Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

މެކްސިކޯ ޕައިޕްލައިނެއް ގޮވައި 20 މީހަކު މަރުވެއްޖެ

ތެޔޮހޮޅި ގޮވައިގެން ސިފައިން ހަރަކާތްތެރިވަނީ: ފޮޓޯ އޭއެފްޕީ/ގެޓީ

މެކްސިކޯގެ ތެޔޮ ދައުރުކުރާ ބޮޑު ޕައިޕްލައިނެއް ގޮވައި 20 މީހަކު މަރުވެ 71 މީހަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ތެޔޮ ހޮޅިން ތެޔޮ ވަގަށް ނެގުމަށް ކުރި މަސައްކަތަކުން ކަމަށް ސަރުކާރުގެ ތެޔޮ ކުންފުނި ޕެމެކްސް އިން ބުނެފައިވެއެވެ. "އެންބީސީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިކަން ކޮށްފައިވަނީ ކުޑަ އަވަށެއް ކަމަށްވާ ހިޑަލްގޯ ގައެވެ.

ތެޔޮ ވަގަށް ނަގަން ކުރި މަސައްކަތުގައި ލީކުވެ، ހޮޅީގައި ރޯވެ ގޮވުމުގެ ސަބަބުން ގިނަ އަދަދެއްގެ ތެޔޮ ދަނީ ލީކު ވަމުންނެވެ. ލީކުވަމުންދާ ތެޔޮ އެއްކުރުމުގައި ރަށު ރައްޔިތުން ބާލިދީތަކާއި އެހެނިހެން ތަކެތި ހިފައިގެން މަގުތަކަށް ނިކުމެފައިވާއިރު ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ.

މެކްސިކޯގެ ރައީސް އަންޑްރެސް މެނުއަލް ލޮޕޭޒް ވަނީ ތެލުން ކުރާ ވައްކަން ހުއްޓުވުމަށް ޚާއްސަ ހަރަކާތެއް ފައްޓަވާފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ކޮންމެ އަހަރަކު ވަގަށް ނަގާ ތެލުގެ އަގު 3 ބިލިއަން ޑޮލަރަށް އަރާނެއެވެ.