Last Updated: May 14, 22:22
Tuesday, May 14, 2024
ޚަބަރު

އައްޑޫގެ ހަތަރު ރަށެއްގެ ބިން ހިއްކަނީ!

އެއާޕޯޓް ރަންވޭ ދިގު ކުރާ ސަރަހައްދު ހިއްކަން ގެނައި ޑްރެޖަރު ފޭދޫ ބަނދަރުގައި. ފޮޓޯ/ އައްޑޫ ލައިވް

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އައްޑޫގެ ހަތަރު ރަށެއްގެ ބިން ހިއްކައިދޭނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހައުސިން މިނިސްޓްރީން އިއްލާންކޮށްފައިވަނީ ފޭދޫ އާއި މަރަދޫގެ އިތުރުން މަރަދޫފޭދޫ އާއި ހިތަދޫ ގެ ބިން ހިއްކުމަށް ޝައުގުވެރިވާ ފަރާތްތެއް ހޯދުމަށްވެ.

އެގޮތުން އިއްލާންގައިވަނީ ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ލިޔެކިއުންތައް ހުށަހެޅުމަށެވެ.

ހައުސިން މިނިސްޓްރީއިން އިއްލާންކޮށްފައިވާ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މަޝްރޫއުތައް ހިންގަނީ ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ޕްރޮޖެކްޓް ހިންގުމުން ވަކި މުއްދަތެއްގެ ތެރޭގައި ސަރުކާރުން އަގު އަދާކުރާ ގޮތަށެވެ.

އަދި އެގޮތަށް އެކަން ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓުރީއިން ވަނީ ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ވެސް އެފުރުސަތު ހުޅުވާލާފަ އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން މަރަދޫ އާއި މަރަދޫ ފޭދޫން 75 ހެކްޓަރު ބިން ހިއްކަން ޖެހޭނެ ކަމަށެވެ. އަދި ފޭދޫ އިން 41 ހެކްޓަރުގެ ބިން ހިއްކަން ޖެހޭއިރު ހިތަދޫ އިން 17.7 ބިން ހިއްކަން ހަމަޖެހިފައިވާ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހައުސިން މިނިސްޓްރީއިން ލިބޭ ގޮތް ވަނީ ނުވެފައެވެ.