Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

އެމްޑީޕީން ވައުދާއި އަހުދާ ހިލާފުވެއްޖެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް - ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމި ހިސާބުން އެމްޑީޕީން އެއްބަސްވުމާ ވައުދާ އަހުދާ ހިލާފުވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕު އެމްޑީޕީން ރޫޅާލާނެ ކަމަށް ބުނުމުން ހައިރާން ނުވާ ކަމަށާއި އެއީ މިހާރު ވެސް އޮތް އެއްޗެއްތޯ ސުވާލު އުފައްދާފައެވެ.

"ސުވާލަކީ މިހާރު އެބަ އޮތްހޭ، އިތުރަށް ރޫޅާކަށް މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީމަ އެއްބަސްވުމާ ވައުދާ އަހުދާ ހިލާފުވީ، އެ ނިމުނީ ނޫންތޯ" ގާސިމް ވިދާޅުވިއެވެ.

ގާސިމް މިހެން ވިދާޅުވެފައިމިވަނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުލްލަތީފު މުހައްމަދު ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު އަނބުރާ ނަގާފައިނުވާތީ ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕަށް ބުރޫ އަރާފާނެ ކަމަށް ބުނެ އެމްޑީޕީން ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.

އަދި މިކަމާ މެދު ވިސްނާ މަސްލަޙަތު ނުގެއްލޭނޭ ގޮތަށް ޢަމަލުކުރެއްވުމަށް އިލްތިމާސް ކުރާކަމަށް ވެސް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބަޔާނުގައިވަނީ ގޮވާލާފައެވެ.