެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަމު އަސްލު ހަޤީޤަތެއް ނޭނގުނެވެ. އަމީންގެ ފޯރުންތެރިކަން ފެނުމުން އަޒީފާގެ ބައްޕަވެސް އަމީންގެ އާއިލާއާ ގުޅުން ބަދަހިކުރިއެވެ. އެދުވަސްވަރަކީ އާޒިމްވެސް ބައްޕަގެ ނުގަބޫލުގައި ކުއްޖަކާއި ކައިވެނިކޮށްގެން ހިތްހަމަ ނުޖެހިފައިހުރި ދުވަސްކޮޅެކެވެ. ނަމަވެސް އަމީންގެ ނަސޭހަތުން ބައްޕަ އާޒިމްއާ ސުލަހަވެ އޭނާގެ އަންހެނުން އަމީލާ އެގެއަށް ގެނައެވެ.

އަމީން ހިތާދެކޮޅަށް ކުރި ކައިވެންޏެއް ނަމަވެސް ޝަފަޤުއަށްޓަކައި އޭނާގެ ހިތުގައި ހަމްދަރުދީއާއި ލޯބި އުފެދޭކަށް ގިނަދުވަހެއް ނުނެގިއެވެ. ޝަފަޤުއަކީ އެހެންކުދިންނާ ތަފާތު ކުއްޖެއްކަމުން އަޒީފާގެ ހިތުގައިވެސް ޝަފަޤުއާމެދު އެއްވެސް މިންވަރެއްގެ ހަސަދަވެރިކަމެއް ނުއުފެދެއެވެ. ޝަފަޤަކީ އަމީންގެ އަނތްބަކަށްވުރެ އޭނާއަށް އިހުސާސްކުރެވުނީ އެއީ ކޮއްކޮއެއްގެ ގޮތުގައެވެ. ޝަފަޤުގެ ކިބައިގައިހުރި ޅަގޮތްގަނޑުގެ ސަބަބުން އިޒްޔަން ވަރަށް އަވަހަށް އޭނާއާ ގުޅުންބަދަހިވިއެވެ. ޝަފަޤުވެސް ގިނަ ވަގުތު ހޭދަކުރަނީ އިޒްޔަންއާއެކީ ކުޅުމުގައެވެ. އޭނާކުރިން އުޅުނު ގައިދުޚާނާއަށްވުރެ މިހާރު އުޅޭތަން މާބޮޑަށްވެސް އޭނާއަށް ރަނގަޅެވެ. އޭނާއާ ދިމާއަށް އަޑުލައި އަނިޔާކުރާނެ މީހަކު މިތާކު ނޫޅެއެވެ.

ޝަފަޤްގެ ކައިވެންޏަށް އަހަރުވެގެން ދިޔައިރުވެސް އަމީން އެކުއްޖާއާ ގާތްވާކަށް ކުޑަކޮށްވެސް މަސައްކަތެއް ނުކުރެއެވެ. އޭނާގެ ހިތުގައި އެފަދަ އިހުސާސެއްވެސް ޝަފަޤަށްޓަކައި ނުއުފެދެއެވެ. ނަމަވެސް އަޒީފާ ބަލިވެ އިނދެ ދެފަހަރެއްގެ މަތިން ބައިގެން ދިއުމުން އަޒީފާ އިތުރަށް ދަރިޔަކު ހޯދައިފިނަމަ އޭނާގެ ފުރާނައަށް ނުރައްކާވާނެ ކަމަށް ޑޮކްޓަރ ބުނުމުން އަމީންއަށް ޝަފަޤްއާމެދު ވިސްނާލެވުނެވެ.

" އަމީން އަހަރެން އަންހެން ކުއްޖަކު ބޭޏުން….ޑރ ބުނީ އަހަރެން ދަރިޔަކު ނުހޯދާށޭނު…އެކަމު ޝަފަޤްގެ ފަރާތުން އަމީންއަށް ދަރިޔަކު ހޯދޭނެއްނު…" އެއްދުވަހަކު އަޒީފާ ބުނެލިއެވެ.

" ކިހިނެއް އެނގެނީ ޝަފަޤުއަށް އަންހެން ކުއްޖަކު ލިބޭނެކަމެއް…އަދި އެހެންނޫނަސް އޭނާއަށް ލިބޭކުއްޖަކު އޭނާ ކަހަލަ އުނި ކުއްޖަކަށް ނުވާނެކަމެއް ކިހިނެއް އެނގެނީ" ޖެހިލުންވެފައި އަމީން ބުނެލިއެވެ.

" ކޮންމެ ކަހަލަ ކުއްޖެއްވިޔަސް ހެޔޮ…ދަރިންވާނީ ދަރިންނަށް…ބަލަ އެކުއްޖާއަކީ ކޮންގޮތަކުން އުނިކުއްޖެއް…އޭނަގެ ސަބަބުން އަހަރެމެންނަށް ލިބުނީ ހެޔޮނަސީބެއްނޫންތަ؟..އިޒީ އެހުންނަނީ އަބަދުވެސް އުފަލުންހެވިފަ..ދަރިންނަކީ މާތްﷲ ދެއްވާ އަގުހުރި ނިޢުމަތެއް…އެއުމައިރު ކަހަލަ ޖައްބާރުންނަން އެވަރު ނޭނގުނަކަސް" އަޒީފާ ނުރުހުންވެފައި ބުންޏެވެ. އަމީން އިތުރަށް އެއްވެސް އެއްޗެއް ނުބުނީ އަޒީފާ ދެއްކީ ރަނގަޅު ވާހަކައަކަށް ވީތީއެވެ.

އަމީންވެސް އެކަމާ އެތައް ދުވަހަކު ވިސްނުމަށްފަހު މަޑުމަޑުން ޝަފަޤްއާ ގާތްކަން އުފެއްދިއެވެ. އަދި އޭނާގެ މަގުސަތު ހާސިލްކުރުމުގެ ހުރިހާ މަރުހަލާއެއް ލޯތްބާއި އަޅާލުމާއެކު ފުރިހަމަ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ޝަފަޤު ބަލިވެ އިނދެ ސިއްޚަތު ރަނގަޅު އަންހެން ކުއްޖަކު ވިހެއެވެ. މެޑިކަލް ސައިންސް ބުނާގޮތުންނަމަ އެފަދަ ކުއްޖަކަށް ސިއްޚަތު ރަނގަޅު ކުއްޖަކު ލިބުން އެއީ ވަރަށް މަދުން ނޫނީ ނުވާކަމެކެވެ. އެހެންނަމަވެސް އިލާހީ ގާނޫނޫ އެއަށްވުރެ މާމަތިވެރިވެގެން ވެއެވެ.

ޝައުން ދުނިޔެއަށް އުފަންވީ ދުވަސްވީ ޝަފަޤު މިދުނިޔެއާއި އަލްވަދާޢުކީ ހިތާމަވެރި ދުވަހަށްވެސް މެއެވެ. ވިހެއުމުގެ ތެރޭގައި ދިމާވި ކަމަކާއި ގުޅިގެން ޝަފަޤު ނިޔާވީއެވެ. ކޮއްކޮއެއް ލިބުނީތީ އުފަލުންހުރި އިޒްޔަންއަށް އެޚަބަރު އިވިފައި އޭނާގެ ހިތް ހަލާކުވިއެވެ.އަޒީފާއާއި އަމީންވެސް އެކަމާ ނުހަނު ހިތާމަކުރިއެވެ. ޝަފަޤުގެ ވަކިވެދިއުންވީ އިޒްޔަނގެ ޙަޔާތަށް ލިބުނު ވަރަށްބޮޑު އުނިކަމަކަށެވެ. ޝަފަޤަށްޓަކައި އޭނާގެ ހިތުގައިވީ ލޯބި އޭނާ ޝައުންދެކެވިއެވެ. ޝަފަޤު ނިޔާވި ވާހަކަ އުމައިރުއަށް އަންގަން އަމީން އެތައް މަސައްކަތެއްކުރިއެވެ. އޭނާ ޕާކިސްތާނަށްވެސް ދިޔައެވެ. ނަމަވެސް އޭނާއަށް އުމައިރުގެ އާއިލާއަކާ ދިމައެއްނުވިއެވެ. އޭނާ އެތައް މަސައްކަތަކުން އަމީންގެ އެޑްރެސް ހޯދައިގެން ދިޔައިރު، އެގެހުރި އިމާރާތްވަނީ ބޮޑުހޮޓެލްއަކަށް ބަދަލުކުރެވިފައެވެ. ނަމަވެސް އުމައިރު ދަންނަ އެއްވެސް މީހަކާ ދިމައެއްނުވިއެވެ.
*****
އިޒްޔަން ކިޔައިދިން ވާހަކަ އަޑުއަހާފައި ޝައުން ހައިރާންވެ އެހާމެ ދެރަވެސްވިއެވެ. އެވާހަކަ ތަކަކީ ހަޤީޤަތެއްކަން ގަބޫލުކުރާކަށް އޭނާގެ ހިތެއް ނޭދުނެވެ.

" ދޮންބޭ ބުނޭ ތީ ހުސްފޭކޭ….ތިބޮޑަށް ވައްތަރީ ފިލްމަކާ ނޫނީ ޑްރާމާއަކާ…އަހަރެން މީ މަންމައާ ބައްޕަގެ ދަރިއެއް….ތިދެއްކި ވާހަކަ އަހަރެން ގަބޫލެއް ނުކުރާނަން…." ކިތަންމެ ވަރަކަށް ވިސްނި ނަމަވެސް އެވާހަކަތައް ގަބޫލުކުރަން އޭނާއަށް ދަތިވަނީއެވެ.

" ޝައުން….ދޮންބެއަށް އެނގޭ ވަރަށް އުނދަގޫވާނެކަން މިވާހަކަ ގަބޫލުކުރަން….ކޮކީ ދެރަވާނެތީ ކުރިން ނުބުނީ…." ޝައުންގެ އަތުގައި ހިފާލަމުން އިޒްޔަން ލޯތްބާއެކު ބުންޏެވެ.

" އެކަމު ތިއީ ހަމަ ހަޤީޤަތެއްތަ….ދޮންބެގެ މަންމައެއް ނޫންތަ އަހަރެންގެ މަންމައަކީ؟…ދެން އިޒޫއޯ…އިޒޫއަކީ ކާކުގެ ދަރިއެއް…." ޝައުންހުރީ އަދިވެސް ގަބޫލުކުރަން ބޭނުން ނުވެފައެވެ.

" އިޒޫއަކީވެސް މަންމައާ ބައްޕަގެ ދަރިއެއް….އިޒޫއަކީ ދަރިއަކު ހޯދަން ބޭނުންވެގެން ޕްލޭންކޮށްގެން ލިބުނު ކުއްޖެއްނޫން….އެއީ ހަމަ ސަޕްރައިޒެއް…މަންމަ އުއްމީދުވެސް ނުކޮށްހުއްޓާ ޕްރެގްވީ…ކޮކީ ހަނދާނެއް ނުވޭތަ އިޒޫ ވިހޭދުވަސް…އާންއާ ކޮކީއާ އުފަލުން ފުމެ ފުމެ އުޅުނު ހަނދާން ދޮންބެ އަދިވެސް އެބަހުރި….ނަސީބަކުން މަންމައަށް އެއްވެސް ނުރައްކަލަކާ ކުރިމަތިލާކަށްވެސް ނުޖެހުނު" އިޒްޔަން އޮޅުން ފިލުވައިދިނެވެ.

" ދެން ކޮބާ ޝަފަޤުގެ މިބުނީ ޝައުންގެ މަންމަގެ ފެމިލިމީ މިހާރު؟.." ޝައުން ކުއްލިއަކަށް އަހާލިއެވެ.

" ނޭނގެ ހަމަ އެމީހުން ވީތަނެއް ބުނާކަށް…ފަހަރެއްގަ އެހެން ގައުމަކަށް ބަދަލުވީކަމަށްވެސް ވެދާނެ….އޭގެ ފަހުން ޚަބަރެއްނުވޭ…" އިޒްޔަން އޮޅުންފިލުވައިދިނެވެ.

" ދޮންބޭ…އަހަރެންގެ ލައިފް ހާދަ ފިލްމީއޭ ދޯ….އަދިވެސް އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ….އަހަރެންމީ މަންމަގެ ދަރިއެއްނޫންތަ ހަމަ؟…" ޝައުން ތަކުރާރުކޮށް އެސުވާލު ކުރަމުން ދިޔައެވެ.

" ހޫމް…އެކަމު ތީ އަދިވެސް ބައްޕަގެ ދަރިއެއް…އަދި މަންމަވެސް ޝައުންދެކެ ވަރަށް ލޯބިވޭ…." ޝައުން ނުބައިގޮތަކަށް ވިސްނަފާނެތީ އިޒްޔަން އަވަސް އަވަހަށް ބުނެލިއެވެ.

" ދެން ކީއްވެ އާންއާ ގުޅުމެއްނެތޭ ތިބުނަނީ؟…އަހަރެން މީ އަދިވެސް ހަމަ މިފެމިލީ މީހެއްނު…" ޝައުން ވަރަށް ވިސްނަން އިނދެފައި ސުވާލުކުރިއެވެ.

" އެއީ އާންގެ ބައްޕައާ ދޮންބެގެ މަންމައާ އެއްބަނޑު އެއްބަފާވީމަ….އެކަމު ކޮކީ އެހެން މަންމައެއްވީމަ އާންއާ ގުޅުމެއް ނޯންނާނެއްނު….ކޮކީގެ ބައްޕައާ އާންއާ ގުޅުމެއްނެތީމަ އެހެންއެވީ….އެކަމު އާންގެ ބައްޕައާ އަހަރެމެންގެ ބައްޕައާ ދެބެންނަމަ އަދިވެސް ވީހީ ކަޒިންއަށް…" އިޒްޔަން ވަރަށް ތަފްސީލުކޮށް އޮޅުން ފިލުވައިދިނެވެ.

" އޭގެ މާނައަކީ އަހަރެންމީ އާންގެ ކޮއްކޮއެއް ނޫނޭދޯ….އަހަރެންނާ އާންއަށް މެރީވެސް ކުރެވޭނެދޯ؟.." އުފާވެލާފައި ޝައުންއަށް ބުނެވުނެވެ.

" އޭތް މޮޔަކުއްޖާ ގަނޑާ….ތިހާ އުފާވުމުގެ ބޭނުމެއްނެތް…އާން އަކީ މިހާރު މީހެއްގެ ފިރިއެއް….އެކަން އެނގޭތަ؟…" ޝައުންގެ ނިތްކުރީގައި މަޑުމަޑުން ޖަހާލަމުން އިޒްޔަން ހަނދާންކޮށްދިނެވެ.

" އެންމެ ރަނގަޅޭ….ދެއަންބަށްވެސް އިނދެވިދާނެއްނު…" ލޯއަޅާލަފައި ކުއްލިއަކަށް ޝައުން ބުނެލިގޮތުން އިޒްޔަންއަށް ހެވުނެވެ.
" އޯހ…އެހާވަރަށް ދީވާނާވެފަތަ ތިހުރީ މިކުޑަކުޑަ ކުއްޖާ…" ޝައުންގެ ކޮލުގައި ހިފާލަމުން އިޒްޔަން ބުނެލިއެވެ.

ނުނިމޭ