Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ނިޒާރު އާއި އިބްރާހިމްދީއަށް އެމްޑީޕީ ޓިކެޓު ގެއްލިއްޖެ

އަންނަ މަޖްލިސް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހިތަދޫ ދެކުނު ދާއިރާ މިހާރު ތަމްސީލު ކުރައްވަމުންދާ މެމްބަރު އަލީ ނިޒާރު އާއި ހިތަދޫ މެދު ދާއިރާގެ މިހާރުގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީއަށް ގެއްލިއްޖެއެވެ.

އިބްރާހިމް ދީދީ އާއި ނިޒާރު ވަނީ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީން ބަލިވެފައެވެ.

ހިތަދޫ މެދު ދާއިރާއިން އިބްރާހިމްދީދީ އާއި ވާދަކޮށް އެދާއިރާގެ ޓިކެޓު ކާމިޔާބު ކުރީ ހިތަދޫ، އަރާއިރު އަހުމަދު ރަޝީދު (ޗެކްމާކު އަހުމަދު ރަޝީދު)އެވެ.

ނިޒާރު ބަލިވީ އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ ރައީސް އިބްރާހިމް ނާޒިލް އާއި ވާދަކޮށްގެންނެވެ. ނާޒިލްއަށް 806 ވޯޓު ލިބުނު އިރު ނިޒާރުއަށް ލިބުނީ 599 ވޯޓެވެ.

ނިޒާރު އާއި އިބްރާހިމްދީއަށް ޓިކެޓު ގެއްލުނުއިރު ހިތަދޫ އުތުރު ދާއިރާއިން ޕްރައިމަރީގައި ވާދަކުރެއްވި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި މަރަދޫ ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމް ޝަރީފު ވަނީ ބޮޑު ތަފާތަކުން ޓިކެޓު ކާމިޔާބުކޮށްފައެވެ. އަދި މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާވެސް ވަނީ ޕްރައިމަރީ ޓިކެޓު ކާމިޔާބުކޮށްފައެވެ.